ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭ ވަޑައިގެންނެވިއިރު ކޮނޑުގައި އޮތް ދަބަހަކީ ކުޅޭ ސާމާނު އަޅާފައި އޮތް ދަބަހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރޭ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ސަބަބު ސާފުކޮށްދެއްވުމަށް ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރޭ މަޖިލީހަށް ވަަޑައިގެންނެވީ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން ސާފުކުރައްވަން ބޭނުންވި ކަންކަން ސާފުކޮށްދެއްވުމަށް ކަމަށެވެ. މަޖިލީހުގެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަކީ އާރަށުން ފުޓްބޯޅަ ކުޅެގެން މާލެއަށް ވަޑައިގަތް ވަގުތު ކަމަށްވުމުން ކޮނޑުގައި އޮތް ދަބަހަކީ، ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ކަމަށްވެސް ވިދާޅުވިއެވެ.

ބޭގެއް އަޅުއްވައިގެން މިނިސްޓަރު ރޭ މަޖިލީހަށް ވަޑައިގަންނަވާ ވީޑިއޯއެއް އާންމުކުރުމުން އެކަމާ ގުޅުވައި ރިޝްވަތުގެ ތުހުމަތުކުތަކެއް ވަނީ ކޮށްފައެވެ.

އެ ތުހުމަތުތަކުގެ ތެރޭގައި، ރަސްމާލޭގައި ހިންގާ މެރީނާ މަޝްރޫއަށް ތާއީދުކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންނަށް ރިޝްވަތުގެ ފައިސާ "މަޖިލީހަށް ވަދެފައިވާ"ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން، މުއްތަލިބު ވިދާޅުވީ ރޭގެ ވަގުތެއްގައި އެޓާނީ ޖެނަރަލް އަހްމަދު އުޝާމާ އެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ މެންބަރުންތަކެއްގެ އެދުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެންބަރުން ސާފުކުރައްވަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދެއްވަން ކަމަށެވެ.

އެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަކީ އާރަށުން ފުޓްބޯޅަ ކުޅެގެން މާލެއަށް ވަޑައިގަތް ވަގުތު ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މަޖިލީހުގެ އިދާރާއަށް ވަޑައިގަތީ ލޯންޗުން ފޭބި ގޮތަށް، ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ވެސް ހިފައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެެ ދަބަސް ހިފައިގެން މަޖިލިސް އިދާރާއަށް ވަދެވަޑައިގަތީ ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނާ އިން ސްކޭން ވެސް ކުރައްވައިގެން ކަމަށެވެ.

މަޖިލީހުގެ އިދާރާއަކީ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ އަދި ސީސީޓީވީ ކެމެރާ އާއި ދަބަސް ސްކޭނާ އާއި ބޮޑީ ސްކޭނާ ވެސް ހުންނަ ތަނެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ވަޒީރުންނަށް ވެސް އެތަނަށް ވަދެވެނީ އައިޑީކާޑު ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށެވެ.