ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.

ފުލުހުން ރޭ ބުނި ގޮތުގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް، އަބްދުﷲ ޝާހިދު (64އ) ރޭ 9:59 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.

ފުުލުހުން މިއަދު ބުނީ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ޝާހިދު ހައްޔަރުނުކުރަނީސް މީގެ ކުރިން ނޫސްތަކަކުން ރިޕޯޓުކުރުމުން، އޭނާ އެ ހަބަރުތައް ދޮގުކުރައްވައި އެކްސްގައި އޭރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު އެ ހަބަރު ދޮގުކުރިތާ މާގިނައިރުތަކެއް ނުވަނީސް ފުލުހުން އޭނާ ހައްޔަރުކުރިއެވެ.