މައްކާގެ ކްލޮކް ޓަވަރުގައި ހުންނަ މިޔުޒިއަމާއި އެ އިމާރާތުގެ އައުޓްޑޯ އޮބްޒަވޭޝަން ޑެކަށް ދުނިޔޭގެ އެންމެ އުސް މިޔުޒިއަމާއި އެންމެ އުސް އައުޓްޑޯ އޮބްޒަވޭޝަން ޑެކުގެ ގީނިސް ވޯލްޑް ރެކޯޑް ލިބިއްޖެއެވެ.

މައްކާ ސިޓީ އެންޑް ހޯލީ ސައިޓްސް ރޯޔަލް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ކްލޮކް ޓަވަރު މިޔުޒިއަމަށް ދުނިޔޭގެ އެންމެ އުސް މިޔުޒިއަމްގެ ރެކޯޑް ލިބުނީ ބިމުން ފެށިގެން 426.875 މީޓަރުގެ އުސްމިނުގައި ހުރުމުންނެވެ. އަދި އެ އިމާރާތުގައި ހުންނަ އައުޓްޑޯ އޮބްޒަވޭޝަން ޑެކަށް ދުނިޔޭގެ އެންމެ އުސް އައުޓްޑޯ އޮބްޒަވޭޝަން ޑެކުގެ ރެކޯޑް ލިބުނީ 560.875 މީޓަރުގެ އުސްމިނުގައި ހުރުމުންނެވެ.

މި ދެ ރެކޯޑުވެސް ގާއިމުވެފައިވަނީ ސައޫދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ހަރަމްގެ އަރިމަތީގައިވާ އަބްރާޖު އަލް ބައިތު ކޮމްޕްލެކްސްގެ ކްލޮކް ޓަވަރުގައެވެ. ޖުމްލަ 601 މީޓަރުގެ އުސްމިން ހުންނަ މި އިމާރާތަކީ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އެއް އިމާރާތެވެ.

ކްލޮކް ޓަވަރު މިޔުޒިއަމަކީ ފަލަކީ އިލްމާއި، ހަނދު ބެލުމުގެ ޓެކްނޮލޮޖީއާއި، ވަގުތު ބެލުމުގެ ތާރީޚުގެ އިތުރުން އިސްލާމީ ހަޟާރަތާއި ވަގުތާ އޮތް ގުޅުން ދައްކުވައިދޭ މުހިންމު މިޔުޒިއަމެކެވެ. މީގެ އިތުރުން، އެންމެ އުސް އޮބްޒަވޭޝަން ޑެކުން މުޅި މައްކާ ސިޓީއާއި މަސްޖިދުލް ހަރަމްގެ ފުރިހަމަ މަންޒަރު ބަލައިލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދެއެވެ.

ރޯޔަލް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި ކާމިޔާބީއަކީ މައްކާގެ ތާރީޚީ އަދި އިލްމީ ވަސީލަތްތައް ތަރައްގީކޮށް، ހައްޖާޖީންނާއި އުމްރާވެރިންގެ ތަޖުރިބާ މުއްސަނދިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.