ބޮލީވުޑްގެ ތަރި ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ބޭރު ގައުމުތަކުގެ ތިއޭޓްރިކަލް ރައިޓްސް 175 ކްރޯޑް ރުޕީސްގެ މިނިމަމް ގެރެންޓީއަކަށް ފާސް ފިލްމްސްއިން ގަނެފި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އިންޑިއާގެ ފިލްމެއް ބޭރު ގައުމުތަކުގައި ދެއްކުމުގެ ހައްގު މިހާތަނަށް ވިކުނު އެންމެ ބޮޑު އަގެވެ. މީގެ ކުރިން މި ފިލްމު ބޭރު ގައުމުތަކުގައި ޑިސްޓްރިބިއުޓް ކުރާނީ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ކަމަށް އަޑުތައް ފެތުރުނު ނަމަވެސް، ވިޔަފާރީގެ މި މުއާމަލާތާ ގުޅޭ އެއްވެސް ތަފުސީލެއް ފިލްމު އުފައްދާ ފަރާތުން ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ސިދާތު އާނަންދު ޑައިރެކްޓް ކުރާ މި ފިލްމުގައި ޝާހްރުކް ހާންއާ އެކު ދީޕިކާ ޕަދުކޯން، ސުހާނާ ހާން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު އަދި އަރްޝަދު ވަރްސީ ފެނިގެންދެއެވެ. ފިލްމުގެ ފުރަތަމަ މަންޒަރުތައް މިދިޔަ އަހަރު ދައްކާލިއިރު، އުފެއްދުންތެރިން ވަނީ ޑިސެންބަރު 24، 2026 ގައި ފިލްމު ނެރޭނެ ކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީހު ފަސްކޮށްފާނެ ކަމަށް ފިލްމީ ވިޔަފާރީގެ ދާއިރާގައި ފެތުރުނު އަޑުތައް ޝާހްރުކް ހާން ވަނީ ދޮގުކޮށްފައެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 15ގައި އެކްސްގައި ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބުދެމުން ޝާޚު ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފިލްމު ނެރޭ ތާރީހަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، ކުރިން ވެސް ރޭވިފައިވާ ގޮތަށް މި އަހަރުގެ ޑިސެންބަރު 24 ގައި ސިނަމާތަކުގައި އަޅުވާނެ ކަމަށެވެ.