ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ފޯރިއާއެކު ކުރިއަށްދާ އިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ދިރާގު ހެޑް އޮފީސް ކައިރީ އޮންނަ ބީޖީ ޓާފް ދަނޑުގައި ކުރިއަށްގެންދާ މި އެކްސްޕޯގައި މިދިޔަ ހޮނިހިރު ދުވަހު ބިބް ދޫކުރީ މެންދުރު ފަހު 4:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ތިން ދަންފަޅިއަކަށް ބަހާލައިގެން ކިޓް ދޫކުރަމުންދެއެވެ. އެއީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

17 ނޮވެމްބަރު 2026، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދަނީ -- ފޮޓޯ/ ދިރާގު

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި ދުވުންތެރިންނަށް ދޫކުރާ ރޭސް ކިޓްގައި ޓައިމިން ޗިޕް ހިމެނޭ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް، އަދި ހަތަރު ނަރުދަތި ހިމެނެއެވެ. ކިޓް ބަލައި އަންނަ ފަރާތުން ވެރިފިކޭޝަންގެ ބޭނުމަށް ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހެޅުން ލާޒިމެވެ.

މިފަހަރުގެ ބިބް އެކްސްޕޯ ތައްޔާރުކޮށްފައިވަނީ ޒިޔާރަތްކުރާ މީހުންނަށް ތަފާތު ތަޖުރިބާއެއް ލިބޭނެ ގޮތަށް ކަމަށް ދިރާގުން ބުނެފައިވެއެވެ. ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ދުވުންތެރިންނަށް ހާއްސަ ތަފާތު ސްޓޯލްތައް ހުންނާނެ ކަމަށާއި، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ދުވުންތެރިންނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ވެސް ރޭވިފައިވާ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ހަރަކާތުގެ ގޮތުގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،600 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެއެވެ. މި ރޭސް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.