ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 25،000 ރުފިޔާގެ ބޮޑު އިނާމެއް ލިބޭ ހާއްސަ "ސްވައިޕް" ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި ފެށި މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ސްވައިޕް ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކައިގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ބީއެމްއެލުން ބުނި ގޮތުގައި، މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކިން ރަޖިސްޓަރީވާކަށް ނުޖެހޭނެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފިހާރަތަކުންނާއި ވިޔަފާރިތަކުން ތަކެތި ގަތުމަށްފަހު، ސްވައިޕް މެދުވެރިކޮށް އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

މި ޝަރުތު ހަމަވާ ކޮންމެ ފައިސާ ދެއްކުމަކާއެކު، އެ ހަފުތާއެއްގެ ގުރުއަތުލުމަށާއި ބޮޑު އިނާމުގެ ގުރުއަތުލުމަށް އެއް ފުރުސަތު ލިބޭނެ ކަމަށާއި، ފަސް ފަހަރު ފައިސާ ދައްކައިފި ނަމަ ފަސް ފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ފަސް ނަސީބުވެރިން ހޮވައި، އޭގެ ތެރެއިން ކޮންމެ މީހަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަތަރު ހަފުތާގެ މައްޗަށް ބަހާލައިގެން ކުރިއަށްގެންދާ މި ގުރުއަތުލުންތަކުގައި ޖުމުލަ 20 މީހަކަށް ހަފުތާގެ އިނާމު ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އެއް ހަފުތާއެއްގެ ގުރުއަތުން ހޮވޭ މީހުންނަށް ވެސް، ޖެހިގެން އަންނަ ހަފުތާތަކުގެ ގުރުއަތުލުންތަކުންނާއި ޕްރޮމޯޝަން ނިމުމުން ނަގާ 25،000 ރުފިޔާގެ ބޮޑު އިނާމުގެ ގުރުއަތުން އިނާމު ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު ތަފުސީލާއި ބައިވެރިވާ ވިޔަފާރިތަކުގެ ލިސްޓު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.