(22 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އެރޭ އަހުރެން އޮތީ ޙަތީމުގައި (ނުވަތަ ވިދާޅުވީ ހިޖްރުގައެވެ. ހިޖްރަކީވެސް ޙަތީމުގެ ބައެކެވެ.) އޮށޯވެލައިގެންނެވެ. ކުއްލިޔަކަށް އަހުރެންގެ ގާތަށް އައިމީހަކު އަތުވެއްޖެއެވެ. - އެމީހާ އަހުރެންގެ މިހިސާބުން ފެށިގެން މިހިސާބަށް (ކައުނަބިއްޔާ އިޝާރަތްކުރެއްވީ އެމާތް ސާހިބާގެ ލަގޮނޑިވަޅުފުޅުން ފެށިގެން ފޫޅުފުޅާ ހަމަޔަށެވެ.) ފަޅުއްވައިލެއްވިއެވެ. ދެން އަހުރެންގެ ހިތް ނެރުއްވިއެވެ. ދެން ރަނުގެ ތަބައްކޮޅެއް ގެނެވުނެވެ. އެ ތަބައްކޮޅު ފުރައިލެވިފައިވަނީ އީމާންކަމުންނެވެ. ދެން އަހުރެންގެ ހިތް ދޮވެލެއްވިއެވެ. ދެން ޒަމްޒަމް ފެނުން އަހުރެންގެ ބަނޑުތެރެވެސް ދޮވެލެއްވިއެވެ. އެއަށްފަހު އަހުރެންގެ ހިތާއި ހަށިގަނޑުގެތެރެ ޙިކުމަތާއި އީމާންކަމުން ފުރައިލެއްވިއެވެ. ދެން އަހުރެންގެ ކައިރިޔަށް ސޫތްޕެއް ގެނެވިއްޖެއެވެ. އެއީ ބަޣުލަކަށްވުރެ ކުޑަ ޙިމާރަކަށްވުރެ ބޮޑު ސޫތްޕެކެވެ. އޭގެ ކުލަޔަކީ ހުދު ކުލައެވެ. އޭގެ ނަމެއްކަމުގައި ބުނެވުނީ ބުރާޤެވެ. (مـــولانــاأبـــوالـكــلام آزَد ވިދާޅުވާގޮތުގައި ބުރާޤު މިނަމުގެ އަސްލަކީ ބަރުޤުއެވެ. ވިދުވަރެވެ. އެ އިޝާރާތްކުރެއްވުނީ އަލިދަތުރުކުރާ ސްޕީޑަށެވެ. رســـول رحـمت) އެ ސޫފި ކޮންމެ ފިޔަވަޅެއްވެސް އަޅަނީ އޭގެ ނަޒަރުފޯރާ ދުރުމިނުގައެވެ. ދެން އަހުރެން އެއަށް ސަވާރުކުރެވިއްޖެއެވެ. އަހުރެންނާއެކު جــبـــــريـــل ވަޑައިގެންނެވިއެވެ. (މިތާނގައިވަނީ جــبـــــريـــل ގެފާނުގެ ނަންފުޅު ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ.) ދެން އަހުރެންނަށް ދުނިޔޭގެ އުޑާ ހަމަޔަށް ދެވިއްޖެއެވެ.
މި ރިވާޔަތުގައި މިޢުރާޖުގެ ދަތުރުފުޅުގެ ބިންމަތީބައިގެ ވާހަކައެއް ނާދެއެވެ. ނަމަވެސް ســـــورة ألإســـــراء ގެ ފުރަތަމަ އާޔަތާއި އެހެނިހެން ޞައްޙަ ރިވާޔަތްތައް ގުޅައިލުމުން އެބައި ފުރިހަމަވެއެވެ. (مـــولانــاأبـــوالـكــلام آزَد ވިދާޅުވާގޮތުގައި المـسجــد الحـــــــرام ގެ މުރާދަކީ މައްކާއެވެ. المـسجــد الأقـصــى ގެ މުރާދަކީ ބައިތުލްމަޤްދިސެވެ.)
ކައުނަބިއްޔާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވެދެއްވިއެވެ. އަހުރެން އަހުރެންގެ ސަވާރީ ބުރާޤު ނަބީބޭކަލުންގެ ސަވާރީތައް ބަންނަވާ ތާނގައި ބަނދެލައިފީމެވެ. (އަހުރެން މިސްކިތަށް ވަތްއިރު) ވަރަށްގިނަ މީހުން ނަމާދަށް އައިސް ތިއްބެވެ. އަހުރެން ހުރީ އިމާމުވެވަޑައިގަންނަވަނީ ކޮންބޭކަލަކުތޯ ބަލާން އިންތިޒާރުގައެވެ. އެހެން ހުއްޓައި جــبـــــريـــل عـلــيـــه السّــلام އަހުރެންގެ އަތުގައި ހިއްޕަވައިގެން އަހުރެން ކުރިޔަށް ގެންދަވައިފިއެވެ. އަހުރެން އިމާމުވެ ނަމާދުކޮށްފީމެވެ. ދެން جــبـــــريـــل عـلــيـــه السّــلام އަހުރެންގެ ގާތުގައި ވިދާޅުވިއެވެ. "ކަލޭގެފާނާ އިޤްތިދާވެވަޑައިގެން މިތާނގައި މިނަމާދުކުރެއްވީ ހައްތާވެސް ނަބީބޭކަލުންނެވެ. އަރަހުށި މާތް اللّــــه އެކިޒަމާންތަކުގައި ދުނިޔެއަށް ފޮނުއްވި ނަބީބޭކަލުންނެވެ. ކަލޭގެފާނު ތިޔަ ވެވަޑައިގެންނެވީ އެހުރިހައި ބޭކަލުންގެ އިމާމުކަމުގައެވެ. މިއީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ سـيّـــدالأنـبـيــاء والمـــرسـلـيــن ކަމުގެ ޢަލާމަތެކެވެ. ދެން އެހައިތަނުން ފެށުނީ އުޑުތަކުގެ ދަތުރެވެ.
ދެން ރިވާޔަތުގެ ސިލްސިލާ ގުޅުއްވަމުން ކުރިޔަށް ގެންދެވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، جــبـــــريـــل ގެފާނުގެ އަރިހުގައި އެއްވަނަ އުޑާ ހަމަޔަށް ވަޑައިގެންނެވުމުން جــبـــــريـــل ގެފާނު އެ އުޑުގެ ދޮރުކޮޅު ހުޅުއްވާން ދޮރުކޮޅުގައި ޓަކިދެއްވިއެވެ. ސުވާލު ކުރެވުނެވެ. "ކާކުހެއްޔެވެ؟" جــبـــــريـــل ގެފާނު ޖަވާބުދެއްވިއެވެ. "جــبـــــرائــيــــل އެވެ." ސުވާލު ކުރެވުނެވެ. "ކަލޭގެފާނުގެ އަރިހުގައިވަނީ ކާކުތޯއެވެ؟"
މިތާނގައި އަޅުގަނޑުމެން ހަނދާންކުރާންޖެހެއެވެ. އެއްވަނަ އުޑުގެ ފާރަވެރި މަލާއިކަތުންނަށްވެސް ޓަކިދެއްވީ ކޮންބޭކަލެއްކަމާއި އެބޭކަލެއްގެ އަރިހުގައި ވަޑައިގެންނެވީ ކޮންބޭކަލެއްކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް ޤާނޫނަކީ ޤާނޫނެވެ. އެހެންކަމުން ދޮރުކޮޅުގައި ޓަކިދެއްވާން ޖެހިވަޑައިގެންނެވީއެވެ. ސުވާލު ޖަވާބުވެސް ހިނގީއެވެ. ޝައްކެއްނެތެވެ. ފަނޑިޔާރަކަށް އެބޭކަލެއްގެ އަމިއްލަފުޅު ދެނެވަޑައިގެންނެވުމުގެ މައްޗަށް ބިނާކުރައްވައެއް ނިޔާއެއް ކަނޑައެއް ނޭޅުއްވެވޭނެއެވެ. ސަރިޔަތްތައް ހިންގަވާނީ ހެކިބަހުގެ ބިންގަލުގެ މަތީގައެވެ. ފަނޑިޔާރަކަށް މައްސަލައިގެ ފުރިހަމަ މަޢުލޫމާތު ލިބިވަޑައިގެންފައިވާތީ އެ މަޢުލޫމާތު ދެއްވުން ލާޒިމުވާ ޙާލަތުގައި މައްސަލަ ޙަވާލުކުރެވޭނީ އެހެން ފަނޑިޔާރަކާއެވެ. އެ ފަނޑިޔާރެއްގެ ކުރިފުޅުމައްޗަށް ހެތްކެއްގެގޮތުން ވާނީ މަޢުލޫމާތު އެނގިވަޑައިގަންނަވާ ފަނޑިޔާރު ހާޒިރުވެވަޑައިގަންނަވާށެވެ. އާދެ ޤާނޫނަކީ ޤާނޫނެވެ." އެހެންކަމުން ސުވާލު ކުރެވުނެވެ. "އަރިހުގައި ކޮންބޭކަލެއްތޯއެވެ؟" جــبـــــرائــيــــل ޖަވާބު ދެއްވިއެވެ. "محــمّــــد (صــلّـــــى اللّــــه عــلـيــــه وســلّـــــم) އެވެ. ސުވާލު ކުރެވުނެވެ. "އެކަލޭގެފާނު ބަލައިފޮނުއްވުނީތޯއެވެ؟" جــبـــــريـــل ގެފާނު އާނއެކޭ ވިދާޅުވެ ޖަވާބު ދެއްވިއެވެ. އެހިނދު ޖަވާބު އައެވެ. "މަރުޙަބާއެވެ! ތިޔަ ގެންނެވި އައުދާނަ ފަރާތަށްވެސް ތަހްނިޔާއާއި އުފާވެރިކަން ހުއްޓެވެ." އެއަށްފަހު ދުނިޔޭގެ އުޑުގެ (އެއްވަނަ އުޑުގެ) ދޮރުކޮޅުކޮޅު ހުޅުވިއްޖެއެވެ.
އެތެރެޔަށް ވަނުމުން އަހުރެންނަށް ފެނުނީ آدم عــلــيـــه الـسّــلام ވަޑައިގެން އިންނަވަނިކޮށެވެ. جــبـــــرائــيــــل ވިދާޅުވިއެވެ. "މިއީ ކަލޭގެފާނުގެ ބަފައިކަލުން آدم ގެފާނެވެ. އެކަލޭގެފާނަށް ސަލާމްކުރައްވާށެވެ." އަހުރެން ސަލާމްކޮށްފީމެވެ. އެހިނދު آدم ގެފާނު ސަލާމުގެ ޖަވާބު ދެއްވިއެވެ. مَـــرْحَـبًــا بِـالْأِبْـــنِ الـصَّــالِــحِ وَالــنَّــبِــىِّ الـصَّــالِــحِ (ޞާލިޙު ދަރިކަލުން އަދި ޞާލިޙު ނަބިއްޔާއަށް ތަހްނިޔާއެވެ.) آدم عــلــيـــه الـسّــلام އަކީ އެންމެހައި އިންސާނުންގެ ބަފައިކަލުންނެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް آدم ގެފާނުގެ ކަނާތްޕުޅު ފަރާތްޕުޅުން ހެޔޮލަފާ އިންސާނުންގެ ރޫޙުތައް ފެނިވަޑައިގެންނެވިއެވެ. ވާތްޕުޅު ފަރާތުން ނުބައި ފާސިޤުންގެ ފުރާނަތައް ފެނިވަޑައިގެންނެވިއެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
ދެން އަނެއްކާވެސް جــبـــــرائــيــــل އަހުރެން ގޮވައިގެން ވަޑައިގެންނެވީ މައްޗަށެވެ. ދެވަނަ އުޑާ ހަމަޔަށެވެ. ދެވަނަ އުޑުގެ ދޮރުކޮޅުމަތީގައިވެސް ސުވާލު ޖަވާބުގެ ކަންތައް ހިނގީ އެއްވަނަ އުޑާ އެއްގޮތަށެވެ. އެ އުޑުގެ ދޮރުކޮޅު ހުޅުވުމުން އަހުރެން އެތެރެޔަށް ވަތްއިރު ތިއްބެވީ عـيســـى بـــن مــــــريـــــــم عـــلـيــــه الـسّـــلام އާއި يحــــيى بـــن زكـــــــريــّـا عــلــيـــه الـسّــلام އެވެ. އެ ދެބޭކަލުންނަކީ މައިފުށުން ވަރަށް ތިމާގެފުޅު ދެބޭކަލުންނެވެ. އެއްބޭކަލަކީ އަނެއް ބޭކަލެއްގެ ބޮޑުދައިތާފުޅުގެ ދަރިކަލެކެވެ. جــبـــــريـــل ގެފާނު އަހުރެންގާތު ވިދާޅުވިއެވެ. މިއީ عـيســـى ގެފާނާއި يحــــيى ގެފާނެވެ. އެ ދެބޭކަލުންނަށް ސަލާމްކުރައްވާށެވެ. އަހުރެން އެ ދެބޭކަލުންނަށް ސަލާމްކުރުމުން އެ ދެބޭކަލުން ސަލާމުގެ ޖަވާބުގައި ވިދާޅުވިއެވެ. مَـــرْحَـبًــا بِـالْأَخِ الـصَّــالِــحِ وَالــنَّــبِــىِّ الـصَّــالِــحِ (ޞާލިޙު އަޚާ އަދި ޞާލިޙު ނަބިއްޔާއަށް މަރްޙަބާއެވެ.)
آدم عــلــيـــه الـسّــلام ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ މުޚާޠަބުކުރެއްވީ "ދަރިކަލުންނޭވެ" ވިދާޅުވެއެވެ. ނަމަވެސް عـيســـى عـــلـيــــه الـسّـــلام އާއި يحــــيى عــلــيـــه الـسّــلام މުޚާޠަބުކުރެއްވީ "އަޚާއެވެ" ވިދާޅުވެފައެވެ. آدم عــلــيـــه الـسّــلام އަކީ އެންމެހައި އިންސާނުންގެ އިސްކާފައިކަލުންނެވެ. (ބަފައިކަލުންނެވެ.) عـيســـى ގެފާނާއި يحــــيى ގެފާނަކީ އިސްރާއީލު ބާގައިގެ ދެބޭކަލުންނެވެ. އެ ދެބޭކަލުންނަކީ إبــــراهــيـــــم عــلــيـــه الـسّــلام ގެ ދެވަނަ ދަރިކަލުން إسحـــاق عــلــيـــه الـسّــلام ގެ ދަރިކޮޅުގެ ބޭކަލުންނެވެ. އެހެންކަމުން އެބޭކަލުން ވިދާޅުވީ އަޚާއޭ އެވެ. ހަމައެފަދައިން يـــوسف عــلــيـــه الـسّــلام އާއި مــــوســــى عـــلـيــــه الـسّـــلام އާއި هـــــارون عــلـيــــه الـسّــلام ވެސް ވިދާޅުވާނީ އަޚާއޭ އެވެ. إبــــراهــيـــــم عــلــيـــه الـسّــلام ވިދާޅުވާނީ "ދަރިކަލުންނޭވެ" މިފަދައިންނެވެ. އެހެނީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަޑައިގެންނެވީ إبــــراهــيـــــم عــلــيـــه الـسّــلام ގެ ދޮށީ ދަރިކަލުން إسمـــــاعـــيــــل عــلــيـــه الـسّــلام ގެ ނަސްލުންނެވެ.
ކުރިޔަށްދަމާ ހިންގަވާށެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވިދާޅުވިއެވެ. جــبـــــريـــل ގެފާނު ދެން އަހުރެން ގޮވައިގެން ވަޑައިގެންނެވީ ތިންވަނަ އުޑުގެ ދޮރުކޮޅުގެ ކައިރިޔަށެވެ. އެ ދޮރުކޮޅުގެ ކައިރީގައިވެސް ސުވާލު ޖަވާބު ހިނގީ ކުރީގެ ދެއުޑުގެ ދޮރުކޮޅުގެ ކައިރިއެކޭ އެއްގޮތަށެވެ. ދޮރުކޮޅު ހުޅުވައިލެވުމުން އަހުރެން جــبـــــريـــل ގެފާނުގެ އަރިހުގައި އެ އުޑަށް ވަދެއްޖައީމެވެ. އެ އުޑުން ބައްދަލުވީ يـــوسف عــلــيـــه الـسّــلام އާއެވެ. ސަލާމްކުރުމާއި ޖަވާބުދިނުން ދެވަނަ އުޑެކޭ އެއްގޮތެވެ. ހަމައެފަދައިން ހަތަރުވަނަ އުޑުން إدريـس عــلــيـــه الـسّــلام އާ ބައްދަލުވިއެވެ. ފަސްވަނަ އުޑުން ބައްދަލުވީ هـــــارون بـــن عِــمـــــران عــلـيــــه الـسّــلام އާއެވެ. ހަވަނަ އުޑުން مــــوســــى بـــن عِــمـــــران عـــلـيــــه الـسّـــلام އާ ބައްދަލުވިއެވެ. އެހުރިހައި ބޭކަލުންނަށްވެސް ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ސަލާމްކުރެއްވިއެވެ. އެބޭކަލުން ކައުނަބިއްޔާގެ ސަލާމުގެ ޖަވާބު ދެއްވައި އެމާތް ސާހިބާގެ ނުބުއްވަތަށް އިޢުތިރާފުވެވަޑައިގެންނެވިއެވެ. مــــوســــى عـــلـيــــه الـسّـــلام ބައްދަލުވެވަޑައިގެންނެވި ވާހަކަޔާ ބެހޭގޮތުން ޙަދީސުފުޅުގައި އައިސްފައިވެއެވެ. ސަލާމްކޮށް ޖަވާބުދެއްވައި ނިމުމުން އަހުރެން ކުރިޔަށްދާން ފެށުމުން مــــوســــى عـــلـيــــه الـسّـــلام އަށް ކީރިތިކުރެއްވިއްޖެއެވެ. އެވަގުތު ދެންނެވުނެވެ. ކަލޭގެފާނު ކީރިތިކުރައްވަނީ ކޮންކަމަކާތޯއެވެ. مــــوســــى ގެފާނު ޖަވާބު ދެއްވިއެވެ. "މި ޒުވާނާއަށް ނަބީކަން ދެއްވުނީ އަޅުގަނޑަށްވުރެ މާފަހުންނެވެ. އެހެންކަމާއެކުވެސް ސުވަރުގެވަންތަވެރީންގެ ތެރޭގައި އެކަލޭގެފާނުގެ އުންމަތުގެ މީހުން މާގިނައެވެ."
އާދޭހެވެ. އެއީ ކޮންމެ ނަބީބޭކަލެއްގެވެސް ހިތްޕުޅުގައި އެބޭކަލެއްގެ އުއްމަތާމެދު އޮންނަ ހަންހާރަވެތިކަމާއި ހެޔޮއެދިވަޑައިގަތުމެވެ. مــعــــاذ اللّــــه އެއީ އެއްވެސް ޙާލެއްގައި ޙަސަދަވެރިވެ ވަޑައިގެންނެވުން ކަމުގައި ދެކޭކަށެއް ނުވާނެއެވެ. އެއީ مــــوســــى عـــلـيــــه الـسّـــلام ވެސް އެކަލޭގެފާނުގެ އުންމަތުގެ މަޙްރޫމިއްޔަތާމެދު ހިތްޕުޅުގައި އުފެދުނު އުދާސްކަމާއި ހިތްޕުޅުދަތިކަމުގެ އިޙްސާސެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް