މުމްބާއީގެ ގެލެކްސީ އެޕާޓްމަންޓްސްގައި ދިރިއުޅޭތާ 52 އަހަރު ފަހުން، ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާންގެ އާއިލާއިން މުމްބާއީގެ ބާންދްރާ ސަރަހައްދުގައި ހަ ބުރީގެ ލަގްޒަރީ ގެއެއް ހެދުމުގެ ހުއްދަ ހޯދައިފިއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަހާރާޝްޓްރާ ކޯސްޓަލް ޒޯން މެނޭޖްމަންޓް އޮތޯރިޓީ (އެމްސީޒެޑްއެމްއޭ) އިން މި މަޝްރޫއަށް ހުއްދަ ދީފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ބާންދްރާގެ ޗިމްބާއީ ސަރަހައްދުގައި އިމާރާތްކުރާ މި އާ ގެއަކީ ގެލެކްސީ އެޕާޓްމަންޓްސްއާ ވަރަށް ކައިރީގައި، މޫދު ފެންނަ ގޮތަށް ހަދާ ގެއެކެވެ. ސަލްމާންގެ މަންމަ ސަލްމާ ހާންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މި ބިމުގައި ކުރީން ހުރި ދެ ބުރީގެ ބާ އިމާރާތް ތަޅާލުމަށްފަހު، 1،014 އަކަމީޓަރުގެ ސަރަހައްދެއްގައި އަލަށް އިމާރާތްކުރާނީ ގްރައުންޑް ފްލޯއަކާއި ޕާކިން އޭރިއާއެއްގެ އިތުރުން ހަ ބުރިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަޗް ޑިވެލޮޕާސްއާއެވެ.

1974 ވަނަ އަހަރުން ފެށިގެން ސަލްމާން ދިރިއުޅެމުން އަންނަ ގެލެކްސީ އެޕާޓްމަންޓްސް ދޫކޮށް އާ ގެއަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ ސަލާމަތީ ސަބަބުތަކާ ހުރެއެވެ.

2024 ވަނަ އަހަރުގެ އޭޕްރީލް މަހު ލޯރެންސް ބިޝްނޯއީ ގޭންގަށް ނިސްބަތްވާ ބަޔަކު ގެލެކްސީ އެޕާޓްމަންޓްސްގެ ބޭރުގައި ބަޑިޖެހި ހާދިސާއަށްފަހު، ސަލްމާންގެ ސެކިއުރިޓީ ވަނީ މަތިކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އާ ގެ އިމާރާތްކުރަނީ މައި މަގާ ދުރުގައި ކަމަށްވާތީ، އެތަނުގައި ސަލާމަތީ ކަންކަން ވަރުގަދަވެފައި އާއިލާއަށް ލިބޭ ޕްރައިވެސީ ބޮޑުވާނެއެވެ.

ގެލެކްސީ އެޕާޓްމަންޓްސްއަކީ ބޮލީވުޑްގެ ތާރީހާ ގުޅިފައިވާ އައިކޮނިކް ތަނަކަށް ވީނަމަވެސް، އާ އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރާ ތަނެކެވެ. ރިއަލް އެސްޓޭޓް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ސަލްމާންގެ މި ނިންމުމަކީ ބޮލީވުޑްގެ ތަރިން މުމްބާއީގެ ރިއަލް އެސްޓޭޓް މާކެޓުގައި ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް ކުރުމަށް ގެންގުޅޭ ވިސްނުމާ ގުޅިފައިވާ ކަމެކެވެ. އެގޮތުން ސަލްމާންގެ ކޮއްކޮ އަރްބާޒް ހާން ވެސް ދާދި ފަހުން ވަނީ 6.5 ކްރޯޑު ރުޕީސްއަށް އެޕާޓްމަންޓެއް ވިއްކާލުމަށްފަހު ލަގްޒަރީ އެހެން ޕްރޮޖެކްޓަކަށް އިންވެސްޓުކޮށްފައެވެ.

އާ ގެ އެޅުމުގެ ހުއްދަ ލިބި، މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، ގެލެކްސީ އެޕާޓްމަންޓްސް އެއްކޮށް ދޫކޮށްލުމާ ގުޅޭގޮތުން ސަލްމާން ހާންގެ ފަރާތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.