ސޯޝަލް މީޑިއާގައި ދޮގު އަދި އޮޅުވާލުމެއް އެކުލެވޭ މައުލޫމާތު ފަތުރާ ކަމަށް ބުނެ، އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާއާއި ރަޝްމިކާ މަންދަނާ ތަމްސީލުކުރާ ޓީމުން ހައިދަރްއާބާދު ސައިބަރ ކްރައިމް ޕޮލިހަށް ރަސްމީކޮށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި ދެ ތަރިންނަށް ނިސްބަތްކޮށް ”ވިރޯޝް“ގެ ނަމުން މަޝްހޫރުވެފައިވާ އެ ޓީމުން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ފަރާތުގެ މަންދޫބަކު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެ، އޮންލައިންކޮށް ދައުރުކުރަމުންދާ ވަކި ޕޯސްޓުތަކަކާ ގުޅޭގޮތުން ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ކޮށްދިނުމަށް އެދިފައެވެ.

އެ ޓީމުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާޑުކިޔުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރިހަމައަށް އިހުތިރާމުކުރި ނަމަވެސް، އަމިއްލަ ދެކޭގޮތް ހާމަކުރުމާއި އުފައްދާފައިވާ ނުވަތަ ބަދަލުގެނެސްފައިވާ ދޮގު ވާހަކަތައް ހަގީގަތެއްގެ ގޮތުގައި ފެތުރުމާ ދެމެދު ސާފު ތަފާތެއް ވެއެވެ.

ހުށަހެޅި ޝަކުވާގައި، ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ޑިޖިޓަލް ޕަބްލިކޭޝަންތަކުގައި ހިމެނޭ ކަމަށް ބުނާ ދޮގު ވާހަކަތަކާއި، ބަދަލުގެނެސްފައިވާ ސްކްރީންޝޮޓްތަކާއި، އެހެން މީހުންގެ ނަމުގައި ހަދާފައިވާ އެކައުންޓުތަކުގެ އިތުރުން އަމާޒުކޮށްގެން ކުރާ ފުރައްސާރަތައް ފާހަގަކޮށްފައިވާ ކަމަށް ދަ އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ. އަދި މިއީ ރޭވިގެން ހިންގާ ކަމެއްތޯ ބަލައިދިނުމަށް އެދިފައިވާއިރު، ގާނޫނާ ހިލާފު މިފަދަ ކޮންމެ އަމަލެއް ވަކިވަކިން ބަލައި، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ޓީމުގެ ބަޔާނުގައި ލިޔެފައިވެއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ކަރަން ޖޯހަރުގެ ”ކޮފީ ވިތު ކަރަން“ ޝޯގައި އެ ދެ ތަރިން ބައިވެރިވި ފަހުން، އެ މީހުންގެ ގުޅުމާ ބެހޭގޮތުން އޮންލައިންކޮށް ފާޑުކިޔުންތަކާއި ފުރައްސާރަ އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އެ ޓީމުން މި ޝަކުވާ ހުށަހެޅިކަން ހާމަކޮށް ބަޔާން ނެރުނު ކަމުގައިވިޔަސް، މި މައްސަލައާ ގުޅޭގޮތުން ހައިދަރްއާބާދުގެ ފުލުހުންގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް އެ ނޫހުން ބަޔާންކޮށްފައިވެއެވެ.