ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" (ޑީއެމްޖީސީ) 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ދިރާގުން ބުނި ގޮތުގައި ގިނަ ބައެއްގެ ޝައުގުވެރިކަމާ އެކު އިންތިޒާރުކުރަމުންދާ މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މި މަހު 26 އިން ފެށިގެން 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ބުނި ގޮތުގައި މި އަހަރުގެ ޗެމްޕިއަންޝިޕްގައި ޖުމްލަ ފަސް ކުޅިވަރެއް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ވީޑިއޯ ގޭމްތަކާއި ޓޭބަލްޓޮޕް ބޯޑް ގޭމްތައް ހިމެނެއެވެ. އެގޮތުން، ވީޑިއޯ ގޭމްތަކުގެ ތެރެއިން ހިމެނޭ "އީއޭ ސްޕޯޓްސް އެފްސީ 27" ކުރިއަށްދާނީ 1v1 ނޮކައުޓް އުސޫލުން ކަމަށެވެ.
މީގެ އިތުރުން "ޓެކެން 8" މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު 1v1 ޑަބަލް އެލިމިނޭޝަން ފޯމެޓަށް ކަމަށާއި އީއޭ ސްޕޯޓްސް އެފްސީ 27 މުބާރާތުން ވަނަވަނައަށް ދާ ކުޅުންތެރިންނަށް 25،000 އާއި 27،000އާ ދެމެދު ފައިސާގެ އިނާމުތައް ކަނޑައަޅާފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި އީ-ސްޕޯޓްސް ގޭމްތަކުގެ އިތުރުން، މިއަހަރުގެ މުބާރާތުގައި ޓޭބަލްޓޮޕް ދެ ކުޅިވަރެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި 5،000 ރުފިޔާގެ ފައިސާގެ އިނާމަކާ އެކު ބާއްވާ "ކަޓާން" ބޯޑް ގޭމް މުބާރާތުގެ އިތުރުން، ދެ މީހުންގެ ޓީމުތަކުގެ މެދުގައި ވާދަކުރާ "ވޯހޭމާ 40,000: ކިލް ޓީމް ބްލިޓްޒް" މުބާރާތް ހިމެނެއެވެ.
މި މުބާރާތްތަކަކީ އުމުރުން 12 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތްތަކެއް ކަމަށް ދިރާގުން ބުންޏެވެ. މީގެ ތެރެއިން އީއޭ ސްޕޯޓްސް އެފްސީ 27، ޓެކެން 8 އަދި ކިލް ޓީމް ބްލިޓްޒްގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކަޓާން އަދި ވޯހޭމާ 40،000 ގައި ބައިވެރިވުމުގެ ފުރުސަތު، މުބާރާތް ނިމެންދެން ހުޅުވާލައިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ
މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެކެވެ.
އަލީ ޔާމިން
ކޮމެންޓް