އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މި ސިޔާސަތަކީ 2019 ވަނަ އަހަރުން ފެށިގެން ޑީއެމްއާރްއާރްގައި ތަންފީޒުކުރަމުން އަންނަ އުސޫލެކެވެ. ދުވުމުގެ ތެރޭގައި ފެން ސްޓޭޝަންތަކުން ދުވުންތެރިންނަށް ފެން ފޯރުކޮށްދެނީ ކަރުދާސް ތަށީގައެވެ. އަދި ޕްލާސްޓިކް ފުޅީގެ ބަދަލުގައި އަލުން ބޭނުންކުރެވޭ ފެންފުޅި ގެނައުމަށް ހުރިހާ ބައިވެރިންގެ ކިބައިން ދިރާގުން މިއަދު ވަނީ އެދިފައެވެ.

ދިރާގުން ބުނާ ގޮތުގައި މި ފިޔަވަޅުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވެއެވެ. ރާއްޖޭގެ ނާޒުކު ކަނޑުގެ ވެށި ރައްކާތެރިކޮށް ޕްލާސްޓިކް ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުންފުނިން ކުރަމުންގެންދާ މަސައްކަތުގައި މިއީ މުހިންމު ބައެއް ކަމަށް ދިރާގުން ދެކެއެވެ.

ފާއިތުވި އަހަރުތަކުގައި މި ދުވުން ވެފައިވަނީ ބޮޑެތި އިވެންޓުތައް ތިމާވެއްޓާ ރައްޓެހި ގޮތަށް ބޭއްވިދާނެކަން ދައްކައިދިން ނަމޫނާ ހަރަކާތަކަށެވެ. މިފަހަރުގެ ރޭހުގައި 5،600 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

އެންމެން ގުޅިގެން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ހެޔޮ ބަދަލުތައް މެދުވެރިކޮށް ސާފު ފެހި ރާއްޖެއެއް ބިނާކުރުމަކީ ދިރާގުގެ އެންމެ މައިގަނޑު އެއް އަމާޒެވެ.