(12 ނޮވެންބަރުގެ އަދަދާ ގުޅޭ)
މުއުމިނުން އަނެކުންނަށްޓަކައިވެސް އެދެނީ ޚުދު ތިމާއަށްޓަކައިވެސް އެދޭ ހެޔޮއެދުންތަކެވެ. އެހެންކަމުން ޔަޘްރިބުގެ އައު މުސްލިމުންގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގެންނެވުމަކަށްވީ އެބޭކަލުން ފަދައިން އެބޭކަލުންގެ ވަޒަނުގެ އެހެނިހެން އަޚުންނާއި އުޚުތުންގެ ޙަޔާތުވެސް އީމާންކަމުގެ އަގުބޮޑު ނިޢުމަތުން މުއްސަނދިވުމެވެ. އިސްލާމްކަމުގެ ރަޙުމަތުން އާރާސްތުވުމެވެ. އެހެންކަމުން ޔަޘްރިބުގައި އިސްލާމްދީން ތަބްލީޣުކުރައްވާނެ މުބައްލިޣަކަށް އެބޭކަލުން އެދިވަޑައިގެންނެވިއެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އެބޭކަލުންގެ ހުށަހެޅުއްވުން ގަބޫލުކުރެއްވިއެވެ. މުބައްލިޣެއްގެ ގޮތުންނާއި މުޢައްލިމެއްގެ ހައިސިއްޔަތުން مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه މަދީނާއަށް ފޮނުއްވާން ހަމަޖެއްސެވިއެވެ. عــلاّمــــة إبــن خُــلدون ވިދާޅުވާގޮތުގައި إبـــن أمِّ مـكــتــــوم رضـــــى اللّــــه عــنــــه ވެސް مـصــعــب ގެ އަރިހުގައި މަދީނާއަށް ފޮނުއްވާން ހަމަޖެއްސެވިއެވެ.
مـصــعــب އަކީ އެންމެކުރީން އިސްލާމްވެވަޑައިގެންނެވި ޞަޙާބީންގެ ތެރެއިން އެއްބޭކަލެކެވެ. އެކަލޭގެފާނަކީ ޙަބަޝާގެ މުހާޖިރުންކުރެވެސް އެއްބޭކަލެކެވެ. އެކަލޭގެފާނު ޙަބަޝާއިން އެނބުރި މައްކާއަށް ވަޑައިގެންނެވިތާނ އޭރު މާކަގިނަ ދުވަސްތަކެއް ނުވެއެވެ. އެކަލޭގެފާނަކީ މައްކާގެ ވަރަށް ޤަދަރުހުރި މުއްސަނދި ޢާއިލާއެއްގެ މެމްބަރެކެވެ. އިސްލާމްވެވަޑައިގެންނެވުމުގެ ކުރީން އުޅުއްވީ ވަރަށް އޮމާން، ވަރަށް ޗާރާ ދިރިއުޅުއްވުމެކެވެ. ރަސްދަރިކަލަކު ފަދައިންނެވެ. މީރުވަސްދުވާ މޮޅު އަތަރާއި ރީތި ހެދުންކޮޅު ތުރުކުރެއްވުމަކީ އެކަލޭގެފާނު ވަރަށް ކުރައްވާހިތްޕުޅުވި ކަމެކެވެ. ގެއިންބޭރަށް ތަނަކަށް ވަޑައިގަންނަވާނަމަ ސަވާރީގެ ކުރިމަތީގައްޔާއި ފަހަތްޕުޅުގައި އަޅުންނާއި ނޯކަރުން ތިބެއެވެ. އިސްލާމްވެވަޑައިގަތުމާއެކު އެކަލޭގެފާނުގެ ދިރިއުޅުއްވުން ވަނީ މުޅީން ބަދަލުވެފައެވެ. އެކަލޭގެފާނުވަނީ ތެދުވެރި އިންޤިލާބީ މުސްލިމަކަށް ވެވަޑައިގެންފައެވެ. ގަދަ މަސައްކަތްޕުޅުން ކުރަކި ދިރިއުޅުއްވުމެއް އުޅުއްވާ ސާދާ ބޭކަލަކު ކަމުގައި ވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ މިޒާޖުފުޅުގައިވަނީ ކެތްތެރިފުޅުކަމާއި ބަރުދާސްކުރެއްވުމާއި ސާބިތުކަމުގެ ޖައުހަރު އުފެދިފައެވެ. މީހުންގެ މިޒާޖާއި ޠަބީޢަތު ދެނެވަޑައިގެންނެވުމަކީ އެކަލޭގެފާނުގެ ޚާއްޞަ ސިފަފުޅެކެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ދެއްވި ތަރުބިޔަތާއި، އިސްލާމްވެވަޑައިގަތުމަށްފަހު އުޅުއްވާން ޖެހިވަޑައިގެންނެވި ތުރާ ދިރިއުޅުއްވުމުގެ ނަތީޖާއެއްގެގޮތުން ލިބިވަޑައިގެންނެވި ފިލާވަޅުތަކުގެ ސަބަބުންނެވެ. މުޝްރިކުންގެ ފަރާތުން ކުރިމަތިވި ދުއްތުރާތަކާއި ޙަބަޝާގައި އުޅުއްވަން ޖެހިވަޑައިގެންނެވި ދަތި ދިރިއުޅުއްވުމުން ލިބިވަޑައިގެންނެވި ތަޖުރިބާގެ ސަބަބުންނެވެ.
އެކަލޭގެފާނަކީ ބަސްމޮށުންތެރިކަމަށް ނުހަނު ފާގަތި ބޭކަލެކެވެ. ވާހަކަފުޅުތައް އަސަރުގަދަވެފައި ރީއްޗެވެ. ބުގިސްވެފައި އޮމާނެވެ. ފަޞާޙަތާއި ބަލާޣަތު އެކުލެވިފައިވަނީ ވަރަށް މައްޗަށެވެ. ކުރު ބަސްފުޅުތަކުގައި ގިނަ މާނަ ޖަމާކުރެއްވުމާއި ހާޒިރުޖަވާބު ދެއްވުމުގެ ކުޅަދާނަފުޅުކަމަކީ ޤުދުރަތުން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ވަރަށް ޚާއްޞަ، ވަރަށް ދީލަތި ހަދިޔާއެކެވެ. މިދެންނެވި އަދަބީ ސިފަތަކުގެ ސަބަބުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ލާމަސީލު ވާހަކަދެއްކެވުންތެރިޔަކަށެވެ. ނުހަނު ފާޑުހުރި އަދި ޤާބިލު މުބައްލިޣަކަށެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم މުސްލިމުންގެ އެންމެ ފުރަތަމަ ސަފީރެއްގެ ގޮތުންނާއި މުބައްލިޣެއްގެ ހައިސިއްޔަތުން އެކަލޭގެފާނު މަދީނާއަށް ފޮނުއްވާން ހަމަޖެއްސެވީ މިދެންނެވި ހުނަރުވެރިކަމާއި ކުޅަދާނަފުޅުކަމަށް ރިޢާޔަތްކުރައްވައިފައެވެ. އިތުރު ސާހިބާގެ މި ހޮއްވެވުން ވެފައިވަނީ އެންމެ މުނާސަބު ހޮއްވެވުން ކަމުގައެވެ.
އާދޭހެވެ. މަދީނާގައި އިސްލާމީ ތަޙުރީކުގެ ޤާއިދަކު ކަމުގައި ވެވަޑައިގެންނެވީ ޖާހިލިއްޔަތުގައި ނުހަނު ޗާރާކަމުގައި ދިރިއުޅުއްވި މިދެންނެވި އަމީރެވެ. އެކަލޭގެފާނަށް މެހުމާންދާރީ އަދާކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވީ أسعــد بـــن زُرارة رضـــــى اللّــــه عــنــــه އަށެވެ. أسعــد އަކީ މަދީނާގެ އެންމެ ޤަދަރުހުރި އެންމެ ބަސްވިކޭ އެންމެ ނުފޫޒުހުރި ބޮޑުންކުރެ އެއްބޭކަލެކެވެ. أسعــد އާއި مـصــعــب އާ ގުޅިވަޑައިގެން ނުހަނު ހީވާގިފުޅުކަމާއެކު ދަޢުވަތުގެ މަސައްކަތްޕުޅު ކުރިޔަށް ގެންދެވިއެވެ. مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه އިސްލާމީ ދަޢުވަތު ދެއްވަން ހެނދުނުހެނދުނާ ގެއިން ނުކުމެވަޑައިގަންނަވައެވެ. ތުރުކުރައްވައިގެން ހުންނަވަނީ ވީދި ކުދިކުދިވެފައި އޮންނަ ހެދުންކޮޅެކެވެ. ކޮނޑުފުޅުމަތީގައި އޮންނަނީ ބާ ރަޖާކޮޅެކެވެ. مـصــعــب رضـــــى اللّــــه عــنــــه މަދީނާގެ މަގުމަގާއި ގޯޅިގޯޅިއާއި ބާޒާރުތަކުގައި ހިންގަވައެވެ. އެކި ގޭގެއަށް ވަކިވަކީން ވެދެވަޑައިގަންނަވައެވެ. ދިމާވާ ހަމަ ކޮންމެ މީހަކަށްވެސް ދީނުގެ ދަރުސް ދެއްވައެވެ. މީސްތަކުންނަށް ޤުރްއާން ކިޔަވައިވިދާޅުވެދެއްވައެވެ. ވަޢުޡު ވިދާޅުވެ ނަސޭހަތްދެއްވައެވެ. އިސްލާމްދީން ގަބޫލުކުރުމުން ދުނިޔެމަތީގައި ލިބޭނެ ޝަރަފުވެރި، ކީރިތިމޫރިތި ސިޔާސީ އަދި އިޤުތިޞާދީ ޙަޔާތެއްގެ ނިމުތު ދެއްވައެވެ. އާޚިރަތުގައި ސުވަރުގޭގައި ލިބޭނެ "ނިޔާމަ އަރާމު" ޙަޔާތުގެ ހެޔޮ ޚަބަރު ދެއްވައެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައިވަނީ ތެދުވެރި އީމާންކަމުގެ ހޫނުކަމާއި ޖޯޝެވެ. ދޫފުޅުން ބޭރުކުރައްވަނީ ޙައްޤުތެދު ބަސްފުޅެވެ. އެހެންކަމުން އެވާހަކަފުޅުތައް ހުންނަނީ އަސަރުން ފުރިފައެވެ. އެބަސްފުޅުތައް މީހުންގެ ކަންފަތްތަކުގެ ތޫރި ފޫއަޅުވައިލައިފައި ވަދެގެންގޮސް ހަރުލަނީ ހިތްތަކުގެ އެންމެ ފުނުގައެވެ. مـصــعــب رضـــــى اللّــــه عــنــــه މުސްލިމުންނަށް ނަމާދުކުރައްވަން ދަސްކޮށްދެއްވައެވެ. ކީރިތި ޤުރްއާން އުނގަންނައިދެއްވައެވެ. އެކަމަށްޓަކައި ބައެއްފަހަރަށް މަޖްލިސް ކުރައްވަނީ أسعــد بـــن زُرارة رضـــــى اللّــــه عــنــــه ގެ ގެކޮޅުގައެވެ. ބައެއްފަހަރަށް ބަނޫޡުފަރުގެ ބަގީޗާއެއްގައެވެ. އެ ބަގީޗާއަކީ ޡުފަރުވަންހައިގެ މީހުންގެ އިތުރަށް ބަނޫޢަބްދުލްއަޝްހަލުވަންހައިގެ މީހުންވެސް އެއްވެއުޅޭ ބަގީޗާއެކެވެ.
سـعــد بــــن مــعــــاذ رضـــــى اللّــــه عــنــــه އިސްލާމީ ތަޙުރީކާ ގުޅިވަޑައިގެންނެވުން
މައްކާއެކޭ އެއްފަދައިން ޔަޘްރިބުގައިވެސް އިސްލާމީ ތަޙުރީކަށް ކުރިމަތިވި އެންމެބޮޑު ހުރަހަކީ ވަންހަތަކުގެ ބޮޑުންގެ "ގަދަ ކެޔޮޅު" ވަންތަކަމުގެ ނިޒާމެވެ. ޤަބީލާތަކުގެ ބޮޑުންނާއި ސަރުދާރުންނަކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ރާއިން އަބަދުމެ މަސްތުވެފައިތިބޭ ބަޔެކެވެ. އެބައިމީހުންގެ ނަޒަރުގައިވެސް "އައިން ފެންނާންޖެހޭނީ ކެޔޮޅުންނަށެވެ." އެބައިމީހުން ޚިޔާރުކުރާގޮތެއް ޤަބީލާގެ އާންމުން ޖެހޭނީ ގަބޫލުކުރާށެވެ. ޤަބީލާގެ އެހެންމީހުން ހިނގާންވާނީ އެމީހުން ދައްކާ މަގަކުންނެވެ. އެގޮތަކީ ކިތަންމެ ކުށްގޮތެއް ކަމުގައިވިޔަސް ރަނގަޅުގޮތެއް ކަމުގައިވިޔަސް ވެހެވެ. ވަންހަތަކުގެ ބޮޑުން ތިބެނީ އެމީހުން އެ ގަބޫލުކުރާ ގޮތެއްގައި ކޮލުދަތުން ހިފަހައްޓައިގެންނެވެ. އެގޮތަކާ ކިރިޔާވެސް އެއްފަރާތްވެލުމަކީ އެބައިމީހުންގެ ނަޒަރުގައި އެބައިމީހުންނާ ކުފޫހަމަވާކަމެއް ނޫނެވެ. އެބައިމީހުންގެ ގޮތް ފިޔަވައި އެހެން ގޮތެއް އެމީހުން ލައްވައި ގަބޫލުކުރުވާން ވާހަކަދެއްކުމަކީ އެމީހުންނަށް ކުރެވޭ ތައުހީނެކެވެ. އިހާނެތި ކުރުމެކެވެ. ތިމާމެންނަށް ތައުހީނު ކުރެވުމުގެ ބަދަލުގައި އެމީހުން ތަރުޖީޙުދެނީ މަރަށެވެ. މަރުވުމަށެވެ. އެބައިމީހުން ކަމަކަށް އެއްބަސްކުރުވުމާއި، އެބައިމީހުންގެ ކާބަފައިންގެ ދީނުން އެބައިމީހުން ފިރައިލުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ގެ ދުރުވިސްނިވަޑައިގަތުމާއި މީހުންގެ ޖައުހަރު ދެނެވަޑައިގެންނެވުމުގެ ނަތީޖާއެއްގެގޮތުން ޔަޘްރިބަށް ފޮނުއްވި ދާޢީއަކީ އެ އުނދަގޫ މަސައްކަތްޕުޅު ކާމިޔާބުކުރައްވާން ބޭނުންފުޅުވާ ހުރިހައި ސިފަފުޅުތަކަކާއި ރީތި ޚުލުޤުފުޅުތަކެއް އެއްކުރައްވައިގެން ހުންނެވި ބޭކަލެކެވެ. އެހެންކަމުން ކައުސާހިބާގެ ސަފީރަށް އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި އާދަޔާ ޚިލާފު ކާމިޔާބީތަކެއް ލިބިވަޑައިގަންނަވަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް އެކަކު ނުވަތަ ދެމީހަކު އިސްލާމްވަމުން ދިޔައެވެ.
مـصــعــب رضـــــى اللّــــه عــنــــه ގެ މަސައްކަތްޕުޅުގެ ދެ ނަމޫނާއެއް މިތާނގައި ހުށަހަޅައިލާނަމެވެ. އިސްލާމީ ތަޙުރީކުގެ މިޒާޖާއި އެ ތަޙްރީކުގެ ދަޢުވަތުގެ މަންހަޖު އޮންނަގޮތް ވިސްނައިވަޑައިގެންނެވުމަށްޓަކައެވެ. އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުގައިކަމަށް ބުނެ ޞަލީބީންނާއި ޞަހްޔޫނީންނާއި މުޝްރިކުން ފަތުރާ ދޮގުވާހަކައިގެ އެއްވެސް ޙަޤީޤަތެއް ނެތްކަންވެސް މި ދެމިސާލުން ސާބިތުވެއެވެ.
1. ޢަބްދުލްއަޝްހަލުވަންހަޔަކީ ޔަޘްރިބުގައި ވަރަށް ނުފޫޒުހުރި ވަންހައެކެވެ. ނުހަނު ބަސްވިކޭ ޤަބީލާއެކެވެ. އާރާއި ބާރާއި ފަންވަރުހުރި ޤަބީލާއެކެވެ. އެ ޤަބީލާގެ މޮހުމާއި ގޮށްޖެހުމުގެ ވެރީންނަކީ سـعــد بــــن مــعــــاذ އާއި أُسَـيــد بـــن حُـضَــيــــر އާ ދެބޭކަލުންނެވެ. މަދީނާގެ މުޝްރިކުން ގެންދިޔައީ އިސްލާމީ ތަޙުރީކާމެދު އެދެބޭކަލުންގެ ހިތްޕުޅުގައި ކުށްހީތައް އުފައްދާން މަސައްކަތް ކުރަމުންނެވެ.
އެއްދުވަހަކު ބަޔަކު ގޮސް އެދެބޭކަލުންގެ އަރިހުގައި ދެންނެވިއެވެ. مـصــعــب بـــن عُـمَـــيــــــر ބަނޫ ޡުފަރުގެ ބަގީޗާއެއްގައި ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅުގައި އެބައުޅުއްވައެވެ. އެކަލޭގެފާނުގެ އަރިހުގައި أسعــد بـــن زُرارة ވެސް އެބައިންނެވިއެވެ. އައު މުސްލިމުންގެ ބަޔަކުވެސް އެބަތިއްބެވެ. سـعــد بــــن مــعــــاذ އެވާހަކަ އަޑުއައްސަވައިފައި ވަރަށް ކޯފާއިސްވިއެވެ. އޭނާ أُسَـيــد ގެ އަރިހުގައި ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ސަރަޙައްދަށް ވަދެ އަޅުގަނޑުމެންގެ ނުވިސްނޭ ސާދާ މީހުން މަގުފުރައްދަމުން އެގެންދާ ދެމީހުން ބިރުގަންނަވައިލައްވައި އަޅުގަނޑުމެންގެ ސަރަޙައްދުން ބޭރުކޮށްލައްވާށެވެ. މިކަމާ އަޅުގަނޑު ކަލޭގެފާނަށް އުނދަގޫފުޅު މިކުރަނީ أسعــد އާ އަޅުގަނޑާ ދެމެދުގައި އޮންނަ ތިމާގެކަމާހުރެއެވެ. أسعــد އަކީ އަޅުގަނޑުގެ ބޮޑުދައިތާފުޅުގެ ދަރިކަލުންނެވެ. އެހެންކަމުން އެންމެފުރަތަމަ އަޅުގަނޑު ސީދާގޮސް އެކަލޭގެފާނާ ދެކޮޅުވެރިކަން ފަށައިގަންނާން ފަސްޖެހެވެނީއެވެ. ވީމާ ކަލޭގެފާނު ވަޑައިގެން އެދެމީހުން ބިރުގަންނަވައިލައްވާށެވެ. ކަލޭގެފާނު ވާހަކަދެއްކެވީމާ ވާގޮތަކުން އަޅުގަނޑުވެސް ދާނަމެވެ.
سـعــد بــــن مــعــــاذ އެވާހަކަފުޅު ދެއްކެވުމުން أُسَـيــد بـــن حُـضَــيــــر އެކަލޭގެފާނުގެ ލޮންސިކޮޅު ހިއްޕަވައިގެން مـصــعــب ގެފާނާއި أسعــد އާ ދެބޭކަލުން ތިއްބެވި ތަނަށް މިސްރާބު ޖައްސަވައިފިއެވެ. އެކަލޭގެފާނު ވަޑައިގަންނަވާ ތަން ފެނިވަޑައިގެންފައި أسعــد ވިދާޅުވިއެވެ. މިވަޑައިގަންނަވަނީ އޭނާގެ ޤައުމުގެ ދެ ވެރީންކުރެ އެއްވެރިޔާއެވެ. އޭނާއާ ރަނގަޅަށް ވާހަކަދައްކަވާށެވެ. أُسَـيــد ވަޑައިގެން ހުއްޓިވަޑައިގެންފައި ވަރަށްބޮޑަށް ކޯފާވެ ހަޅޭފުޅުލައްވައިގެންނެވިއެވެ. "ތިޔަބައިމީހުން ތިޔަކުރަނީ ކީއްހެއްޔެވެ. އަހަރެމެންގެ ތެރެއިން ޢަޤީދާ ބަލިކަށި ސާދާ މީހުން މަގުފުރައްދަނީހެއްޔެވެ. ތިޔަބައިމީހުންގެ ފުރާނަދެކެ ލޯބިވާކަމުގައިވާނަމަ އަވަހަށް މިތަނުން ހިނގައިދާށެވެ."
مـصــعــب ނުހަނު ހަމަޖެހިވަޑައިގެން މަޑުމައިތިރިކަމާއި ކަމޭހިތްތެވުމާއެކު ވިދާޅުވިއެވެ. "ކަލޭގެފާނު ކުޑައިރުކޮޅަކު އިށީނދެވަޑައިގެން އަޅުގަނޑުމެން މިދައްކާ ވާހަކައެއް އަޑުއައްސަވައި އެވާހަކައިގެ ފޭރާން ހުރިނެތްގޮތެއް ބައްލަވައެއް ނުލައްވާނުތޯއެވެ؟ އެވާހަކައިގެ ތެރޭގައި ކަލޭގެފާނުވެސް ރުހިވަޑައިގަންނަވާފަދަ ވާހަކައެއް އޮވެއްޖެކަމުގައިވާނަމަ ގަބޫލުކުރައްވާނީއެވެ. ގަބޫލުފުޅުނޫން ވާހަކައެއްނަމަ ދޫކޮށްލައްވާނީއެވެ."
أُسَـيــد بـــن حُـضَــيــــر މައިތިރިވެވަޑައިގެންފައި ވިދާޅުވިއެވެ. "ތިޔަ ވިދާޅުވީ އިންސާފުވެރި ވާހަކައެކެވެ." އެހެން ވިދާޅުވެފައި ލޮންސިކޮޅު ބިމަށް ޖައްސަވައިފައި ލޮންސިކޮޅުގެ ކައިރީގައި އިށީނދެވަޑައިގެންފިއެވެ.
مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه އިސްލާމްދީނުގެ އަސާސީ ޢަޤީދާތަކާއި އެދީނުގެ މުހިންމަތާއި މަޤުޞަދުތައް أُسَـيــد އަށް ބަޔާންކޮށްދެއްވިއެވެ. ނުހަނު ފޮނި ބަސްފުޅުތަކުންނެވެ. އެހައިމެ ބަލާޣާތްތެރިކަމާ އެކުގައެވެ. އެއަށްފަހު ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެދެއްވިއެވެ. أُسَـيــد އަށް ބޭއިޚުތިޔާރުގައި ކުއްލިޔަކަށް ވިދާޅުވެވިއްޖެއެވެ. "ތިޔައީ ހާދަ ރަނގަޅު ހާދަ ފުރިހަމަ ވާހަކަފުޅުތަކެކެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް