މާދަމާ ރޭ ބާއްވާ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި 113 ބޭފުޅަކަށް އިނާމު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޒުވާނުންގެ މަރުކަޒުގެ މާލަމުގައި މާދަމާ ރޭ 8:30 ގައި ބާއްވާ ޖަލްސާގައި ދެއްވާނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު 56 ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 57 ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެއީ:

  • ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވި ހަ ބޭފުޅަކަށް
  • ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅަކަށް
  • ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލުކުރި ބޭފުޅަކަށް

ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.