މިސްކިތަކަށް ގެއްލުންދިން މައްސަލައެއްގައި ދައުލަތުން ދައުވާކުރި، ގ. މާލޭހިޔާ ނައުޝާދު މޫސާ (32އ) ގެ މައްޗަށް ދައުވާ ސާބިތުވެ ކުރިމިނަލް ކޯޓުން އޭނާ ޖަލަށްލާން ހުކުމް ކުރި އިރު، އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުން ގެނޑުން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ކަނޑައަޅައިފިއެވެ.

މި މައްސަަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ އެއް މަހާއި 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކޯޓުން ނެރުނު އަމުރެއްގެ ދަށުން، އޭނާ މިހާތަނަށް ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަ މުއްދަތުގައި ނައުޝާދު މޫސާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާކަން ކޯޓުގެ ރެކޯޑުތަކުން އެނގެން އޮވެއެވެ. ރާއްޖޭގެ ގާނޫނީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރާއިރު، އެ މައްސަލައަކާ ގުޅިގެން އޭނާ ބަންދުގައި ހޭދަ ކުރި މުއްދަތު، އިއްވާ އަދަބުން އުނިކުރަން ޖެހެއެވެ.

މި އުސޫލުގެ ދަށުން، ނައުޝާދު މޫސާ ބަންދުގައި ހޭދަކުރި މުއްދަތު އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުން އުނިކުރުމުން، އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު ޖަލު އަދަބެއް މިހާރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.