މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން އަލުން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް މަޖިލީހުން ފުރަތަމަ ހުޅުވާލީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އެ ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ، ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު މިދިޔަ މަހުގެ 28 ގައި ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފަރުޝަތު އިސްތިއުފާދެއްވީ މީޑިއާތަކާ މެދު އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި، މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރާއި ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީވެސް ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އެ އިދާރާއަށް ހުށަހަޅަންޖެހެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ފުރިފައިވުމާއި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުން ނުވަތަ ސިޔާސަތު ކަނޑައެޅުން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރާ ނުވަތަ އައްޔަންކުރާ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި،މީޑިއާއެއްގެ މަސްއޫލުވެރިއަކަށް ނުވަތަ އެޑިޓަރަކަށް ނުވުމުގެ އިތުރުން ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުންވެސް ޝަރުތުކޮށްފައިވެއެވެ. ހަމައެއާއެކު އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ހިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
އަލީ ޔާމިން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
ކޮމެންޓް