ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ މި އިމާރާތަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކޮށް ވަސީލަތްތައް ގާއިމު ކުރުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާގެ މަޝްރޫއު ކަމަށެވެ.

މި އިމާރާތަކީ ސިފައިންގެ ގާބިލުކަން އިތުރުކޮށް، ސިފައިން އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށްޓަކައި ސިފައިންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ފާތިމަތު މިޒްނާ އަލީއެވެ. ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މރ. ޖޯ ވޭދޯންއެވެ.

ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ކަޅުތުއްކަލާކޮށީގެ 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށެވެ.

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިން އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.