ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށް، ބަންދު ޖަހައިފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސްމަގުލްކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިތްރާނީ ގަލެ، 40އ ނަމަކަށް ނޭޕާލުގެ އަންހެނަކާއި ނިއްކަ ތަމަންގް 47އ ކިޔާ ނޭޕާލްގެ ފިރިހެނެކެވެ.

އެ ދެ މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ، އެ ދެ މީހުންނަކީ މުޖުތަމައަށް ނުރައްކާ އޮތް މީހެއް ކަމަށް ނިންމައި، ތިން ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ ދެ މީހުންނަކީވެސް، ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ މީހުންނެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންނަށް ސިއްހީ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީ، މުއްދަތު މަޖިލީހަށް ހާޒިރުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އެ މީހުންނާ ދެކޮޅަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމު ހިމެނެއެވެ.