އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާމެދު މިނިވަން މުއައްސަސާތަކުން ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި، މުއައްސަސާތައް ބޭނުން ކަންކަން ބަޖެޓް ތެރެއިން ހަމަޖައްސައިދެއްވާނެ ކަަމަށް ފިނޭންސް މިނިސްތަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ބަޖެޓް ކޮމިޓީގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކުރީ، މިނިވަން މުއައްސަސާތަކަށް ބޭނުންވާކަމަށް އެ މުއައްސަސާތަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ބަޖެޓުން ބޮޑުބައެއް އުނިކޮށް، ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ މައްސަލައިގައި، އެ މުއައްސަސާތަކުގެ ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާކޮށްފައިވާތީއެވެ.

މިނިވަން މުއައްސަސާތަކުގެ ތެެރެއިން، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމޮޝަން (އީސީ) އިން ވަނީ ބަޖެޓް ކުޑަ ކުރުމުން އެ މުއައްސަސާތަކުގެ މަސައްކަތް އެންމެ ފުރިހަމައަށް ނުކުރެވޭނެ ކަަމަށް ކޮމިޓީގައި ޝަކުވާ ކޮށްފައެވެ.

އެ ކަންބޮޑުވުންތައް ފާޅުކޮށް އޭސީސީގެ ފަރާތުން އިއްޔެ ކޮމިޓީގައި ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ދިން ސީލިންއަށް، އެ ކޮމިޝަނުން ހުށަހެޅި ބަޖެޓުން ބޮޑު ބައެއް އުނިކޮށްފައިވާ ކަމަަށެވެ. އެކަމުގެ ސަބަބުން އެ ކޮމިޝަންގެ ޒިންމާގައި ހިމެނޭ ތަހުގީގުތައް ކުރިއަށް ގެންދަން ރާވާފައި ހުރި މުހިއްކު ކަންތައްތަކަށް ބުރޫ އަރާނެ ކަމަށެވެ.

އީސީން ބުނީ އެ ކޮމިޝަނަށް ދޭން އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ބަލާއިރު، އޮފީސް "ހުޅުވައި ލެއްޕުން" ނޫން އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

އެޗްއާރުސީއެމުން ވަނީ، އެ ކޮމިޝަނުން ހުށަހެޅި ބަޖެޓުން އުނި ކުރި، 7.7 މިލިއަން ރުފިޔާ ބަޖެޓަަށް އިތުރުކޮށްދޭން އެދިފައެވެ. އަދި މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތެރެއިން އިތުރުވި އަދަދުތައް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިދިނުމަށްވެސް އެދުނެވެ.

މި ކަންތައްތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ، ދައުލަތުގެ ބަޖެޓު ތައްޔާރު ކުރަނީ، ހަރަދު ކުޑަ ކުރަން ޖެހޭ، އޭރިއާތައް ފާހަގަކޮށްގެން ކަމަށެވެ. އެ ގޮތުން އަންނަ އަހަރު މުވައްޒަފުން އިތުރު ނުކުރުމަށާއި، މުވައްޒަފުންގެ ރިޕްލޭސްމެންޓްތަކަށް ވެސް ކޮންމެހެން ބޭނުންވާ ފަރާތެއް ނޫނީ ނުނަގާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މުޅި މުސާރަ 17 ބިލިޔަނަށް މިހާރު އަރާފައި އޮތްއިރު، މިއަހަރު ނިމޭއިރު ހުރިހާ މުއައްސަސާތައް، ޕޭ ހާމައިޒޭޝަންގެ ތެރެއަށް ވަންނާނެ ކަމަށެވެ.

ދައުލަތުގެ މުޅި ބަޖެޓް ރާވާފައި އޮތީ އެކަންތައްތަކަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެގޮތަށް މިނިވަން މުއައްސަސާތަކުން ބޭނުންވާ އެއްވެސް ކަމަށް ދައްޗެއް ނުވާނެ ކަމަށާއި، އެ ފަރާތްތަކުން ބޭނުންވާ ކަންތައްތައް ބަޖެޓް ތެެރެއިން ހަމަޖައްސައިދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަބަދުވެސް ކަންތައްތައް ކުރާ ގޮތަކީ މުއައްސަސާތަކުގެ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅޭނެހެން، ބަޖެޓް އެލޮކޭޓް ކޮށްދިނުން، އޭގެ އިތުރުން ކޮންޓިންޖެންސީގައިވެސް އޮންނާނެ އެއްބިލިޔަން ރުފިޔާ ކަނޑައަޅައިފަ، އެއީ އެޖެސްޓްކޮށް ކޮށްދޭންޖެހޭ ކަމެއް ދިމާވެއްޖެނަމަ ކޮށްދިނުމަށް،" ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާނީ މުއައްސަސާތަކުގެ މަސައްކަތްތައް ނުހުއްޓޭނެގޮތަށް ކަމަށެެވެ. އަދި އިތުރަށް ބޭނުންވެއްޖެ ނަމަ މިހާރު ހުށަހެޅިފަ އޮތް ބަޖެޓްގެ ތެރެއިން އެ މުއައްސަސާތައް ބޭނުންވާ ކަންކަން ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.