އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އާއްމުކޮށް ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި މި ބިލު އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވިއެވެ.
ބިލު ދިރާސާ ކުރުމަށްޓަކައި މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް، ދެ ހަފުތާގެ މުހުލަތެއް ދޭން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ އެ ނިންމުމާ ގުޅިގެން ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ހުޅުވާލައިފައެވެ.
މަޖިލީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ، ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ޑިސެމްބަރު 2 ގެ 14:00 ގެ ކުރިން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ހުށަހެޅުމަށެވެ.
މި ބިލުގެ މަސައްކަތް ކޮމިޓީން ނިންމަށް ކަނޑައަޅާފައިވަނީ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ.
އެހެންކަމުން ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް