ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެއެވެ.

މަސީ އުފެދުނުތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބާސެލޯ ނަސަންދުރާ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖަނާހް ވަނީ، އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް ވޭތުވެދިޔަ ދައުރުތަކުގައި ވެރިކަން ކުރެއްވި އެކި ސަރުކާރުތަކާއެކު މަސީން ކޮށްފައިވާ ބުރަ މަސައްކަތްތަކަށް ފާހަގަކުރައްވައިފައެވެ.

އަދި ދުނިޔެއަށާއި ރާއްޖެއަށް އަންނަ އިގްތިސޯދީ އަދި މާލީ ލޮޅުންތަކުގެ ސަބަބުން އެންމެ ފުރަތަމަ ނޭދެވޭ އަސަރު ފޯރަނީ އިމާރަތްކުރުމުގެ ސިނާއަތަށްކަން ފާހަގަކުރައްވައި، ދިވެހިންނަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ބައެއްކަމަށް ޖަނާހު ވިދާޅުވިއެވެ.

ޖަނާހް ވިދާޅުވީ، އިމާރަތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް ރައީސް މުއިއްޒު ވަރަށް ގާތުން ކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓަރާއެކު ސިލްސިލާ މަޝްވަރާތަކެއް ކުރެވި، ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ ހައްލުތަކެއް މިހާރުވެސް ހޯދަމުންދާކަމަށް ޖަނާހު ވިދާޅުވިއެވެ.

26 ނޮވެމްބަރު 2026، އެމްއެންއޭސީއައިއަށް 25 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"މި އިންޑަސްޓްރީ ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ ހައްލުތައް އެކިއެކި ސަރުކާރުތަކުންނާއި އަދި ހާއްސަކޮށް މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ކައިރިން ބައްލަވައި އަޅުގަނޑުމެންނާއި އަދި، މިހާރުގެ މިނިސްޓާ އޮފް ކޮންސްޓްރަކްޝަންވެސް އަޅުގަނޑުމެންނާއި ބައްދަލުކުރައްވައި ވަރަށް ގިނަ މަޝްވަރާތައް ކުރެވި ވަރަށް ގިނަ ހައްލުތައް ހޯދެމުންދަނީ." ޖަނާހް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަސީއަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ 29 ބޭފުޅެއްގެ ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑު ދީފައިވެއެވެ. މީގެ ތެރޭގައި ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި، 20 އަހަރު ހިދުމަތް ކުރެއްވި 18 ބޭފުޅަކާއި، 15 އަހަރު ހިދުމަތް ކުރެއްވި އެއް ބޭފުޅެއްގެ އިތުރުން 10 އަހަރު ދުވަހު ހިދުމަތް ކުރެއްވި 10 ބޭފުޅަކު ހިމެނެއެވެ.

26 ނޮވެމްބަރު 2026، އެމްއެންއޭސީއައިއަށް 25 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ކޮންސްޓްރަކްޝަން، ހައުސިން އެންާޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި މަސީން ވަނީ، 2001 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މައިބަދަ ކަމުގައިވާ އިމާރާތްކުރުމުގެ ދާއިރާ ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.