ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރުހުން އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އެ މަގާމަށް ސަމީރު އައްޔަންކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިއަދުއެވެ.
އެކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލީ ސަމީރު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްވެސް ކުރިމަތިލެއްވިއެވެ.
ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއެވެ. ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވިއެވެ.
މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯފާމެއްގައެވެ. މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ސަމީރު މާސްޓާސް ޑިގްރީ ހެއްދެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަންކުރަން ރުހުން އޮތްކަމަށް ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެ މައްސަލަ ދިރާކުރުމަށް އެ ކޮމިޓީއަށް ފޮނުވުމުން މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީން އެގޮތަށް ފާސްކުރުމަށްފަހު އެ މައްސަލަ ވަނީ މަޖިިލިސް ތަޅުމަށް ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް