(16 ނޮވެމްބަރުގެ އަދަދާ ގުޅޭ)

مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه އިސްލާމްދީނުގެ އަސާސީ ޢަޤީދާތަކާއި އެދީނުގެ މުހިންމަތާއި މަޤުޞަދުތައް أُسَـيــد އަށް ބަޔާންކޮށްދެއްވިއެވެ. ނުހަނު ފޮނި ބަސްފުޅުތަކުންނެވެ. އެހައިމެ ބަލާޣާތްތެރިކަމާ އެކުގައެވެ. އެއަށްފަހު ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެދެއްވިއެވެ. أُسَـيــد އަށް ބޭއިޚުތިޔާރުގައި ކުއްލިޔަކަށް ވިދާޅުވެވިއްޖެއެވެ. "ތިޔައީ ހާދަ ރަނގަޅު ހާދަ ފުރިހަމަ ވާހަކަފުޅުތަކެކެވެ."

މާތް اللّــــه ގެ ކަލާމުފުޅު އެ ކަލާމުފުޅުގެ މުޢުޖިޒާތީ އަސަރު أُسَـيــد ގެ ހިތްޕުޅަށް ވެރިކުރުވައިފިއެވެ. އެކަލޭގެފާނުގެ ވިސްނުންފުޅާއި ބުއްދިފުޅު އީމާންކަމުގެ ނޫރުން ފާންވެ ވިދައި ބަބުޅައިގަތެވެ. أُسَـيــد ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަ ދީނަށް ވަންނާން ކުރާންވީ ކޮންކަމެއްތޯއެވެ؟"

ـصــعــب رضـــــى اللّــــه عــنــــه ޖަވާބު ދެއްވިއެވެ. "ނާނެއިފިއްލަވައި (ވުޟޫކުރައްވައި) ހަށިކޮޅު ޠާހިރުކުރައްވާށެވެ. އެއަށްފަހު ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވާށެވެ." أُسَـيــد ވަގުތުން ވުޟޫކުރައްވައިގެން ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވެ އިސްލާމްވެވަޑައިގެންފިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑު ފިޔަވައި އަދިވެސް އެކަކު އެބަހުއްޓެވެ. ތިޔަބޭކަލުން އޭނާ ތެދުމަގަށް ގެންނެވޭތޯ ބައްލަވާށެވެ. (أُسَـيــد އެ އިޝާރާތްކުރެއްވީ سـعــد بــــن مــعــــاذ އަށެވެ.) އޭނާ އިސްލާމްވެއްޖެކަމުގައިވާނަމަ އޭނާގެ މުޅި ޤައުމު އޭނާއަށް ތަބާވާނެކަން ކަށަވަރެވެ. އަޅުގަނޑު ހަމަ މިހާރު އޭނާ ތިޔަބޭކަލުންގެ އަރިހަށް ފޮނުވާނަމެވެ."

أُسَـيــد އެނބުރި ވަޑައިގެންނެވިއިރު سـعــد بــــن مــعــــاذ އިންނެވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ އެއްވުމެއްގައެވެ. أُسَـيــد ފެނިވަޑައިގަތުމުން سـعــد ވިދާޅުވިއެވެ. أُسَـيــد މިވަޑައިގަންނަވަނީ އަހަރެންގެ ގާތުން ވަޑައިގެންނެވިއިރު ހުރި މޫނުފުޅާއިގެންނެއް ނޫނެވެ. أُسَـيــد ބަދަލުވެވަޑައިގެންފިކަން سـعــد އަށް އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެކަން ފާޅުނުކުރައްވައި ސުވާލުކުރެއްވިއެވެ. "ކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގެން ކުރެއްވީ ކީއްތޯއެވެ؟" أُسَـيــد ވިދާޅުވިއެވެ. "އަޅުގަނޑު އެދެމީހުނާ ވާހަކަދެއްކީމެވެ. މާތް اللّــــه ގަންދެމެވެ. އެދެމީހުންނަކީ މާތް اللّــــه ގެ ރަސްކަންފުޅު ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ ބިރުގަންނަ ބަޔެއް ނޫނެވެ. އެމީހުން ބުނީ އެމީހުން ކުރަނީ އެމީހުންގެ ނަޒަރުގައި ރަނގަޅު ކަންތައް ކަމުގައެވެ. އެކަންތައް ކުރާނެކަމުގައެވެ. އަނެއްކާ އަޅުގަނޑަށް އެނގުނުގޮތުގައި ޙާރިޘަތުވަންހައިގެ މީހުން أسعــد ޤަތުލުކުރާން ނިކުމެއްޖެއެވެ. އެބައިމީހުން އެކަން ކުރާން އެއުޅެނީ أسعــد އަކީ ކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަލުން ކަމުގައިވާތީއެވެ. ކަލޭގެފާނުގެ ހިތްޕުޅުދަތިކުރުވާން ވެގެންނެވެ. ކަލޭގެފާނުގެ ޢަހުދު އުވައިލައިފައެވެ."

2. ދެވަނަ މިސާލަކީ سـعــد بــــن مــعــــاذ رضـــــى اللّــــه عــنــــه އިސްލާމްވެވަޑައިގެންނެވުމެވެ. أُسَـيــد ގެ ވާހަކަފުޅު އިވިވަޑައިގެންނެވުމުން سـعــد بــــن مــعــــاذ ވަރަށް ބޮޑަށް ކޯފާއިސްވިއެވެ. ވިދާޅުވިއެވެ. "ކަލޭގެފާނަށް ތިޔަކުރެއްވުނީ ކޮންކަމެއްތޯއެވެ؟ އަނެއްކާ އަޅުގަނޑު އަމަށުންހުއްޓައި أُسَـيــد ޤަތުލުކުރެވިގެންވެދާނެތޯއެވެ؟ ތިޔަބައިމީހުން މިތާނގައި ތިބޭށެވެ. ތިޔަ ކަންތައްތައް ރަނގަޅުކޮށް ހަމަޔަކަށް އަޅުވައިފައި އެބައަންނަމެވެ." سـعــد بــــن مــعــــاذ މިހެން ވިދާޅުވެފައި ކަނޑި ހިއްޕަވައިގެން ވަޑައިގެންނެވީ مـصــعــب އާއި أسعــد އާ ދެބޭކަލުންގެ އަރިހަށެވެ. سـعــد بــــن مــعــــاذ، أسعــد ދެކެ ކޯފާވީ އިސްލާމްދީނުގެ މުބައްލިޣަށް أسعــد މެހުމާންދާރީ އަދާކުރައްވާތީއެވެ. އެކަލޭގެފާނުގެ އަރިހުން ޙިމާޔަތް ދެއްވައިފައިވާތީއެވެ. سـعــد ވަރަށްބޮޑަށް ކޯފާވެފައި أسعــد އާ ދިމާޔަށް ވިދާޅުވިއެވެ. "އޭ أبـــو أمــامـــة އެވެ! و اللّــــه އެވެ. ކަލޭގެފާނާއި އަޅުގަނޑާ ދެމެދު ތިމާގެކަމެއް ނުވާނަމަ މިކަނޑީން ކަލޭގެފާނުގެ އިސްތަށިފުޅު ކަނޑައިލީމުހެވެ. ތިޔަބޭކަލުން އަޅުގަނޑުމެންގެ ސަރަޙައްދުގައި އަޅުގަނޑުމެންގެ މީހުން މަގުފުރައްދަވަނީއެވެ."

أسعــد بـــن زُرارة رضـــــى اللّــــه عــنــــه އެއްވެސް ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް مـصــعــب ނުހަނު މަޑުމައިތިރިކަމާއެކު ވާހަކަދައްކަވައި سـعــد بــــن مــعــــاذ އިށީނދެވަޑައިގަންނަވާން އެއްބަސްކުރުއްވިއެވެ. مـصــعــب ވިދާޅުވިއެވެ. އަޅުގަނޑުމެން ދައްކާ ވާހަކަތައް އެންމެފުރަތަމަ އަޑުއައްސަވައިލައްވާށެވެ. އެވާހަކަތަކުގެ ތެރޭގައި ރަނގަޅު ކަމުގައި ފެނިވަޑައިގަންނަވާ ވާހަކައެއް އޮވެއްޖެކަމުގައިވާނަމަ އެވާހަކައެއް ގަބޫލުކުރައްވާނީއެވެ. ރުހިވަޑައިނުގަންނަވާ ވާހަކައެއްނަމަ އަޅުގަނޑުމެން އެވާހަކައެއް ކަލޭގެފާނަކަށް އަޑެއް ނުއިއްވާނޫއެވެ."

سـعــد بــــن مــعــــاذ ވިދާޅުވިއެވެ. "ތިޔައީ އިންސާފުވެރި ގޮތެކެވެ." އެހެން ވިދާޅުވެފައި އިށީނދެވަޑައިގެންފިއެވެ. مـصــعــب رضـــــى اللّــــه عــنــــه، سـعــد بــــن مــعــــاذ އަށް އިސްލާމީ ރިސާލަތު ތަޢާރުފުކޮށްދެއްވިއެވެ. އިސްލާމީ ރިސާލަތުގެ މަޤުޞަދަކީ އިންސާނުންނާއި އެބައިމީހުންގެ ޙަޤީޤީ ރަސްވަންތަ ރައްބާ ސީދާ ގުޅުވައިދިނުން ކަމުގައި ވިދާޅުވިއެވެ. އެހެނިހެން ބާޠިލު ފަރާތްތަކުގެ އަޅުވެތިކަމުން އިންސާނުން ސަލާމަތްކޮށް މިނިވަންކަމާއި ޞުލްޙަމަސަލަސްކަމާއި އިންސާފާއި ހަމަހަމަކަން ޤާއިމުކުރުން ކަމުގައި ވިދާޅުވެދެއްވިއެވެ. އިންސާނުންނަށް ފިކުރީ މިނިވަންކަން ހޯދައިދީ، ޢިލްމާއި މަޢުރިފާއާއި ރަށްވެހިކަމުގެ ދޮރުތައް ހުޅުވައިދިނުން ކަމުގައި ވިދާޅުވިއެވެ. އެއަށްފަހު ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެދެއްވިއެވެ.

مـصــعــب ވިދާޅުވާގޮތުގައި سـعــد بــــن مــعــــاذ އިސްލާމްކަން ފާޅުކުރެއްވުމުގެ ކުރީންވެސް އެކަލޭގެފާނުގެ ހިތްޕުޅު އިސްލާމްދީނަށް ހުޅުވި ތަނަވަސްވެއްޖެކަން مـصــعــب އަށް އެނގިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު އަލިވެގެންދިޔަވަރުންނާއި މޫނުފުޅުމަތީން ހިތްޕުޅު ހަމަޖެހިވަޑައިގެންނެވިކަން ހާމަވާން ފެށުމުންނެވެ. سـعــد بــــن مــعــــاذ ސުވާލު ކުރެއްވިއެވެ. އިސްލާމްވެވަޑައިގަތުމަށްޓަކައި ތިޔަބޭކަލުން ކުރައްވަނީ ކޮންކަމެއްތޯއެވެ؟ مـصــعــب ޖަވާބު ދެއްވިއެވެ. "ކަލޭގެފާނު ނާނެއިފިއްލަވައި ހެދުންކޮޅު ޠާހިރުކުރައްވާށެވެ. އެއަށްފަހު ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވެ ދެރަކުޢަތް ނަމާދެއް ކުރައްވާށެވެ." سـعــد بــــن مــعــــاذ އެގޮތަށް ޢަމަލުކުރައްވައި އިސްލާމްވެވަޑައިގެންފިއެވެ.

سـعــد بــــن مــعــــاذ رضـــــى اللّــــه عــنــــه އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ ކަނޑިކޮޅު ހިއްޕަވައިގެން މިސްރާބު ޖެއްސެވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ބައްދަލުވުން އޮތް ތަނަށެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅުވަނީ އީމާންކަމުގެ ނޫރުން ވިދައި ބަބުޅައިފައެވެ. އެކަލޭގެފާނުގެ ލޭފޮދުހުރީ އީމާންކަމުގެ ފޯރިއާއި ޖޯޝުން ކެކި އުތުރިއަރައި ބޮކިޖަހަޖަހައެވެ. އެވަޑައިގެންނެވިގޮތަށް ވަޑައިގެން ޤައުމުގެ މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"އޭ ޢަބްދުލްއަޝްހަލުވަންހައިގެ މީހުންނޭވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެންގެ މަގާމަކީ ކޮބައިހެއްޔެވެ؟" އެމީހުން ޖަވާބު އެރުވިއެވެ. "ކަލޭގެފާނަކީ އަޅުގަނޑުމެންގެ ޤާއިދެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ނަސަބުން އަރައިހުންނެވި، އެންމެ މޫނުފުޅު އަލި، އެންމެ ބުއްދިފުޅު ފުރިހަމަ، އެންމެ ބަރަކާތްތެރި ސާހިބާއެވެ." سـعــد ވިދާޅުވިއެވެ. އެހެންވީއިރު އެންމެން ރަނގަޅަށް އަޑުއަހާށެވެ. އަހަރެން ތަބާވެގެން މިހިރަ މާތް އިސްލާމްދީން ގަބޫލުކޮށް މާތް اللّــــه އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވުމުގެ ކުރީން ތިޔައިގެ ތެރެއިން އެކަކާވެސް ވާހަކަދެއްކުން އަހަރެންގެ މައްޗަށް ޙަރާމްކޮށްފީމެވެ."

މުއައްރިޚުން ވިދާޅުވާ ގޮތުގައި އެދުވަހުގެ އިރުއޮއްސުނުއިރު ޢަބްދުލްއަޝްހަލުވަންހައިގެ ގެއެއްގައި މުސްލިމަކު މެނުވީ ނެތެވެ. އެންމެ މީހަކު ފިޔަވައެވެ. އޭނާގެ ނަމަކީ عَـــمــــــرو بـــن ثــابـت އެވެ. އާންމު ނަމަކީ އަލްއުޞައިރަމެވެ. އޭނާ އިސްލާމްނުވެ ހުރެއްޖެއެވެ. ނަމަވެސް އުޙުދު ހަނގުރާމައިގެ ދުވަހު އޭނާވެސް އިސްލާމްވެވަޑައިގެންފިއެވެ. ޔަޘްރިބުގެ (މަދީނާގެ) މުޅި ޖައްވު ތައުޙީދުގެ ނޫރުން އަލިވެ އުޖާލާވެއްޖެއެވެ. އޭގެކުރީން ޔަޘްރިބު އޮތީ މުޅީން ނާމާންވެފައެވެ. ކުފުރާއި ޝިރުކާއި އަނިޔާވެރިކަމާއި ފާފަވެރިކަމުގެ ބިރުވެރި އަނދިރިކަމުގެ ސަބަބުންނެވެ.

ޢަބްދުލްއަޝްހަލުވަންހައިގެ މީހުން އިސްލާމްވުމަށްފަހުވެސް مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه ދުވަސްކޮޅެއްވާންދެން أسعــد بـــن زُرارة رضـــــى اللّــــه عــنــــه ގެ ގެކޮޅުގައި ހުންނަވައި އިސްލާމްދީނަށް ދަޢުވަތު ދެއްވަމުން ގެންދެވިއެވެ. ނަމަވެސް خـــــزرج ވަންހައިން އެހައިތަނަށް އިސްލާމްނުވެ ތިބި ބައެއް މީހުންގެ ތުރާލާހުރެ سـعــد بــــن مــعــــاذ رضـــــى اللّــــه عــنــــه ގެ ގެކޮޅަށް ބަދަލުވެވަޑައިގެންފިއެވެ. އިސްލާމީ ދަޢުވަތުގެ މަރުކަޒަކަށް އެގެކޮޅު ހައްދަވައިފިއެވެ. ނަބީކަމުގެ ތޭރަވަނަ އަހަރުގެ ޙައްޖު މޫސުން ކައިރިވެގެން އައިއިރު މަދީނާއާއި ޤުބާގައި ވަނީ ވަރަށްބޮޑަށް އިސްލާމްދީން ފެތުރިފައެވެ. ޚަޠުމާއާއި ވާއިލްއާއި ވާޤިފުއާ މިތިން ޤަބީލާގެ ބައެއް ގެތައް ފިޔަވައި މުސްލިމުންގެ އެކަކު ދެމީހަކު ނެތް އެއްވެސް ގެއެއް މަދީނާއަކު ނެތެވެ. މިދެންނެވި ގެތަކުގެ މީހުންނަކީ މަޝްހޫރު ޝާޢިރެއް ކަމުގައިވާ أبـــو قـيـس صـيــفـــى بـــن أصــلـت އަށް ފޮތްދަރާ ބަޔެކެވެ. އޭނާ ޚަންދަގު ހަނގުރާމަޔާ ހަމަޔަށްވެސް އެމީހުން އިސްލާމްވިޔަނުދީ ހިފެހެއްޓިއެވެ.

ނަބީކަމުގެ ތޭރަވަނަ އަހަރުގެ ޙައްޖު މޫސުން އައުމުގެ ތަންކޮޅެއް ކުރީން مـصــعــب رضـــــى اللّــــه عــنــــه މައްކާއަށް އެނބުރި ވަޑައިގެން ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ގެ ހިރިޔާފާތުރާގެ ދަށަށް އެކަލޭގެފާނުގެ ކާމިޔާބު މަސައްކަތްޕުޅުގެ ރިޕޯޓު ހުށަހެޅުއްވިއެވެ. ޔަޘްރިބުގައި ދިރިއުޅޭ ޤަބީލާތަކުގެ ހޭޑިފޭޑިއާއި، މީހުންގެ ލަޔާޤަތާއި، މަދީނާގެ އިޤުތިޞާދީ އިޖުތިމާޢީ ކަންކަމާއި ދިފާޢީ ކަންކަން ހުރިގޮތުގެ ފުރިހަމަ ބަޔާނެއް ދަންނަވައިދެއްވިއެވެ.

ޢަޤަބާގެ ދެވަނަ ބައިޢަތު (ބައެއް ރިވާޔަތްތަކުގައި ތިންވަނަ ބައިޢަތު)

އިސްލާމްދީނުގެ މަތިވެރި އިންޤިލާބަށް ޔަޘްރިބުގެ މަސްރަޙު ވަނީ ވަރަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ. ރަށުގެ ޢަރަބި ވަޒަންވެރީންގެ ތަނަވަސް އަކްސަރިއްޔަތަކީ މުސްލިމުންކަމުގައި ވެއްޖެއެވެ. ޔަޘްރިބުގެ މުސްލިމުން މަޝްވަރާކޮށް އެކަށައެޅީ މުސްލިމުންގެ ބައިޢަތު އައުކޮށް އިތުރު ސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އަށް ޔަޘްރިބަށް ގެމަށްވޮޑިގަތުމުގެ ދަޢުވަތު އަރުވާށެވެ. އެކަމަށްޓަކައި ނަބީކަމުގެ ތޭރަވަނަ އަހަރުގެ ޙައްޖު މޫސުމުގައި ޔަޘްރިބުގެ މުސްލިމުން އެބައިމީހުންގެ މަންދޫބުން މައްކާއަށް ފޮނުވިއެވެ. އެ ވަފުދުގައި ހަތްދިހަތިން ފިރިހެނުންނާއި ދެއަންހެނުން ހިމެނުނެވެ. އެވަފުދު މައްކާއަށް ދަތުރުކުރީ ޔަޘްރިބުގެ އާންމު ޙައްޖުވެރީންނާ އެކުގައެވެ. ޙައްޖާޖީންގެ ޤާފިލާއެއްގައެވެ.

އިތުރު ސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އަންޞާރުންނާ ބައްދަލުކުރައްވާން ހަމަޖެއްސެވީ ޢަޤަބާގެ އެންމެ ފުރަތަމަ ބައިޢަތުވެސް ހިއްޕެވުނު ތަނުގައެވެ. ޖަމްރަތުލްޢަޤަބާގެ ތިރީން މިނާއިން މައްކާއަށް ދާއިރު ވާތްފަރާތުގައި އެހުންނަ މަސްޖިދުލްބައިޢާ އެހުރި ތަނުގައެވެ. އެދުވަސްވަރު ޖަމްރާއަށް ހިލައުކައި ނިމުމުން އެހިސާބުގަނޑުގައި މީހުންގެ ހޭލަމޭލަވުން ނިސްބަތުން ވަރަށް ކުޑައެވެ. ބައްދަލުވެވަޑައިގަންނަވާނެ ރެއެއްކަމުގައި ހަމަޖެއްސެވީ އައްޔާމުއްތަޝްރީޤުގެ ދެވަނަ ރެއެވެ. (ޙައްޖުމަހުގެ ބާރަވަނަ ރެއެވެ.) ގަޑިޔެއްކަމުގައި ވިދާޅުވެފައިވަނީ އިރާދަން ހުސްވެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ފާއިތުވުމެވެ.

އެރޭގެ ބައިޢަތާއި މުޢާހަދާއަކީ އިންތިހާދަރަޖައިގެ ޙައްސާސް އަދި ތާރީޚީގޮތުން މުހިންމު ބައިޢަތަކާއި މުޢާހަދާއެކެވެ. ޢަޤަބާގެ އެންމެފުރަތަމަ ބައިޢަތުގައި އެކުލެވިގެންވަނީ ސިޔާސީ މަފްހޫމެއް ދޭހަވާ އެންމެ މާއްދާއެކެވެ. އެ ބައިޢަތު ތާރީޚުގައި ފާހަގަކުރެވިފައިވަނީ އަންހެނުންގެ ބައިޢަތުގެ ނަމުންނެވެ. ނަމަވެސް މިފަހަރުގެ ބައިޢަތަކީ އިސްލާމީ ދައުލަތުގެ "ނަކަތްގައު" ކަމުގައިވާ "ދިފާޢީ ހަނގުރާމައިގެ" ބައިޢަތެވެ. ކައުސާހިބާއާއި މުހާޖިރުންނާއި އިސްލާމީ ދައުލަތް ޙިމާޔަތްކުރުމުގެ ބައިޢަތެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ވެސް އަދި އަންޞާރުންވެސް ބޭނުންފުޅުވީ މައްކާގެ މުޝްރިކުންނަށް އެބައިޢަތުގެ ޚަބަރު ސިއްރުކުރައްވާށެވެ. އެހެންކަމުން އިތުރު ސާހިބާ ޢަޤަބާއަށް ވެދެވަޑައިގެންނެވީ أبـــوبــكـــر ގެފާނާއި عــلــــــى ގެފާނާ ދެބޭކަލުން ޝިޢުބަށް ވަންނަ މަގުމަތީގައި ފާރަޔަށް ބައިތިއްބަވައިފައެވެ. އިތުރު ސާހިބާގެ ބޮޑުބޭބޭފުޅު عــبّـــاس بــــن عــبـــدالمطّــلــب އިތުރު ސާހިބާގެ އަރިހުގައި ގެންދެވިއެވެ. عــبّـــاس ގެފާނު އޭރަކު އަދި އިސްލާމްކަން ފާޅެއް ނުކުރައްވައެވެ. ނަމަވެސް ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ބޭރުބަޔަކާއެކު ކުރައްވާ މިފަދަ މުޢާމަލާއެއްގައި عــبّـــاس ގެފާނު ބައިވެރިކުރައްވަން ކައުސާހިބާވެސް އަދި عــبّـــاس ގެފާނުވެސް ބޭނުންފުޅުވެވަޑައިގެންނެވީއެވެ.

ރޭގެ ޕްރޮގްރާމު ފެށި، ޢަސްކަރީ އެއްބާރުލެއްވުން ދެއްވުމާއި ކައުސާހިބާ ޙިމާޔަތް ކުރެއްވުމުގެ ޢަހުދުގެ ވާހަކަ ދެކެވެން ތައްޔާރުވުމުން އެންމެ ފުރަތަމަ ވާހަކަދެއްކެވީ عــبّـــاس ގެފާނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ޚަޒުރަޖުވަންހައިގެ މީހުންނޭވެ! މިހުންނެވި محــمّــــد ގެފާނު އެހުންނެވީ އެކަލޭގެފާނުގެ އަމިއްލަފުޅު ވަޒަނުގައެވެ. ޢިއްޒަތުގައެވެ. ތިޔަބައިމީހުން ދަންނާނެ ފަދައިން قـــــريـش ންނަކީ އެކަލޭގެފާނުގެ ޖާނީ ދުޝްމަނުންނެވެ. ނަމަވެސް އަހަރެމެން އެކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައިގެންނެވިޔަނުދީ އެކަލޭގެފާނު ޙިމާޔަތްކޮށްފީމުއެވެ. މިހާރު އެކަލޭގެފާނު ބޭނުންފުޅުވަނީ ތިޔަބައިމީހުންގެ ރަށަށް ބަދަލުވެވަޑައިގަންނަވާށެވެ. ތިޔަބައިމީހުން އެކަލޭގެފާނަށް ހިފާން ތިޔައުޅޭ ބައިޢަތު ފުރިހަމަކުރެވޭނެކަމުގެ ޔަގީންކަން ތިޔަބައިމީހުންނަށް އޮތްކަމުގައިވާނަމަ ތިޔަބައިމީހުން ތިޔަ ޢަޤުދުކޮށް ބައިޢަތުގެ ކަންތައް ފުރިހަމަކުރާށެވެ. ތިޔަބައިމީހުން ތިޔަކުރާ ޢަހުދަކީ އެންމެހައި ކަޅުމީހުންނަށާއި ދޮންމީހުންނަށް ދެވޭ ހަނގުރާމައިގެ ދަޢުވަތެކެވެ. ތިޔަބައިމީހުންނަކީ ގަދަފަދަކަމާއި ހިތްވަރުގަދަކަންހުރި މިނިވަން ބަޔަކު ކަމުގައިވާނަމަ ތިޔަކަންތައް އުފުލާށެވެ. ތިޔަބައިމީހުންގެ ހަށިތަކުގައި ފުރާނަ ހުރިހައިހިނދަކު އެކަލޭގެފާނަށް ނަޞްރުދީ އެކަލޭގެފާނު ރައްކައުތެރިކޮށްދެވޭނެކަމުގެ ޔަގީންކަން އޮތްކަމުގައިވާނަމަ ތިޔަ ބައިޢަތު ހިފައި ޢަހުދުކުރާށެވެ. އެހެންނޫންނަމަ މިހާރުއްސުރެ އެކަލޭގެފާނު ދޫކޮށްލާށެވެ. ޝަރަފުވެރި ގޮތަކަށްވާނީ އެގޮތެވެ."

(ނުނިމޭ)