ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެންބަރު މަހްފޫޒް ސައީދު ހުށަހެޅުއްވި މި ގަރާރުގެ ބަހުސްގައި ބައިވެރިވި ހުރިހާ މެންބަރުންވެސް ވަނީ އެ ގަރާރަށް ތާއީދުކޮށް ވާހަކަދައްކައިފައެވެ. މަހްފޫޒް ސައީދު ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލޭގެ ގޮތުގައި ތަރައްގީކުރަމުންދާ ސަރަހައްދުގައި "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއެއް ހިންގުމަށް، އެ ސަރަހައްދުން 500 ހެކްޓަރުގެ ބިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސެޕްޓެންބަރު 21 ގައި ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއް އެކުލަވާލައިފައެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިއްކާފައިވާ އެ ބިމުން 500 ހެކްޓަރުގެ ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދޭން ނިންމާފައިވަނީ އެކުއިޒިޝަން ކޮސްޓަކާ ނުލައި، އަދި ބިން ދޫކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް ކުއްޔެއް ނުހިނގާ ގޮތަށެވެ. ދައުލަތުގެ މާލިއްޔަތަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ބިމުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއަށް ވެވޭ ހިޔާނާތެއް ކަމަށް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، ބިޑުކުރުމަކާ ނުލައި ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް ޕްރޮޕޯސަލަކާ ގުޅިގެން މަޝްރޫއެއް ހަވާލުކުރާ އިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހަދަންޖެހޭ އެސެސްމަންޓުތަކާއި ހުށަހެޅުމުގެ ދާއިރާގައި ހިމެނޭ ކަންކަން އާންމުކޮށްފައި ނުވާތީ، އީގަލް ހިލްސް ހިޔާރުކޮށްފައިވަނީ ގާނޫނީ އުސޫލުތައް ފުރިހަމަ ނުކޮށް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
މަޝްރޫއު ނިމުމުން ދިގު މުއްދަތަކަށް މަންފާވާނެ ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވި ނަމަވެސް، އަންދާޒާކުރާ އާމްދަނީ ހިސާބުކޮށްފައިވާ ގޮތާއި އެއަށްވުރެ ފައިދާ ބޮޑު އިތުރު އިންވެސްޓްމަންޓުތައް ލިބުމުގެ ފުރުސަތު އޮތް މިންވަރު ބަލާފައިވާކަން އެނގެން ނެތް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ސަރަހައްދުން ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށްދިނުމަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއިން މަނާކުރާ ކަމަކަށްވީ ނަމަވެސް، އެ މަޝްރޫއުގެ ދަށުން ގާއިމުކުރާ ތަންތަން ތިންވަނަ ފަރާތަކަށް ދޫކުރާ ކޮންމެ ފަހަރަކު ކުލީގެ މުއްދަތަށް 99 އަހަރު އިތުރުވާ ގޮތަށް އޮތުމުން، ބޭރުގެ ފަރާތްތަކަށް ދާއިމަށް އެ ތަންތަނުގެ މިލްކުވެރިކަން ލިބި ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި މި ގަރާރުގައި ވަނީ، އެ މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި، ބިމުން ބައެއް 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ދިނުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން ރަސްމާލޭގެ ބިމުގެ މައްޗަށް އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު އުފަންވާ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ މެންބަރުން މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީކުރުވުމަށާއި، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުމުގެ އިތުރުން، ސަރުކާރުން އެ ކަންކަމަށް އިޖާބަ ނުދޭ ނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ފަރުދުންނާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފައެވެ.
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ މަޝްރޫއާ ދެކޮޅަށް ގައުމީ މަޖިލީހުގެ މެންބަރުން ވާހަކަދެއްކި ނަމަވެސް، ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް މިރޭ ވިދާޅުވެފައެވެ. މީގެ އިތުރުން ދީނާ ގުޅުވައިގެން ނުވަތަ ޒަޔަނިސްޓުންނާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އެހެންކަމުން އެފަދަ ވާހަކަތައް ނުދެއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް