އާރްޔާން ޚާންގެ ފުރަތަމަ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ފުރަތަމަ ލުކް އާންމުކޮށްފިއެވެ.

އެ ލުކް އާންމު ކުރުމަށް ހިއްސާކުރި ވީޑިއޯއަކީ އޭނާގެ ބައްޕަ، ސުޕަސްޓާ ޝާހުރުކް ޚާންގެ ސްޓައިލަށް އާރްޔަންގެ އަޑުން ކިޔައިދޭ ވީޑިއޯއެކެވެ. ނަމަވެސް ޝާހު ލޯތްބާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އާރްޔަން ދައްކަނީ ހަމަލާއާއި އެކްޝަންގެ ވާހަކައެވެ.

https://youtu.be/LHoZtyBBkQM

ވީޑިއޯ ފަށަނީ ޝާހުގެ ފިލްމު "މޮހައްބަތޭން" ގައި އޭނާ ދައްކާ ވާހަކައަކުން ނަމަވެސް، އާރްޔަން އެ ސްކްރިޕްޓް ބަދަލުކޮށް، ސީރީޒްގައި ލޯތްބާއި ހަމަލާ، ދިމާވާ ހާދިސާތައް ގިނަވާނެ ކަމަށް ބުނެއެވެ.

މި ސީރީޒް ޑައިރެކްޓްކޮށް ލިޔެފައިވަނީ އާރްޔަން ޚާން އެވެ. ޕްރޮޑިއުސްކޮށްފައިވަނީ ގައުރީ ޚާން އެވެ. ބިލާލް ސިއްދީގީ އާއި މަނަވް ޗައުހާން އަކީ މި ސީރީޒްގެ ލިޔުންތެރިންނާއި ކޯ-ކްރިއޭޓަރުންނެވެ. ލަކްޝްޔާ އަދި ސަހާ ބަންބާގެ އިތުރުން، ބޮބީ ދިއޯލް، މަނޯޖް ޕަހްވާ، މޯނާ ސިންގް، މަނިޝް ޗައުދަރީ، ރާގަވް ޖުޔާލް، އާނިޔާ ސިންގް، ވިޖަޔަންތު ކޯލީ، އަދި ގޯތަމީ ކަޕޫރް ވެސް މި ސީރީޒްގައި ހިމެނެއެވެ.

މި ސީރީޒް ނެޓްފްލިކްސްގައި މި އަހަރު ފަހުކޮޅު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ސީރީޒްގެ ނަން އިއުލާނުކޮށްފައިވަނީ ޝާހު މި އަހަރުގެ ކުރީކޮޅު މުމްބާއީގައި ބޭއްވި "ނެކްސްޓް އޮން ނެޓްފްލިކްސް" އިވެންޓުގައެވެ.