ބޭނުންވެގެން ބުނި ބޭސް ނުލިޔެދިނުމުން، ހޭ އަރުވާލާނެ ކަަމަށް ބުނެ ޑޮކްޓަރަށް އިންޒާރުދިން މީހަކު ޖަލަށް ލުމަށް މ. މުލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރީ މ. މުލި ތޯތާގެ ފަޔާޒްގެ މައްޗަށެވެ.

އޭނާގެ މައްޗަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރީ، މީހަކަށް އަނިޔާއެއް ލިބިދާ ނެފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ.

އެއީ މުލީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގޮސް ޑރ. ރެހެމަތުﷲ ލިޔެދިން ބޭސް ކަމުނުދާ ކަމަށާއި އޭނާ ބޭނުން ވަނީ ޕެރެގަބްލިން ނަމަކަށް ކިޔާ ބޭހެއް ކަމަށް ބުނުމުން، އެބޭސް ދިނުމަށް ޑޮކްޓަރު ދެކޮޅު ހެދުމުން، ޑޮކްޓަރު ކޮޓަރީގައި އަޑުގަދަކޮށް އެ ކޮޓަރިން ނުކުންނަމުން، މަގުމަތިން ފެނިއްޖެއްޔާ ހޭ އަރުވާލާނެ ކަމަށް ބުނެ ޑޮކްޓަރަށް އިންޒާރުދީފައި ވާތީއެވެ.

މި މައްސަލައިގެ ޝަރީއަތުގެ ތެެރެއިން، މި ކުށަށް ފަޔާޒް ވަނީ އިއުތިރާފްވެފައެވެ.

އެހެންކަމުން އޭނާގެ އިއުތިރާފްގެ މައްޗަށް މިކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ މަހާއި 21 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރިއެވެ. އަދި ޖަލު އަދަބު 16200 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް ތިން މަސް ދުވަހުގެތެރޭގައި އެފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ކޯޓުން އަމުރު ކުރިއެވެ.