ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ހިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާންމުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އެ ފަރާތްތަކުން ޓެކްސް ނަގަން ފެށީ މިދިޔަ މަހުގެ އެކަކުން ފެށިގެންނެވެ.

ނަމަވެސް އެ ޓެކްސް ކަނޑާލަން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޯގަސްޓް މަހުގެ 26 ގައެވެ. ހަމަ އެ ދުވަހު ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަތެވެ.

އެހެންކަމުން އެ ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިކަން، އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވިއެވެ.

ނަމަވެސް އެ ބިލު ދިރާސާކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ، އެ ބިލު ދިރާސާކުރަން މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ ބިލު އިގުތިދާސީ ކޮމިޓީއަށް ފޮނުވީ، މުޅި މަޖިލީހުގެ ސަބް ކޮމިޓީއެއްގެ ގޮތުގައި ކަމަށެވެ.

ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި، އެ ބިލަށް އާންމުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ފާސްކުރިއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މިމަހުގެ ނުވައެއްވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުން ފޮނުވުމަށް އެދޭ ކަމަށެވެ.

މި ބިލުގައި އެ ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މި ބިލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ މަންފާއެއް ލިބިފައިވުން ނުވަތަ އެ ފަރާތަކުން ކޮށްފައިވާ މުއާމަލާތުގެ ސަބްސްޓެންސަށް ބަލާއިރު އެކަން ކުރީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހިކުރުމަށް ކަމަށް ބެލެވޭ ހާލަތުގައި އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ކަމަށް ބެލެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ޖީއެސްޓީ ދެއްކުމުން އެއް ފަރާތްވާން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވިދާނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޝަނާ ޖެނެރަލަށް ވަނީ ލިބިދީފައެވެ.

ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތްތަކަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކާން ޖެހޭ އަދަދު ކުޑަވުމާއި ޖީއެސްޓީ ދައްކާން ޖެހޭ ތާރީހު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ބިލު ފާސްވެ، ތަސްދީގުކޮށް، ގެޒެޓް ކުރާ ހިސާބުންނެވެ.

ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާ އިރު، ބިލު ތަންފީޒުކުރުމާއެކު އިންބައުންޑް ޓުއަރިޒަމުން ކުރިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދައުލަތަށް ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ. ކުރިން އަންދާޒާކޮށްފައިވާ ގޮތުން، އޮފް ޝޯ ބުކިން ޕްލެޓްފޯމާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއާއެކު 1608.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވުނެވެ.