މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ، މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ (ގާނޫނު ނަންބަރު 16/2025) 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން މެންބަރަކު ކަނޑައެޅުމަށްޓަކައި ހުޅުވާލި ފުރުސަތެއް ކަމަށެވެ.

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 30 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، އެ މަގާމަށް ކުރިމަތިލާ މީހަކީ މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ އިތުރުން، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް، ނުވަތަ ހިޔާނާތާއި ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން މި ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުން މަގާމުގައި ދެމިތިބޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ ގާނޫނުގެ ދަށުން އައްޔަންކުރެވޭ އެއްވެސް މެންބަރަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެ ދައުރަށް ވުރެ ގިނަ ދުވަހު މަގާމުގައި ނުހުރެވޭނެއެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގުރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. މި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.

މީޑިއާ ކޮމިޝަންގެ މެންބަރުކަމުގެ މަގާމެއް ހުސްވެފައިވަނީ، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވި މުހައްމަދު ފަރުޝަތު، މިދިޔަ މަހުގެ 28 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ގައެވެ.

މަގާމުން އިސްތިއުފާދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަރުޝަތު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކާއި އިންސާފުވެރިކަމާއެކު ކަންކަން ރާވާއި ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން އެ ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށެވެ.

ފަރުޝަތު ވިދާޅުވެފައިވަނީ ރާއްޖެ ފުރިހަމަ ޑިމޮކްރަސީގެ ނިޒާމަކަށް ފުރޮޅެމުންދާ ދަނޑިވަޅެއްގައި މީޑިއާތަކަކީ އިލްމީ ގޮތުންނާއި ފައިސާގެ ތަނަވަސްކަމުގެ ގޮތުންނާއި "މެޗުއަރިޓީ"ގެ ގޮތުން މިނިވަން މާހައުލެއްގައި އާންމުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.

ގާނޫނުން ކޮމިޝަނާއި މެންބަރުންގެ މައްޗަށް މަގު ދައްކާފައި ވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ ގަވާއިދު ދަމަހައްޓައި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ވާޖިބުތައް އަދާކުރުން ކަމަށެވެ. މީޑިއާ ކޮމިޝަނުގެ އިތުބާރާއި ގާނޫނުގެ ރޫހާއި މަގުސަދު ދެމެހެއްޓުމުގެ ބިންގަލަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ފަރުޝަތު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. މީގެ އިތުރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުގެ މަގާމު ވެސް އަދާކުރެއްވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހަތް މެމްބަރުން ތިއްބަވައެވެ. އެއީ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރުންނެވެ. ފަރުޝަތަކީ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ.

ފަރުޝަތަކީ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ. އަދި ކޮމިޝަނުގެ ރައީސަށް ވާނެ މެންބަރު ވެސް ކަނޑައަޅަނީ ކޮމިޝަނަށް އައްޔަންކޮށްފައިވާ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުންނެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކޮށްފައިވާ އަނެއް ދެ ބޭފުޅުންނަކީ ސޮފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތެވެ.

އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެމްބަރު ކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލައެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ. އެ ކޮމިޝަނުގެ ނައިބު ރައީސަކީ ޒަމްއަތެވެ.