ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ގައުމުގެ މުސްތަގުބަލަށްޓަކައި ރަނގަޅު ސިއްހީ ހިދުމަތެއް ބޭނުން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް އިސްކަން ދިނުމުގެ ގޮތުން 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ކަށަވަރު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެހެންކަމުން 2027 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުމަށް 2027 ވަނަ އަހަރުގައި ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތުން، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްގީ ކުރާ ހޮސްޕިޓަލްތައް ހިމެނޭހެން "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމަށް އަންނަ އަހަރު ވަނީ ނިންމާފައި،"
މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލި މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އާއި އިކުއިޕްމަންޓްތައް މަރުކަޒީ ނިޒާމެއްގެ ދަށުން ހޯދޭނެ އިންތިޒާމު ގާއިމު ކުރުމަށް ވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި "ސްޓޭޓް ފާމާ" މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމު ހަރުދަނާކޮށް، ހަރަދު ކުޑަކުރުމާއެކު، އަސާސީ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ އިތުރުން، މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެކޯ ޗެމްބާ، އެކްސް-ރޭ، ސީ.ޓީ ސްކޭން، އެމްއާރްއައި، ދަތުގެ ފަރުވާ، އަދި ކަރުންމަތީގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި ވިހެއުމާ، ދަރިމައިވުމާގުޅޭ ހިދުމަތްތައް ތަރައްގީކުރުމަށްވެސް ބަޖެޓުގައި އިސްކަންދީފައިވާނެ،"
މީގެ އިތުރުން އެހެނިހެން ސްޕެޝަލައިޒްޑް ހިދުމަތްތައް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަ އަހަރު ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް