ބޮލީވުޑްގެ ތަރި ޝާހްރުކް ހާން އޭނާގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ކިންގް"ގެ އާ ޕޯސްޓަރެއް ނެރެފިއެވެ. އޭނާގެ 61 ވަނަ އުފަންދުވަހާ ދިމާކޮށް ނެރުނު މި ޕޯސްޓަރާއެކު، އުމުރުން 60 އަހަރުގައި އަނެއްކާވެސް އޭނާ ލޯބިވެރިއެއްގެ ރޯލުން ފެންނާނެ ކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ. ޕޯސްޓަރާއެކު ޝާހްރުކް ހާން ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، އޭނާއަކީ ގާތިލެއް ނޫން ކަމަށާއި ލޯބިވެރިއެއް ކަމަށެވެ.

މި ޕޯސްޓަރުން ފެންނަނީ އަލިފާން ރޯވެފައިވާ ޓަނަލެއްގެ ތެރެއިން ޝާހްރުކް ހާން ބަޑިއެއް ހިފައިގެން ނުކުންނަ މަންޒަރެވެ. ނުރައްކާތެރި ސިފައެއްގައި ދައްކުވައިދޭ މި މަންޒަރުގައި، އޭނާގެ ނުރަ އިސްތަށިގަނޑާއި ލޭ ހޭކިފައިވާ މޭމަތި ފެންނަ ގޮތަށް ކަޅު ގަމީހުގެ ގޮށްތައް ހުރީ ނައްޓާލާފައެވެ. އަދި ދަތްތަކުގެ ދެމެދުގައި ކަށި ހުރި ފިނިފެންމަލެއްގެ ތަނޑެއް ހިފަހައްޓައިގެން ހުންނަތަން ވެސް ފެނެއެވެ.

މި ކެރެކްޓަރާ ގުޅޭގޮތުން މީގެ ކުރިން މުމްބާއީގައި ބޭއްވި ސަޕޯޓަރުންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޝާހްރުކް ހާން ބުނީ، މިއީ ވަރަށް އަނދިރި އަދި ނުބައި ސިފަތަކެއް އެކުލެވޭ ޝައުގުވެރި ރޯލެއް ކަމަށެވެ. އަދި ހީރޯއާއި ވިލަންގެ ތަފާތަކީ މީހުން އުފައްދާފައިވާ އެއްޗެއް ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، ސެޕްޓެންބަރު 15 ގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފިލްމުގެ ފުރަތަމަ ޑައިލޮގު ހިއްސާކުރަމުން، ފިލްމު އަދި ނުނިމޭ ކަމަށާއި "ކިންގް" އެކަނި ވެސް ފުދޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގައި ސުހާނާ ހާން، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން އަދި ރާނީ މުކަރްޖީ މުހިންމު ރޯލުތަކުން ފެންނާނެއެވެ. މި ފިލްމުގައި ސުހާނާ ކުޅެނީ ގާތިލެއްގެ ތަމްރީނު ހޯދާ މީހެއްގެ ރޯލު ކަމަށް ދައިނިކް ބާސްކަރުގައި ލިޔެފައިވީ ނަމަވެސް، އެއީ ރަސްމީކޮށް ކަށަވަރުވެފައިވާ މައުލޫމާތެއް ނޫނެވެ. މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު 24 ގައެވެ.