އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް، ޒޯނުގައި އެއްވެސް ސިފައެއްގައި ގާއިމުކޮށްގެން ނުވަތަ ހިންގައިގެން ނުވާނެ ކަމަށް ކަނޑައަޅައި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ސަރުކާރުން މަޖިލީހަށް ފޮނުވައިފިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާނީ މިއަދު މެންދުރުފަހު ބައްވާ މަޖިލިސް ޖަލްސާގައެވެ.

މިބިލުގެ އަށްވަނަ ބާބު ހާއްސަކޮށްފައިވަނީ، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކަށް، ހާއްސަ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުމަށެވެ.

އެ ބާބުގައިވާގޮތުން ރާއްޖޭގައި ރިއަލް ސްޓޭޓް ވިޔަފާރި ތަރައްގީ ކުރުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި، މިނިސްޓަރުގެ ލަފާގެ މަތިން، ވަކި ހާއްސަ ސަރަހައްދެއް އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ނަމަވެސް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް، ޒޯނުގައި އެއްވެސް ސިފައެއްގައި ގާއިމުކޮށްގެން ނުވަތަ ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާގޮތުން އެގޮތަށް ކަނޑައަޅާ ޒޯނުގައި ތަރައްގީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓް ކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުން ކުރުމަށް ހުއްދަ ލިބިގެންނުވެއެވެ.

އޭގެ އިތުރުން ބިލުގައިވާގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދެއް މި ގާނޫނުގައިވާ ގޮތުގެމަތިން މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ތެރޭގައި ހިންގާ އެންމެހައި ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައި ބެލެވޭނެ ކަމަށާއި އެ މުދަލާއި ހިދުމަތުން ޓެކްސް ނަގާނީ، އެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓުގައި ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައިވާގޮތުން، އިންޓެގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯނެއްގައިވާ ޕްރޮޕަޓީއެއް ގާނޫނުގައިވާ ގޮތުގެމަތިން ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެސް ހައްގެއް ލިބިގެން ނުވެއެވެ. އަދި މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިޒްރާއިލް ރައްޔިތުންނަށް ނުވަތަ އިޒްރާއިލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް، ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ބިލުގައިވަނީ ކަނޑައަޅައިފައެވެ. އަދި ޒޯނެއްގައިވާ ބިމެއް ސަބްލީސް ވެސް ނުކުރެވޭނެއެވެ.

ބިލުގައިވާގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގައިވާ ބިންތައް ވަކި އެއް ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް އަދި/ނުވަތަ އެ ގައުމެއްގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ގާނޫނީ ޝަހްސުތަކަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްދޭންވާނީ ޖުމްލަ ބިންތަކުގެ ނިސްބަތް 25 އިންސައްތަ އަށްވުރެ އިތުރުނުވާ ގޮތުގެމަތިންނެވެ.

ބިލުގައި ބުނާގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ އެއްވެސް ކަމެއް ޒޯނުގައި މާސްޓާ ޑިވެލޮޕަރު ކޮށްގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެންވެސް ނުވާނެއެވެ.

ބިލުގައި ބުނާގޮތުން ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުންވާ ފަދަ އަމަލެއް މާސްޓާ ޑިވެލޮޕަރު ކޮށްގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެންވެސް ނުވާނެއެވެ.

ބިލުގައިވާ ގޮތުން، މާސްޓަ ޑިވެލޮޕަރު ޒޯނު ބަލަހައްޓައި މެނޭޖް ކުރާ އިރު، ޒޯނުގައި ހިދުމަތް ހޯދާ ފަރާތްތަކުން، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި އިހުތިފާލުތައް ބޭއްވުމާއި އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ހެދުން ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.

މި ގާނޫނާ ހިލާފު ނުވަތަ މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ނުވަތަ ޖިނާއީ ކުށާއި އަދަބު ކަނޑައަޅާފައިވާ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާ މެދު މި ގާނޫނުގައި ބަޔާން ކުރާ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އޮތޯރިޓީން ހުށަހަޅަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.