ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ފަނޑުވުމެއް ނާންނާނެ މިންވަރަށް ގައުމުގެ އަމާޒު ގެންނަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު ދިވެހީން ގައުމު މިނިވަންކުރި ފަދައިން ދަރަނީގެ އަޅުވެތިކަމުންވެސް ގައުމު ސަލާމަތްކޮށް، ތައައްސުބާއި ފިތުނަ ފަސާދައިގެ އަލިފާން ގައުމީ މަސްލަހަތުގެ ކުރިމަތީގައި ނިއްވާލަންޖެހޭ ކަމަށެވެ.
ރައްޔިތުންނަށް ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ އިގުތިސާދީ މިނިވަންކަން ގާއިމުވެފައި އޮތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވަކި ފަރުދަކަށް ވިޔަސް އަދި ގައުމަކަށް ވިޔަސް، އެހެން ފަރާތްތަކުގެ ނުފޫޒުން ސަލާމަތްވެ އަމިއްލަ ބަސް ބުނެވޭނީ ފުދުންތެރިކަން އޮވެގެންނެވެ. އެހެން ނޫން ނަމަ އަބަދުވެސް އޮންނަންޖެހޭނީ ދަރަނި ދޭ ފަރާތުގެ ކިޔަމަނުގައި ކަމަށާއި، އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރިކުރެވޭނީ ސަލާންޖަހަން ނުޖެހޭ އިގުތިސާދެއް އޮވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އެކި ފަރާތްތަކުން ދެމުން އައި އިންޒާރުތަކުން ގައުމު ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ދަރަނި ނަގައި ފައިސާ ޗާޕުކުރަމުން ދިޔަ ސަގާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް ދައްކައި ހަލާސްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނޮވެންބަރު 17، 2023 ގައި ހުށަހެޅުއްވި ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްލަހަތު އިސްކުރާ ހާރިޖީ ސިޔާސަތެއް ގާއިމުކޮށް، ގައުމުގައި ތިބި ބޭރުގެ ސިފައިން މިހާރު ފޮނުވާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރުގެ ތެރޭގައި އޮތް ބޮޑު ކަނޑުގެ ސަރަހައްދެއް ދޫކޮށްލުމަށް ފޮނުވި ސިޓީ އަނބުރާ ގެނެސް، އެ ސަރަހައްދާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ އަސްކަރީ ގާބިލުކަން ހުރިހާ ގޮތަކުން އިތުރުކުރަމުންދާ ކަމަށާއި، ދިވެހި ވަތަނީ ހިދުމަތުގެ ދަށުން މިހާތަނަށް 1،000 އަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެ، އިތުރު އެތައް ސަތޭކަ ޒުވާނުންނެއް ތަމްރީނު ފުރިހަމަކޮށް ވަޒީފާގެ މައިދާނަށް ނުކުންނަމުންދާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް 40 އަހަރު ފުރެން ކައިރިވެފައިވާ އިރު، ތާރީހުން ފިލާވަޅު ލިބިގަނެ ސިޔާސީ ޖަޒުބާތާއި ޒާތީ އަރާރުންތަކުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަމާއި ސަލާމަތް ނެރެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި، ފުރިހަމަ މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވާނީ ގައުމީ ބަހާތަކަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް