ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ދިރާގުން މިއަދު ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
އެ ގޮތުން މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެނަލިޓިކްސް އެންޑް ބިޒްނަސް އިންޓެލިޖެންސް، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ކްލައުޑް އެންޑް އައިޓީ ސާވިސެސް، ކޯޕަރޭޓް ސާވިސެސް، ސައިބާ ސެކިއުރިޓީ، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ރެވެނިއު އެޝުއަރަންސް ބިޒްނަސް ކޮންޓްރޯލް، ސޭލްސް، އަދި ސްޓޯސް އެންޑް ޕްރޮކިއުމަންޓްގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.
މިގޮތުން އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި އަދި ލ. އަތޮޅުގައި ގާއިމުކުރެވިފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީ ކުރުމަށާއި ވަގުތު މެނޭޖު ކުރުމަށާއި ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާ ބެހޭ ގޮތުން ދިރާގުގެ އެކި ޑިޕާޓްމެންޓްގެ މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ.
ދިރާގުން 2009ވަނަ އަހަރުން ފެށިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނަ އިރު، މިއަދުގެ ނިޔަލަށް ޖުމްލަ 312 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައިވެސް ވަޒީފާތައް އަދާކުރަމުންކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ޒަރިއްޔާއިން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގްބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް