ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ހެލްތު ކޭމްޕެއް މިމަހުގެ 17 އިން 18 އަށް މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުން ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި ކޭމްޕުގައި އެކި ދާއިރާތަކުން 8 ކޮންސަލްޓެންޓުން ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެ ކޮންސަލްޓަންޓުންނަކީ:
- ޑރ. ޗަންދްރަޝޭކަރް ރާވަލް – ކަރުންމަތީގެ ބަލިތަކުގެ (އީއެންޓީ) ހާއްސަ ކޮންސަލްޓަންޓް
- ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް
- ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް
- ޑރ. ޖާޔާ ޕްރަކާޝް ނާދަން - ކިޑްނީ ބަލިތަކުގެ ހާއްސަ ކޮންސްލްޓަންޓް
- ޑރ. މެހްމެޓް އޮޑަރ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް
- ޑރ. މޫސާ މަނިކް އިބްރާހިމް - ހިތުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް
- ޑރ. މާރިޔާ ކްރިސްޓީނާ އަލްމޮންޓޭ - އަންހެނުންގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް
މި ހެލްތު ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިމަހު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުލީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6720605 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ހޮސްޕިޓަލާއި މުލީ ރީޖަނަލް ހޮސްޕިޓަލް، މ. މުލީ ކައުންސިލް އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކަމަށެވެ. އަދި މި ކޭމްޕްގެ ދަތުރުތައް ހަމަޖެއްސުމުގައި ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން (ޓީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި މިއީ އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މިފަދަ ހަތަރުވަނަ ހެލްތު ކޭމްޕެވެ. އެގޮތުން މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ކޭމްޕްތައް ވަނީ ބާއްވައިފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގައި 3,800 އަށްވުރެ ގިނަ ހިލޭ މެޑިކަލް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އާއިޝަތު މާހާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް