ފުޅާ ދާއިރާއެއްގައި ކޫއްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އެމްޑީ ހާރިސް މިއާއެވެ.
ފުލުހުން ބުނީ ކޫއްޑޫގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 66 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަލީ ޔާމިން
ކޮމެންޓް