ފަސް ލައްކަ ރުފިޔާއާ ހަމައަށް އަބުރުގެ ބަދަލު ނަގައިދެވޭގޮތަށް ކަނޑައަޅައި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން، މި ބިލު ހުށަހަޅުއްވާނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން، ކޮންމެ މީހަކަށް ލިބޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ގާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
މިބިލުގެ މަގުސަދަކީ މުޖުތަމައުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަ ކަމެއް ގާއިމު ކުރުމާއި އަބުރާ ބެހެވުނު ފަރާތަކަށް އެކަމުގެ ހަގީގަތް ހާމަކުރުމުގެ ނުވަތަ ރައްދު ދިނުމުގެ ނުވަތަ އެކަމެއް އިސްލާހުކޮށްދިނުމުގެ ހައްގު ލިބިގެންވާކަން ބަޔާންކުރުމެވެ.
އޭގެ އިތުރުން އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައެޅުމަކީ ބިލުގެ މުހިންމު މަގުސަދެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ،
އެ ބިލުގައި އަބުރާ ބެހުމަކީ ކޮބައިކަން ބަޔާންކޮށްދީފައިވެއެވެ. އަދި އަބުރާ ބެހުން ކަމަށް ބެލެވޭނެ ހާލަތުތައް ތަފްސީލުކޮށްދިނުމުގެ އިތުރުން، އަބުރާ ބެހެވޭ ފަރާތުގެ ކިބައިން މައާފަށް އެދުމާއި ބަދަލު ދިނުމަށް ހުށަހެޅުމުގެ ހަމަތައް ބިލުގައި ހިމަނާފައިވެއެވެ.
އަދި އަބުރާ ބެހެވުނު ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާގޮތުން، އިންޓަނެޓް ބޭނުންކޮށްގެން ހާމަކުރާ ލިޔުމެއްގައި ނުވަތަ ތައްޔާރުކޮށް ހިންގާ ވެބްސައިޓެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ނުވަތަ ނެރޭ އޮންލައިން ނޫހެއްގައި ނުވަތަ ބްލޮގެއްގައި ނުވަތަ އެނޫންވެސް އިންޓަނެޓް މެދުވެރިކޮށް އާންމުކުރާ އެއްޗެއްގައި ނުވަތަ ވަސީލަތެއްގައި، ވަކި ފަރާތެއްގެ އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކޮށްގެން ނުވަތަ ހިމަނައިގެން ނުވާނެއެވެ.
ބިލުގައިވާގޮތުން އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތުގެ އަބުރަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެ ގެއްލުމުގެ ކުޑަ ބޮޑު މިނަށް ބަލައި 50,000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް