ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "މާތުރުބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" އަށް ސެންސަރު ބޯޑުގެ ހުއްދަ ނުލިބި ލަސްވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް، އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ދޮގުކޮށްފިއެވެ.

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން މި ފިލްމަށް ސެޓިފިކެޓް ދިނުން މަޑުޖައްސާލާފައިވާ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، ސަލްމާން ހާން ފިލްމްސް (އެސްކޭއެފް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ސެންސަރު ބޯޑުގައި ފިލްމު ތާށިވެފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެކެވެ. ފިލްމަށް ސެޓިފިކެޓް ހޯދުމަށް ސީބީއެފްސީއަށް އަދި ހުށަހަޅާފައި ނުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެސްކޭއެފްގެ ބަޔާނުގައި އިތުރަށް ފާހަގަކުރި ގޮތުގައި، ފިލްމާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ނަމަ ހިއްސާކުރާނީ އެ ކުންފުނީގެ ރަސްމީ މަންސަތައް މެދުވެރިކޮށެވެ. އަދި ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.

އަޕޫރްވާ ލާކިއާ ޑައިރެކްޓުކުރާ މި ފިލްމަކީ 2020 ވަނަ އަހަރު އިންޑިއާ އާއި ޗައިނާގެ ސިފައިންނާ ދެމެދު ގަލްވާން ވެލީގައި ހިނގި ކުރިމަތިލުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ހާން ކުޅެނީ އެ ހާދިސާގައި މަރުވި އިންޑިއާ ސިފައިންގެ 16 ބިހާރު ރެޖިމެންޓުގެ ކާނަލް ބިއްކުމައްލާ ސަންތޯޝް ބާބޫގެ ރޯލެވެ. ސަލްމާން ހާންގެ އިތުރުން ޗިތުރަންގަދާ ސިންގް ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމުގެ މިޔުޒިކް ތައްޔާރުކޮށްދީފައިވަނީ ހިމޭޝް ރޭޝަމިޔާއެވެ.

ކުރިން "ބެޓްލް އޮފް ގަލްވާން" ގެ ނަމުގައި އިއުލާނުކުރި މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ތާވަލުކުރީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން ބަދަލުކޮށް، ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. މިދިޔަ ޑިސެންބަރު މަހު ސަލްމާން ހާންގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް ފިލްމުގެ ޓީޒާއެއް އާންމުކޮށްފައިވާއިރު، އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ފިލްމު ދެން ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އޮގަސްޓު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީހެއް ޕްރޮޑަކްޝަން ޓީމުން އަދި އިއުލާނެއް ނުކުރެއެވެ.