ހުޅުމާލޭގައި މާދަމާ ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ 17 ވަނަ އެޑިޝަނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ދުވުންތެރިން ދުވަމުންދާ ހިސާބު ވަގުތުން ބެލޭ ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމުގައިވާ ޑީއެމްއާރްއާރް އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި އެޕުގެ ބޭނުމަކީ ދުވުންތެރިންނާއި އެ ފަރާތްތަކަށް ހިތްވަރުދޭ މީހުންނަށް ރޭހާ ގުޅޭ ހުރިހާ މައުލޫމާތެއް އެއް ތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
އެޕްލިކޭޝަންގައި ހިމެނޭ ލައިވް ޓްރެކިން ފީޗާ މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ދުވުންތެރިޔާ ރޭހުގައި ހަރަކާތްތެރިވަމުންދާ ހިސާބު އާއިލާއާއި ރަހުމަތްތެރިންނަށް ބެލެން ހުންނާނެއެވެ. މީގެ އިތުރުން ދުވުމުގެ މުހިންމު އިރުޝާދުތަކާއި ދުވުންތެރިންގެ ރޭންކިން އަދި ނަތީޖާގެ ތަފުސީލުތައްވެސް ވަގުތުން މި އެޕް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުނެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއށްގެންދާ މި ރޭހުގައި ތަފާތު ކެޓަގަރީތަކަކަށް ބަހާލައިގެން ދުވުން ކުރިއަށްގެންދާ އިރު، 5،500 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވެއެވެ.
ޑީއެމްއާރްއާރް އެޕް މިހާރު އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ރޭހާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ހުރިހާ ދުވުންތެރިންނާއި ސަޕޯޓަރުންވެސް މި އެޕް ބޭނުންކުރުމަށް އެދޭ ކަމަށް ދިރާގުން ބުންޏެވެ.
ޑީއެމްއާރްއާރް 2026 އާ ބެހޭ އިތުރު މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ކޮމެންޓް