ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނޭޕާލްގެ ފުޓުބޯޅަ އިދާރާ، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ސަސްޕެންޑް ކޮށްފައި އޮންނަތާ ހައެއްކަ މަސްވެފައިވާ އިރު، އެ ސަސްޕެންޝަނަށް ހައްލެއް ހޯދިދާނެކަމުގެ ފެހި ސިގްނަލެއް ލިބިއްޖެއެވެ.

ނޭޕާލް ފުޓުބޯޅައިގެ ތެރޭގައި އެތައް ސިޔާސީ ހަލަބޮލި ކަމެއް ހިނގަމުންދާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. އެގޮތުން މިއަހަރު ޖެނުއަރީ މަހުން ފެށިގެން ސްޕޯޓްސް ކައުންސިލާއި އަންފާއާ ދެމެދު މައްސަލަތައް ގޯސްވެފައިވާ އިރު، އެ މައްސަލަ ގޯސްވީ އަންފާގެ އިންތިހާބުގެ މައްސަލައިގައެވެ.

އެއާއެކު ނޭޕާލްގެ ސްޕޯޓްސް ކައުންސިލް އެގައުމުގެ ފުޓުބޯޅަ އިދާރާ ސަސްޕެންޑް ކޮށްފައިވުމާއެކު އެހިސާބުން ފީފާއިން ވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒު ވަދެފައިވާ ކަމަށް އަންފާ ސަސްޕެންޑް ކޮށްފައެވެ. ނޭޕާލަށް މިފަހަރު ސާފް ޗެމްޕިއަންޝިޕް ގެއްލުނީވެސް ފީފާ ސަސްޕެންޝަނުގެ ސަބަބުންނެވެ. މިއީ ނޭޕާލަށް ސާފް ޗެމްޕިއަންޝިޕް ގެއްލުނު ފުރަތަމަ ފަހަރެވެ.

ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ކޮށްފައިވާ ސަސްޕެންޝަން މިމަހު 19 ވަނަ ދުވަހު އުވާލުމާއެކު، އަންފާގެ އިދާރާ ކަންކަން، ފައިސާގެ ބައެއް ކަންކަން މަޑުމަޑުން ކުރިއަށްދާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އަދި މިހާރު ފީފާއާއި އޭއެފްސީގެ ލަފާގެ މަތިން އިންތިހާބަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ދާދިފަހުން ތައިލެންޑްގެ ބެންކޮކްގައި ބޭއްވި އޭއެފްސީ އެވޯޑް ހަފުލާގެ ހަވާސާގެ ތެރެއިން ނޭޕާލްގެ ސެކްރެޓޭރިއެޓް އޮފް މިނިސްޓާ ފޯ އެޑިއުކޭޝަން އެންޑް ސްޕޯޓްސް ސަސްމިޓް ޕޮހަރެލް ވަނީ ޖިއާނީ އިންފަންޓީނޯއާއި، ފީފާގެ ސެކްރެޓަރީ ޖެނެރަލް މަތިއަސް ގްރަފްސްޓްރޯމް އަދި އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާއާ ބައްދަލުކުރައްވައިފައެވެ.

މިނިސްޓަރު ފާހަގަކުރައްވާފައި ވަނީ އެ ބައްދަލުވުގައި ފީފާގެ ސަސްޕެންޝަން އުވާލުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު، އެކި ފަންތިތަކަށް ބަހާލައިގެން ވަކިން ބާއްވަން ފީފާއާއި އޭއެފްސީން ލަފާ ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންތިހާބު ޑިސެމްބަރުގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ފީފާއިން އެހީތެރިވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަންފާގެ ޖެނެރަލް ސެކްރެޓަރީ ކިރަން ރާއީ ވިދާޅުވެފައި ވަނީ އަންފާގެ އިދާރީ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ދެން ކުރިއަށް ދާން ޖެހޭނެ މަގު ސާފުކުރުމަށް އޭއެފްސީއާއި ފީފާގެ އިރުޝާދަށް މަޑުކޮށްގެން ތިބި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.