އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލިޔަސް، އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ އައުން މުތުލަގަށް މަނާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލްގެ މަސައްކަތް މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕިއެންސީ މެންބަރު މުހައްމަދު ދާއޫދެވެ.

ބިލްގެ އިބްތިދާއީ ބަހުސް ނިމުމުން އިއްޔެގެ ޖަލްސާގައި ބިލް މަޖިލީހަށް ބަލައިގަނެއް އިތުރަށް ދިރާސާ ކުރުމަށް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވިއެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލުގެ މަސައްކަތް މިމަހު 29 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް އަދި ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން، މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަށް ހުޅުވައިލުމަށް ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ. އެ މުއްދަތުގައި ކަމާބެހޭ މުއައްސަސާތަކުގެ ކޮމެންޓް ބިލަށް ހޯދުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރިއެވެ.

އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އައުން ގާނޫނުގައި މިހާރު މަނާކޮށްފައި އޮންނަނީ، 7 އޮކްޓޫބަރު 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދޭން ފެށި ހަަމަލާތައް ހުއްޓަންދެނެވެ.

ނަމަވެސް އެ ގޮތް ބަދަލުކޮށް އިޒްރޭލް ޕާސްޕޯޓްގައި މުތުލަގަށް ރާއްޖެ އައުން މަނާ ކުރުމަށް، މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށް، މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ހިދުމަތެއް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ރާއްޖެއަށް މީހުން އައުމާއި ރާއްޖޭން މީހުން ފުރުމާ ގުޅޭ ހާއްސަ އަދި އާއްމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ރާއްޖޭން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓް ދޫކުރުމާ ބެހޭ އުސޫލުތަކާއި ބިދޭސީން ރާއްޖެ އައުމާއި ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމާ ގުޅޭ އުސޫލުތަކާއި ރާއްޖެއަށް އައުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް ފަރާތްތަކާ މެދު އަމަލު ކުރެވޭނެ އުސޫލުތައް ހިމެނޭ ގޮތުން އިމިގްރޭޝަނާ ބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައިވާގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ވަޒީރެވެ. މި ބިލުގައި މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ކަނޑައަޅައިފައެވެ.

އިމިގްރޭޝަންގެ ގާނޫނުގައި މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ބަޔާންކޮށްފައި އޮންނަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށެވެ.

އޭގެ ބަދަލުގައި މި ބުލުގައި ހާލަތަށް ރިއާޔަތް ނުކޮށް މުތުލަގަށް ބަޔާންކޮށްފައި ވަނީ އިޒްރޭލްގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށެވެ.