ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ސްކޮލާޝިޕްގައި ހިލޭ ކިޔެވުމަށްފަހު ކިޔަވައިގެން ރާއްޖެ އަންނަ ކުދިން ވަރަށް މަދު ކަމަށާއި އެއީ ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ސްކޮލާޝިޕްގައި ކިޔަވައިގެން ގައުމަށް އެނބުރި އައިސް ހިދުމަތްކުރަން ނާންނަ ފަރާތްތަކުން، ގަބޫލުކުރެވޭ ފަދަ އުޒުރެއް ނެތް ހާލަތުގައި، ދައުލަތަށް ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ފަހަރު ވަރަށް އަންޕޮޕިއުލާ ކަންތައް ކުރާ މީހެއް އަޅުގަނޑަކީ. އެހެން ނަމަވެސް ރަނގަޅު ކަންތައް ކުރަން އިސްކަންދެނީ އަންޕޮޕިއުލާ ވިޔަސް. ގައުމަށް ފައިދާ ހުރި ކަމެއް ވެއްޖިިއްޔާ އެއީ ކިތަންމެ އަންޕޮޕިއުލާ ކަމެއް ވިޔަސް ގައުމަށް އިހުލާސްތެރިވެ އަޅުގަނޑު އެކަމެއް ކުރާނަން، ކުރިއަށް އޮތް ތަނުގައި ވެސް ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުން މަނާ ކުރުމަށް ނިންމެވި ނިންމެވުމަކީ ވެސް "އަންޕޮޕިއުލާ" ނިންމުމެއް ކަމަށެވެ.
އެގޮތުން ވޭޕް މަނާ ކުރަން އުޅުއްވުމުން އެކަން ނުކުރުމަށާއި އެއީ ވަރަށް ގިނަ ބައެއްގެ ވިޔަފާރި ހަލާކުވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ވޯޓު ވެސް ނުލިބޭނެ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނަމުންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަކީ ޒުވާނުންގެ ދުޅަހެޔޮކަމަށްޓަކައި ނިންމެވި ކަމެއް ކަމަށާއި އެކަން ނުކުރި ނަމަ ރާއްޖެ އޮންނާނީ ވަރަށް ވެސް ބިރުވެރި ހާލަތެއްގައި ކަމަށެވެ.
މީގެ އިތުރުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަކީ ވެސް "އަންޕޮޕިއުލާ" ނިންމެވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް މަސައްކަތް ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސްވެރިން އެކަމަށް ދެކޮޅު ހަދައި އެކަން ނުކުރަން އެދުނު ކަމަށެވެ. އަދި އެއީ ޓޫރިޒަމް ހަލާކުވާނެ ކަމެއް ކަމަށާއި އިޒްރޭލުގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ރާއްޖޭގައި ތިބި ކަމަށް ވެސް އެބޭފުޅުން ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އިންވެސްޓަރުން ރާއްޖެ ދޫކޮށްލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ދޫކުރިއަސް، އެ ޖާގައަށް އެއަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް ވިދާޅުވެ، އެ ނިންމުން ބަދަލު ނުކުރައްވައި ކުރިއަށް ވަޑައިގެންނެވީ ކަމަށެވެ. ރައީސް ވަނީ އެމަނިކުފާނަކީ ގައުމަށްޓަކައި އެފަދަ "އަންޕޮޕިއުލާ" ނިންމުންތައް ނިންމަވާ ބޭފުޅެއްކަން ތަކުރާރު ކުރައްވައިފައެވެ.
ކޮމެންޓް