(26 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އާދޭހެވެ. އެއީ ކޮންމެ ނަބީބޭކަލެއްގެވެސް ހިތްޕުޅުގައި އެބޭކަލެއްގެ އުއްމަތާމެދު އޮންނަ ހަންހާރަވެތިކަމާއި ހެޔޮއެދިވަޑައިގަތުމެވެ. مــعــــاذ اللّــــه އެއީ އެއްވެސް ޙާލެއްގައި ޙަސަދަވެރިވެ ވަޑައިގެންނެވުން ކަމުގައި ދެކޭކަށެއް ނުވާނެއެވެ. އެއީ مــــوســــى عـــلـيــــه الـسّـــلام ވެސް އެކަލޭގެފާނުގެ އުންމަތުގެ މަޙްރޫމިއްޔަތާމެދު ހިތްޕުޅުގައި އުފެދުނު އުދާސްކަމާއި ހިތްޕުޅުދަތިކަމުގެ އިޙްސާސެވެ.
(ثُـــــمَّ صَـعِــدَ بِـــىْ اِلَــــى السَّمَــاءِ السَّــابِــعَــــةِ......) ދެން އަހުރެން ގެންދެވުނީ ހަތްވަނަ އުޑަށެވެ. އެ އުޑުގެ ދޮރުކޮޅު ކައިރީގައިވެސް މަލާއިކަތުންގެ ސުވާލު ޖަވާބުހުރީ އެހެނިހެން އުޑުތަކުގެ ދޮރުކޮޅުތަކު ކައިރިޔެކޭ އެއްގޮތަށެވެ. ހަތްވަނަ އުޑުން ބައްދަލުވީ إبــــراهــيـــــم عــلــيـــه الـسّــلام އާއެވެ. އެކަލޭގެފާނާ ބައްދަލުވެވުމުން جــبـــــريـــل ގެފާނު ވިދާޅުވިއެވެ. މިއީ ކަލޭގެފާނުގެ ބަފައިކަލުން إبــــراهــيـــــم ގެފާނެވެ. އެކަލޭގެފާނަށް ސަލާމްކުރައްވާށެވެ. އަހުރެން ސަލާމްކުރުމުން އެކަލޭގެފާނު ވިދާޅުވިއެވެ. مَـــرْحَـبًــا بِـالْأِبْـــنِ الـصَّــالِــحِ وَالــنَّــبِــىِّ الـصَّــالِــحِ (ޞާލިޙު ދަރިކަލުން އަދި ޞާލިޙު ނަބިއްޔާއަށް މަރުޙަބާއެވެ.)
(ثُـــــمَّ رُفِــعَـتُ اِلَــــى سِـــدْرَةِ الْـمُـنْـــتَــهَـــى) (ދެން އަހުރެން ގެންދެވުނީ ســـدرة المـنــتــهـــى އާ ހަމަޔަށެވެ.) ســـدرة المـنــتــهـــى ގެ ކައިރީގައި ހިނގައިދިޔަ ކަންތައްތަކަށްވަނީ ســـــورة الـنّـجــــم ގައި އަލިއަޅުއްވައިލައްވައިފައެވެ. އެވާހަކަ މީގެކުރީންވެސް އަޅުގަނޑު ވަނީ ބަޔާންކޮށްފައެވެ. އެހެންކަމާއެކުވެސް އަދިވެސް އެއްފަހަރު އެ ސޫރަތުގެ އެގާރަވަނަ އާޔަތުން ފެށިގެން އަށާރަވަނަ އާޔަތުގެ ނިޔަލަށް މިތާނގައިވެސް ލިޔެލާނަމެވެ.
މި ބަރަކާތްތެރި ދަތުރުފުޅުގެ އާސްމާނީ ބައިގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ ســـــورة الـنّـجــــم ގައެވެ.
"އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محــمّــــد ގެފާނު) އެހެން ފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ســـدرة المـنــتــهـــى ގެ ކައިރީންނެވެ. އެތާނގެ ކައިރީގައި ޖަންނަތުލްމައުވާ ވެއެވެ. (އެއީ މުއުމިނުންގެ ފުރާނަތަކުގެ މަރުކަޒެވެ.) ســـدرة المـنــتــهـــى ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވައިފައިވާ ތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ." (الـنّـجــــم: 18-11)
ســـدرة އަކީ ޢަރަބި ބަހުގައި ކުންނާރުގަހެވެ. مـنــتــهـــى އަކީ އިންތިހާއެވެ. ނިމުމެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި އޭގެ މަފްހޫމަކީ އެތަނަކާ ހަމައިން ކޮންމެ އެއްޗެއްވެސް ނިމުމަކާ ހަމަޔަށް އަންނަ ހިސާބެވެ. ކީރިތި ޤުރްއާނުގެ އުސްލޫބަށް ރިޢާޔަތްކުރާއިރު އެތާނގެ ޙާލަތު ވިސްނައިގަތުމަކީ ޢާންމު ފިކުރުތަކުގެ ދާއިރާއިން ބޭރުގައިވާ ކަމެކެވެ. މަޚްލޫޤަކަށް އެއަށްވުރެ ކުރިޔަކަށް ނުދެވޭނެއެވެ. جــبـــــرائــيــــل عـلــيـــه السّــلام އަކަށްވެސް އެއަށްވުރެ ކުރިޔަކަށް ވަޑައެއް ނުގެންނެވޭނެއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަޑައިގެންނެވީ ކިހައި ހިސާބަކަށްތޯއެވެ؟ މި ސުވާލުގެ ޖަވާބަކީ ސަލަފުންގެ ޒަމާނުން ފެށިގެން މިއަދާހަމަޔަށްވެސް އިޚްތިލާފީ މައްސަލައެކެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި ވަޙީ ބާވައިލައްވަނީވެސް އެހިސާބަށެވެ. މަލާއިކަތުން އެ ވަޙީ ބާވައިގަންނަވަނީވެސް އެހިސާބުންނެވެ. އިލާހީ އަރްޝިފުޅުން އަންނަ އަމުރުފުޅުތައް ވާސިޠާއެއްނެތި އަންނަނީ އެހިސާބަށެވެ. އެއަށްވުރެ މައްޗަށްވަނީ ކިބްރިޔާވަންތަ ހަރިންމަފުޅެވެ. މަޚްލޫޤަކަށް އެ ހަރިންމަފުޅަށް ވަދެވުމަކީ މުމްކިންކަމެއް ނޫނެވެ.
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މިޢުރާޖުގެ ރޭގައި ހުސްތާހިރުވަންތަ رَبُّ الْــعـُــلَـــــى ގެ ޒާތުފުޅު ދެކެވަޑައިގެންނެވި ބާވައެވެ؟ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިސުވާލުގެ ޞަރީޙު ޖަވާބެއް ކީރިތި ޤުރްއާނަކުންވެސް ނަބަވީ ޙަދީސުފުޅަކުންވެސް ނުލިބެއެވެ. (ރަސޫލެ އަކްރަމް صــلّـــــى اللّــــه عــلـيــــه وســلّـــــم ޞއައުރެހަމް: ޑޮކްޓަރ އަސްރާރު އަޙްމަދު) ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم މަތިވެރިވަންތަ ޒާތުފުޅު ދެކެވަޑައިގެންނެވިކަމުގައި ރިވާޔަތްތައް ހުރިކަމުގައިވިޔަސް އެންމެގަދަ ބަސްފުޅަކީ ސީދާ މުޝާހިދާ ނުކުރެއްވޭކަމަށްހުރި ބަސްފުޅުތަކެވެ. أمّ المــؤمــنـــيـــن السّــيّــدة عـائشـــة صــدّيــقــــة رضــــى اللّــــه عــنـــهـــا ގެ ބަސްފުޅަކީވެސް މިއީއެވެ. އެހެންކަމުން މި މައްސަލައިގައި ވަކިކޮޅެއް ނަގައިގެން އިތުރަށް ބަހުސު ކުރިޔަށް ގެންދާކަށެއް އަޅުގަނޑު ނުވިސްނަމެވެ. ކޮންމެއަކަސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތަކެއް ދެކެވަޑައިގެންނެވިކަމީ ކީރިތި ޤުރްއާނުގެ ނައްސުން ސާބިތުވާ ކަމެކެވެ.
مــالـك بـــن صعـصعـــة رضـــــى اللّــــه عــنـــــه ގެ ރިވާޔަތަށް އަޅުގަނޑުމެން އެނބުރިދާއިރު ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަނީ ســـدرة المـنــتــهـــى ކޮންމެވެސް ވަރަކަށް ސިފަކޮށްދެއްވައިފައެވެ. އިތުރު ސާހިބާ ސިފަކުރައްވައިފައިވާ ގޮތުގައި އެގަހުގެ ކުންނާރުތައް ހަޖަރެވެ ކިޔުނު ސަރަޙައްދުގެ ބަނޑިޔާތައް ވަރުވެއެވެ. އެގަހުގެ ފަތްތައް އެތުގެ ކަންފަތް ވަރުވެއެވެ. އިތުރު ސާހިބާ ބަޔާންކޮށްދެއްވައެވެ. އަހުރެން އެތަނުން ހަތަރު އާރު ދުށީމެވެ. އެއް ދެއާރު ހިނގަމުންދިޔައީ ވަންހަނާކޮށެވެ. އަނެއް ދެއާރު ހާމަކޮށެވެ. އަހުރެން جــبـــــريـــل ގެފާނާ ސުވާލުކުރީމެވެ. މިއީ ކޮން އާރުތަކެއްތޯއެވެ. جــبـــــريـــل ގެފާނު ވިދާޅުވިއެވެ. ވަންހަނާކޮށް ހިނގަމުން އެދަނީ ސުވަރުގޭގެ ދެއާރެވެ. އެއްއާރަކީ ކައުޘަރެވެ. އަނެއް އާރަކީ ސަލްސަބީލެވެ. ހަމަކޮށް ހިނގަމުން އެދަނީ ނީލަކޯރާއި ފުރާތުކޯރެވެ. އެ ދެ ކޯރުގެ މާއްދީ "ފިޔަ" އަޅުގަނޑުމެން ދުނިޔެމަތީން މިދެކެނީއެވެ. (ޢިލްމުވެރީން ލިޔުއްވާ ގޮތުގައި އޭގެ މަފްހޫމަކީ ފުރާތާއި ނީލަކޯރާ ދެމެދުގެ ފެހި ވާދީތައް ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އުންމަތުގެ ވަޒަނެއްކަމުގައި ލެއްވުމެވެ. އެއްނަސްލަކަށްފަހު އަނެއް ނަސްލަކަށެވެ. އެއްވެސް ޙާލެއްގައި އާ ދެކޯރުގެ ފެނުގެ މަންބަޢު ސުވަރުގޭގައި ވުމެއްނޫނެވެ. - الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
(ثُـــــمَّ رُفِــعَ لِـــــيَ الْــبَــيْــتُ الْــمَــعْــمُـــــوْرُ) ދެން އަހުރެން ގެންދެވުނީ بَــيْــتُ الْــمَــعْــمُـــــوْرُ ގެ އަރިހަށެވެ. بَــيْــتُ الْــمَــعْــمُـــــوْرُ އަކީ ހަތްވަނަ އުޑުގައިވާ މާތް اللّــــه ގެ މަތިވެރި ގެފުޅެވެ. އެ ގެފުޅުގެ ބިންމަތީގައިވާ ހިޔަނިފުޅަކީ كــعـــبـــة اللّــــه އެވެ. جــبـــــرائــيــــل އެ ގެފުޅާ ބެހޭގޮތުން ވިދާޅުވިއެވެ. ކޮންމެ ދުވަހަކު ހަތްދިހަހާސް މަލާއިކަތުން އެ ގެފުޅުގައި ނަމާދު ކުރައްވައެވެ. ނަމާދު ކުރައްވައި ނިމިވަޑައިގެން ނުކުމެވަޑައިގެންފި މަލާއިކަތަށް ދެވަނަ ފަހަރަކަށް ވެދެވަޑައިގެންނެވުމުގެ ފުރުޞަތެއް ލިބިވަޑައެއް ނުގަންނަވައެވެ. ހަމައެފަދައިން މަލާއިކަތުން كــعـــبـــة ގައިވެސް ޠަވާފު ކުރައްވައެވެ. އަޅުގަނޑުމެން ޤަބޫލުކުރާންޖެހެނީ އެއީ އަޅުގަނޑުމެންގެ ލޯތަކަށް ވަންހަނާކުރައްވައިފައިވާ "ޣައިބުގެ ދުނިޔެއެއް" ކަމެވެ. (ބުޚާރީއާއި މުސްލިމުގެ ބައެއް ރިވާޔަތްތަކުގައި بَــيْــتُ الْــمَــعْــمُـــــوْرُ ގެ ވާހަކަ އަންނަނީ ســـدرة المـنــتــهـــى ގެ ވާހަކައިގެ ކުރީންނެވެ.)
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެހައިތަނުން ޒިޔާފަތެއް އެރުވުނެވެ. ޙަދީސުފުޅުގައިވެއެވެ. (ثُـــــمَّ اُتِــيْـتُ بِـــاِنَـــاءٍ مِــــنْ خَـمْــــــرٍ، وَاِنَـــاءٍ مِــــنْ لَــبَـــنٍ، وَاِنَـــاءٍ مِــــنْ عَـسَــــلٍ) ދެން އަހުރެންގެ ގާތަށް ރާތަށްޓަކާއި ކިރުތައްޓަކާއި މާމުއިތަށްޓެއް (ތަށްޓެއް/ކަންވާރެއް) ގެނެވުނެވެ. އަހުރެން ނެގީ ކިރުތަށްޓެވެ. އެހިނދު جــبـــــرائــيــــل ވިދާޅުވިއެވެ. "ތިޔައީ ކަލޭގެފާނާއި ކަލޭގެފާނުގެ އުންމަތް އެގޮތެއްގެ މަތީގައިވާ ފިޠުރަތުގެ ގޮތެވެ. ކަލޭގެފާނު ރާތަށިކޮޅު ނެންގެވިނަމަ ކަލޭގެފާނުގެ އުންމަތް މަގުފުރެދިއްޖައީހެވެ." (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
އުންމަތަށް ދެއްވި މިޢުރާޖުގެ ހަދިޔާ
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސު ކުރެއްވިއެވެ. "ދެން އަހުރެންނާއި އަހުރެންގެ އުންމަތުގެ މައްޗަށް ރެޔަކާއި ދުވާލު ފަންސާސް ނަމާދު ފަރުޟު ކުރެއްވިއެވެ. އެހެން ރިވާޔަތެއްގައިވެއެވެ. "އެވަގުތު އަހުރެންނަށް ތިންކަމެއް ދެއްވުނެވެ. އެއީ ފަރުޟު ފަސްނަމާދާއި ســـــورة الــبـقــــــرة ގެ އެންމެފަހު ދެއާޔަތާއި އަހުރެންގެ އުންމަތުގެ މީހުންގެ ބޮޑެތި ފާފަތައްވެސް އަފޫކުރައްވާގޮތަށް ހަމަޖެހުމެވެ."
އަދިވެސް މި ރިވާޔަތުގައި އިތުރަށް ތަފްސީލު ކުރައްވައިފައިވެއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، ســـدرة المـنــتــهـــى ގެ ކައިރީން އެނބުރި ވަޑައިގެންނެވިއިރު އަނެއްކާވެސް مــــوســــى بـــن عِــمـــــران عـــلـيــــه الـسّـــلام އާ ބައްދަލުވެވަޑައިގެންނެވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުޝާހިދާގެ ޚަބަރުތައް އެއްސެވުމަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަ ފަންސާސް ނަމާދު މާގިނައެވެ. އަޅުގަނޑަށް ވަނީ މީހުންގެ ތަޖްރިބާ ކުރެވިފައެވެ. ކަލޭގެފާނުގެ އުންމަތަކަށް ރެޔާ ދުވާލު ފަންސާސް ނަމާދު ތަޙައްމަލެއް ނުކުރެވޭނެއެވެ. އެނބުރި ވަޑައިގެން ލުއިކޮށްދެއްވާތޯ އެދިވަޑައިގަންނަވާށެވެ." ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެނބުރި ވަޑައިގެން އެދިވަޑައިގެންނެވުމުން ދިހަ ނަމާދު މާފުކުރައްވައި ސާޅީސް ނަމާދު ކަމުގައި ލެއްވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެނބުރި مــــوســــى ގެފާނާ ހަމަޔަށް ވަޑައިގެންނެވުމުން مــــوســــى ގެފާނު އަނެއްކާވެސް ވިދާޅުވިއެވެ. ތިޔަވަރުވެސް މާގިނައެވެ. އަދިވެސް ވަޑައިގެން ލުއިކޮށްދެއްވާނުތޯ އެދިވަޑައިގަންނަވާށެވެ. އިތުރު ސާހިބާ އަލުން ވަޑައިގެން އިލްތިޖާކުރެއްވުމުން އަނެއްކާވެސް ދިހަ ނަމާދު ޢަފޫކޮށްދެއްވައި ތިރީސް ނަމާދުކަމުގައި ހަމަޖެއްސެވިއެވެ. އެފަހަރުވެސް مــــوســــى ގެފާނު ވިދާޅުވިއެވެ. އަދިވެސް ލުއިކޮށްދެއްވާތޯ އެދިވަޑައިގަންނަވާށެވެ. އެފަހަރު ވަޑައިގެން މުނާޖާ ދެންނެވުމުން އަނެއްކާވެސް ދިހަ ނަމާދު ޢަފޫކޮށްދެއްވައި ވިހި ނަމާދުގައި ވެއްޖެއެވެ. އަނެއްކާވެސް مــــوســــى ގެފާނާ ހަމަޔަށް ވަޑައިގެންނެވުމުން އަދިވެސް އިތުރަށް ލުއިކޮށްދެއްވާތޯ އެދިވަޑައިގަންނަވާން މަޝްވަރާ އެރުއްވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެނބުރިވަޑައިގެން އެދިވަޑައިގެންނެވުމުން އަނެއްކާވެސް ދިހަ ނަމާދު މާފުކޮށްދެއްވައި ދިހަ ނަމާދުކަމުގައި ވެއްޖެއެވެ. އެފަހަރުވެސް مــــوســــى ގެފާނާ ހަމަޔަށް ވަޑައިގެންނެވުމުން ޚަބަރު އޮޅުންފިލުއްވުމަށްފަހު ކުރީންވެސް ދެއްކެވި ވާހަކަފުޅު ދައްކަވައިފައި ވިދާޅުވިއެވެ. ތިޔަވަރުވެސް ކަލޭގެފާނުގެ އުންމަތަށް މާބުރަވާނެއެވެ. އަދިވެސް ވަޑައިގެން އެދިވަޑައިގަންނަވާށެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަނެއްކާވެސް އެނބުރިވަޑައިގެން ލުއިކޮށްދެއްވުން އެދިވަޑައިގެންނެވިއެވެ. އެފަހަރު ފަހެއް އުނިކުރައްވައި ފަސް ނަމާދުކަމުގައި ހަމަޖައްސަވައިދެއްވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަނެއްކާވެސް مــــوســــى ގެފާނާ ހަމަޔަށް ވަޑައިގެންނެވުމުން مــــوســــى ގެފާނު ވިދާޅުވިއެވެ. ތިޔަވަރުވެސް ގިނައެވެ. އަދިވެސް ވަޑައިގެން އެދިވަޑައިގަންނަވާށެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް