އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށާއި، ނަމަވެސް އެ ގައުމުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމެރިކާއަށް ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޮވެންބަރު 3ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ކުރިން މިސޫރީގެ ކެންސަސް ސިޓީގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ކޭސީއެމްއޯއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، މި ހަނގުރާމަ ނިންމާނެ ވަކި ގޮތެއް ނުވަތަ ތާރީހެއް ހާމަކުރައްވާފައެއް ނުވެއެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކޮންމެވެސް އެއް ގޮތަކުން މި ހަނގުރާމަ ނިމޭނެ ކަމަށެވެ. އަދި އީރާނާއެކު ހަނގުރާމަ ފެއްޓެވީ އެމަނިކުފާނު ނޫން ކަމަށާއި، އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ފެށީ އީރާނުން ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުން އެމެރިކާގެ ގިނަ ބަޔަކު މަރާލާފައިވާ ކަމަށާއި، މުޅި ދުނިޔެއަށްވެސް އެ ގައުމުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މި ހަނގުރާމައާ ގުޅޭ ގޮތުން ޓެކްސަސްގެ ލަބޮކްގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުންވެސް، ބޭނުންފުޅުވާ ކޮންމެ ވަގުތަކު ހަނގުރާމަ ނިންމާލެވޭނެ ކަމަށާއި، އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރެއް އޮވެގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމަކަށް އައުމަށް ތެހެރާންއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެފަދަ އެއްބަސްވުމެއްގެ ޝަރުތުތަކަށް އީރާނުން ފުރިހަމައަށް އަމަލުކުރާނެކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.