(6 ނޮވެމްބަރުގެ އަދަދާ ގުޅޭ)
ދުވަސްކޮޅެއްގެ ތެރޭގައި ޝަކުންތަލާގެ ޚަބަރު ޓާކުރުގެ ގަނޑުވަރާ ހަމަޔަށް ވެސް ފޯރައިފިއެވެ. ޓާކުރުގެ އަނބިކަނބަލުން ޝަކުންތަލާ ދެކެވަޑައިގަންނަވާން ބޭނުންފުޅު ވާހަކަ ކީދާރުނާތުގެ އަންހެނުންނަށް އަންގަވައިފިއެވެ. ކީދާރުގެ އަންހެނުން އޭނާ ނަލަ ހައްދައިގެން ޓާކުރުގެ އަނބިކަނބަލުންގެ އަރިހަށް ގެންގޮސްފިއެވެ. އެ ދުވަހުގެ ބައްދަލު ވެވަޑައިގަތުމަށް ފަހު ޓާކުރުގެ ދަރިކަނބަލުން ބާގޫންތީ ޝަކުންތަލާގެ ވަރަށް ގާތް ރަޙުމަތްތެރިޔަކަށް ވެވަޑައިގެންފިއެވެ.
ޖޭކްރިޝަން އޭނާ ހޯއްދެވުމަށް ނުފުރޮޅުއްވާ އެންމެ ގައުކޮޅެއް ވެސް ނުބާއްވަވާނެކަން ޝަކުންތަލާއަށް އެނގިވަޑައިގަންނަވައެވެ. އޭނާ، އޭނާއަކީ މޯހަންޗަންދުގެ ދަރިކަނބަލެއްކަން ޢާއްމުކޮށް ފާޅު ކުރައްވައިފި ނަމަ، ކޮންމެވެސް ދުވަހަކުން އެ ޚަބަރު ޖޭކްރިޝަންގެ ކަންފަތްޕުޅާ ހަމަޔަށް ފޯރާނެކަން ވެސް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން، ކީދާރުނާތުގެ ދެމަފިރީން ފިޔަވައި އެހެން އެއްވެސް މީހެއްގެ ގާތުގައި ޝަކުންތަލާ އޭނާގެ މާޒީގެ ވާހަކަ ވިދާޅެއްނުވެއެވެ. އެހެން ބަޔަކު އެ ވާހަކަ ދައްކާން ފަށައިފި ކަމުގައި ވާނަމަ، އޭނާ ވިދާޅުވެއެވެ. "ދުނިޔޭގައި އަހަރެންގެ ބޭބެއެއް ފިޔަވައި އެކަކު ވެސް ނެތެވެ. އޭނާ ވެސް ވީ މުސްލިމުންގެ ޤައިދުގައެވެ."
ކީދާރުނާތު ދެ މަސް ދުވަސް ފަހުން ޝަކުންތަލާގެ ރަށުގެ ޚަބަރު ބަލާން ދިޔައެވެ. އޭނާ އެނބުރި އައިސް ރަންބީރު ހައްޔަރު ވީ ވާހަކަ އާއި، ފިލައިވަޑައިގެންނެވި ވާހަކަ ދެންނެވިއެވެ. އޭނާ ޝަކުންތަލާއަށް ނަސޭހަތްޕުޅު އެރުވިއެވެ. "ދަރިފުޅު މީގެ ފަހުން އެއްވެސް މީހެއްގެ ގާތުގައި ދަރިފުޅުގެ ސިއްރު ފާޅު ނުކުރައްވާށެވެ. ގުނޫޖުގެ އައު ރަސްގެފާނުގެ ދަރުބާރުގައި ޖޭކްރިޝަނަށް ވަނީ ވަރަށް އަރިސް މަޤާމެއް ލިބިވަޑައިގެންފައެވެ. ގުނޫޖުގެ އައު ރަސްގެފާނާއި ގަވާލިޔާރުގެ ރަސްގެފާނާ ދެ ބޭފުޅުންނަކީ ދެ ރަޙުމަތްތެރީންނެވެ. ދަރިފުޅު މިތާނގައި އިންނެވިކަން ޖޭކްރިޝަނަށް އެނގިވަޑައިގެންފި ކަމުގައި ވާނަމަ، މި އަވަށް ވެސް ދަރިފުޅަށް މާ ރައްކާތެރި ތަނަކަށް ނުވާނެއެވެ. ޖޭކްރިޝަން ވަނީ ދަރިފުޅުގެ ޚަބަރު ގެނެސްދިން މީހަކަށް ވަރަށް ބޮޑެތި އިނާމު ދެއްވާނެކަމަށް ވެސް އިޢުލާން ކުރައްވައިފައެވެ. އެ ހިސާބުގަނޑުގެ ހުރިހައި އަމީރުން ތިއްބެވީ އޭނާއާ އެއްބައި ވެވަޑައިގެންނެވެ. ދަރިފުޅުގެ ބޭބެއަކަށް ދެވަނަ ފަހަރަކަށް އެ ސަރަޙައްދުގައި ފައިތިލަފުޅު ބީއްސަވައެއްވެސް ނުލެއްވޭނެއެވެ."
ޝަކުންތަލާގެ ހިތްޕުޅުގައި އޭނާގެ ބޭބެއާ މެދު ކަންބޮޑުވެވަޑައިގަތުން ދިޔައީ އިތުރު ވަމުންނެވެ. ދުވަސްކޮޅެއްގެ ފަހުން ޝަކުންތަލާއަށް ލިބިވަޑައިގެންނެވީ سلطان محمود ގެ ލަޝްކަރު ގުނޫޖާއި ބާރީގެ އާ ރަސްގެފާނު ބަލި ކޮށްލެއްވުމަށް ފަހު ކަލަންޖަރާ ދިމާޔަށް ދަތުރު ކުރާ ޚަބަރެވެ. ޝަކުންތަލާ ކީދާރުނާތު ގާތު ވިދާޅުވިއެވެ. "ބޭބޭއެވެ! ބޭބެ އަދިވެސް އެއްފަހަރު އަޅުގަނޑުމެންގެ ރަށަށް ދުރުވެދެއްވާށެވެ. އަޅުގަނޑުގެ ބޭބެ މިހާރު އެރަށަށް ވަޑައިގެންނެވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ރަސްގެފާނުގެ ޙިމާޔަތުން މަޙްރޫމު ވެވަޑައިގަތުމުން ޖޭކްރިޝަނަކަށް އަޅުގަނޑުމެންގެ ރަށަށް ވެރި ވެވަޑައިގެން ނުއުޅުއްވޭނެކަން އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑުގެ ބޭބެއަކީ ހިތްވަރު އެލުވައިލައްވައިފައި ހުންނަވާނެ ބޭފުޅެއް ނޫނެވެ. އޭނާއަށް ވަގުތެއް ލިބިވަޑައިގަންނަވާ އިރަށް، ރަށާ ޙަމަލަ ދެއްވާނެއެވެ. އަޅުގަނޑުގެ ބޭބެ ދީނަށް ޓަކައި ވެވަޑައިގެންނެވި ޤުރުބާނީ އެ ހިސާބުގަނޑުގެ އެންމެންނަށް އެނގޭނެއެވެ. އެބައިމީހުން ބޭބެއާ އެހީ ވާނެކަން ޔަޤީނެވެ."
ކީދާރުނާތު ދެންނެވިއެވެ. "ޚުދު އަޅުގަނޑަށް ވެސް ފެންނަނީ ތިޔަ ވިދާޅުވި ގޮތަށެވެ. ޖޭކްރިޝަން ކަހަލަ ބޭފުޅުން ވާނީ ގުނޫޖުގެ ރަސްގެފާނާ އެކު ރަށް ދޫ ކޮށްލައްވައިފައި ފިލައިވަޑައިގެންފައެވެ. ގުނޫޖުގެ އަހުލުވެރީން ތިބީ ތަރުލޯޗަންޕާލް ލައްވައި އޭނާގެ ބައްޕާފުޅާ ދެކޮޅަށް ބަޣާވާތް ކުރުއްވާން އުޅުއްވި އަމީރުން ދެކެ ވަރަށް ބޮޑަށް ނުގަބޫލު ވެފައެވެ. އަޅުގަނޑު ކޮންމެހެން ވެސް ދަރިފުޅުގެ ރަށަށް ދާނަމެވެ."
ކީދާރުނާތު އޭގެ އަނެއް ދުވަހު އޭނާގެ ރަށުން ފުރައިފިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ގުނޫޖުގެ ސަރަޙައްދަށް ވަދެވުމާ އެކު، އޭނާއަށް ރަންބީރުގެ ރަށުގެ ސާފު ޚަބަރުތައް ލިބިއްޖެއެވެ. އޭނާ ނިހާޔަތަށް ޙައިރާން ވިއެވެ. އޭނާ ހުރީ ޝަކުންތަލާގެ ބޭބެ މުސްލިމުންނާ ގުޅިވަޑައިގެންނެވިކަން ޤަބޫލު ކުރާން ތައްޔާރަކަށް ނޫނެވެ. އޭނާ މުސްލިމުންނަށް އެހީ ވެވަޑައިގަތުމަށް އެ ހިސާބުގަނޑުން ލަޝްކަރެއް އެއް ކުރައްވައިގެން ކަލަންޖަރަށް ވަޑައިގެންފާނެ ކަމަކަށް އޭނާގެ ހިތަކަށް ނުފެނުނެވެ. ނަމަވެސް އޭނާ އަރާ ކޮންމެ އަވަށެއްގެ މީހުން އެ ވާހަކަ ތެދު ކުރެއެވެ. މިހާރު އޭނާގެ ކުރިމަތީގައި ވާ އެންމެ މުހިއްމު ސުވާލަކީ އެކަން ޝަކުންތަލާއަށް ވިސްނައިދޭނެ ގޮތެކެވެ. އޭނާ އޭނާގެ އަމިއްލަ ނަފުސާ ސުވާލު ކުރެއެވެ. އަހަރެން އެނބުރި ގޮސް ޝަކުންތަލާގެ އަރިހުގައި ދަންނަވާނީ ކީކޭބާއެވެ! ދަރިފުޅުގެ ބޭބޭފުޅު ދީނާއި ވަޠަނުގެ ދުޝްމަނަކަށް ވެވަޑައިގެންފިއޭ ދަންނަވާނީ ހެއްޔެވެ؟
ކީދާރުނާތު ރަންބީރުގެ ރަށަށް ދިޔުމުން، ކަލަންޖަރުގެ ލަޝްކަރު ބަލި ވި ވާހަކަ އިވިފައި އޭނާ ވަރަށް ބޮޑަށް ހިތްދަތި ވިއެވެ. ކުރީއްސުރެ ރަންބީރާ މެދު އޭނާގެ ހިތުގައި އޮތީ ނަފްރަތު އުފެދިފައެވެ. ކަލަންޖަރާ ބެހޭ ޚަބަރުގެ ސަބަބުން އެ ނަފްރަތު ދިޔައީ އިތުރު ވެގެންނެވެ. އޭނާ އެރަށުގެ އެއްވެސް މީހަކާ ރަންބީރުގެ ކޮއްކޮގެ ވާހަކައެއް ނުދައްކައެވެ. އޭނާ ކޯރު ހުރަސް ކޮށްފައި އޭނާގެ އަންހެނުންގެ ތިމާގެ މީހުންގެ ގާތަށް ހިނގައްޖެއެވެ. އޭނާ ދުވަސްކޮޅެއް ވާންދެން ސިކުނޑީގެ ހިތާމަވެރި އަރައިރުމެއްގައި ހައްޔަރު ވެގެން އުޅުނެވެ. ބައެއް ފަހަރު އޭނާގެ ހިތަށް އަރައެވެ. ރަންބީރު އެނބުރިވަޑައިގަންނަވާންދެން، އިންތިޒާރު ނުކޮށް އެނބުރި ރަށަށް ދާން ވީއެވެ. ބައެއް ފަހަރު އޭނާގެ ޟަމީރުގެ އަޑު އެކަމާ ދެކޮޅު ހަދައެވެ.
ހަތަރު ދުވަސް ފަހުން، އޭނާއަށް ރަންބީރު ގެއަށް ވަޑައިގެންނެވި ޚަބަރު ލިބިއްޖެއެވެ. ހަމަ އެއާއެކު، ކަލަންޖަރުގެ ހަނގުރާމައިގައި ރަންބީރު ވެދެއްވި އެހީފުޅުގެ ބަދަލުގައި سلطان محمود އޭނާ އެ ހިސާބުގަނޑުގެ ހުރިހައި އަމީރުންގެ ވެރިޔަކަށް ހެއްދެވި ޚަބަރު ވެސް ލިބުނެވެ. އެ ޚަބަރު ލިބުމުން، އެހައިތަނަށް އޭނާގެ ހިތުގައި ކުޑައިކޮށް މައިތިރި ވެފައި ވާ ނަފުރަތުގެ އަލިފާންގަނޑު އަނެއްކާވެސް ހުޅު ފަޅައިގެންފިއެވެ. އޭނާ އެންމެފަހުން ގޮތެއް ކަނޑައަޅައިފިއެވެ. "އަހަރެން ދެން މި ރަށަކަށް ނާންނާނަމެވެ. އަހަރެން އޭނާއާ ބައްދަލެއް ނުވާނަމެވެ. އޭނާއަށް އަހަރެމެންގެ ދީނުގެ ދުޝްމަނުންނާ ގުޅުން އުފެއްދެވުމަށް ފަހު، ޝަކުންތަލާ ކަހަލަ ދޭވީއެއްގެ ބޭބެއަކަށް ވެވަޑައިގަތުމުގެ ޙައްޤެއް ނެތެވެ. ޝަކުންތަލާ ދެން ބައްލަވާން ވީ އޭނާގެ ބޭބެ އަވަހާރަ ވެއްޖެ ކަމުގައެވެ."
ކީދާރުގެ އަންހެނުން އިނީ ގޯތިތެރޭގައި އުއި ވަށާށެވެ. އަވަށުގެ ބޭރުން ކުދީން ހަޅޭއްލަވާ އަޑު އޭނާއަށް އިވޭން ފަށައިފިއެވެ. "ބޭބެ އަތުވެއްޖެއެވެ! ބޭބެ އަތުވެއްޖެއެވެ!" އިރުކޮޅެއްގެ ފަހުން ކީދާރުނާތު ގޯތިތެރެޔަށް ވަދެއްޖެއެވެ. އޭނާ އެކި ފަރާތްފަރާތް ބަލައިލައިފައި ސުވާލު ކުރިއެވެ. "ޝަކުންތަލާ ކޮބައިހެއްޔެވެ؟"
އޭނާގެ އަންހެނުން ޖަވާބު ދިނެވެ. "އޭނާ ވީ ޓާކުރުގެ ދަރިކަނބަލުންގެ އަރިހުގައެވެ. ކަލާ ވަރަށް ގިނަ ދުވަސް ކުރައްވައިފީމުއެވެ. އޭނާގެ ބޭބެގެ ޚަބަރެއް ލިބިލެއްވިތޯއެވެ؟"
ކީދާރުނާތު ޖަވާބު ދިނުމުގެ ބަދަލުގައި ގޮނޑިއެއް ކައިރި ކޮށްލައިފައި އޭނާގެ އަންހެނުންގެ ގާތުގައި އިށީނދެއްޖެއެވެ. ކީދާރުނާތުގެ އަންހެނުންނަށް އޭނާގެ މޫނުމަތީން ކަންބޮޑުވުމުގެ އަސަރު ފެނުމުން އޭނާގެ ސުވާލު ތަކުރާރު ކުރުން ރަނގަޅު ކަމަކަށް ނުފެނުނެވެ. އޭނާ ފިރޯށި ބާއްވައިފައި ތެދު ވަމުން ބުންޏެވެ. "އަޅުގަނޑު ހަމަ މިހާރު ނާސްތާއެއް ތައްޔާރު ކޮށްލާނަމެވެ."
"ނޫނެކެވެ. އަހަރެން މަގުމަތީން ދިމާ ވި އަވަށަކުން ކައިފީމެވެ. ފިނި ފެންތަށްޓެއް ގެންނާށެވެ!"
"ކިރުތަށްޓެއް ގެންނަންތޯއެވެ؟"
"ނޫނެކެވެ. ހުސް ފެނެވެ."
ކީދާރުނާތުގެ އަންހެނުން ފެންތަށްޓެއް ހިފައިގެން އައިސް ކައިރީގައި ހުރި އެހެން ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކީދާރުނާތު ފެން ބުއިމަށް ފަހު އަންހެނުންނާ ދިމާޔަށް އެނބުރިފައި ބުނެފިއެވެ.
"ޝަކުންތަލާއަށް ހަގީގަތް އެނގިވަޑައިގެންފި ނަމަ އޭނާ ދެރަފުޅު ވާނެ ވަރުން އަހަރެން ބިރު ގަނެއެވެ."
"ކީއް ވީތޯއެވެ؟" އަންހެނުން ކަންބޮޑު ވެގެން ސުވާލު ކުރިއެވެ.
ކީދާރުނާތު ޖަވާބު ދިނެވެ. "އޭނާގެ ބޭބެ ރަށް ހިއްޕަވައިފިއެވެ. ނަމަވެސް އޭނާ މުސްލިމުންނާ ބައިވެރި ވެވަޑައިގެންފިއެވެ. މުސްލިމުން ގުނޫޖަށް ޙަމަލަ ދިނުމަކީ ވެސް އޭނާގެ ޣަދަރުވެރިކަމުގެ ނަތީޖާއެވެ. ކަލަންޖަރުގެ ހަނގުރާމައިގައި ވެސް އޭނާ މުސްލިމުންނަށް އެހީތެރި ވެދެއްވިއެވެ. އޭނާގެ މަސައްކަތްޕުޅުން އެ ހިސާބުގަނޑުގެ ހުރިހައި އަމީރުން މުސްލިމުންނަށް ކިޔަމަންތެރި ވެވަޑައިގެންފިއެވެ. އެ ބޭފުޅުން ވެސް ކަލަންޖަރުގެ ހަނގުރާމައިގައި މުސްލިމުންނާ ބައިވެރި ވެވަޑައިގެންނެވިއެވެ."
އަންހެނުން ބުންޏެވެ. "ޝަކުންތަލާގެ ބޭބެ ތިޔަ ފަދަ ކަމެއް ކުރައްވައިފާނެކަން ގަބޫލު ކުރާން ވެސް އަޅުގަނޑަށް ދައްޗެވެ. ޝަކުންތަލާ އޭނާގެ ބޭބެއާ މެދު ޚިޔާލު ކުރައްވަނީ އިންސާނެއް ކަމުގައެއް ނޫނެވެ. ދޭވަތާއެއް ކަމުގައެވެ. ކަލާކޮއްޓަކައި ތިޔަ ވާހަކަ ޝަކުންތަލާ ގާތު ނުބުނުއްވާށެވެ. އޭނާ އަވަހާރަ ވެދާނެއެވެ. މީހުން ކުރާ މަލާމާތަކަށް އޭނާއަށް ކެތެއް ނުކުރެއްވޭނެއެވެ."
"ނަމަވެސް އޭނާއަށް އޮޅުވައިލައިގެން ތިބުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ."
ކީދާރުނާތުގެ އަންހެނުން ޖަވާބު ދިނެވެ. "އޭނާ ދީނުން ބޭރު ވެ ނަޖިސް ވެއްޖެ ކަމުގައި ވާނަމަ، ޝަކުންތަލާއާ އޭނާއާ ދެމެދުގައި ހުރި ހުރިހައި ތިމާގެކަމެއް ކެނޑުނީއެވެ. ޝަކުންތަލާ ދިރިހުންނަވައި އޭނާގެ ގާތަށް ވަޑައިގެންނެވުން އެއްކިބައިގައި އޮއްވައި، އަވަހާރަ ވުމަށް ފަހު ވެސް އެފަދަ ބޭބެއަކު އޭނާގެ ހަށިކޮޅުގައި އަތްޕުޅު ލައްވާކަށެއް ވެސް ޝަކުންތަލާ ޤަބޫލުފުޅެއް ނުވާނެއެވެ. ކަލާކޮށްޓަކައެވެ. ކަލާ ޝަކުންތަލާ އަރިހު ތިޔަ ވާހަކަ ނުދައްކަވާށެވެ. ރަންބީރު އޭނާގެ ރަށަކަށް ވަޑައެއްނުގަންނަވައޭ ބުނުއްވާށެވެ. އޭނާއަށް އޭނާގެ ބޭބެ އަވަހާރަ ވެއްޖެކަން ވިސްނައިވަޑައިގަތުން މާ ފަސޭހަ ވާނެއެވެ. މި މައްސަލަ ސިއްރު ވެފައި އޮވެއްޖެ ނަމަ އަޅުގަނޑުމެންނަށް ޝަކުންތަލާ ކޮންމެވެސް ރަނގަޅު ކުއްޖަކާ ކާވެނި ކޮށްދެވިދާނެއެވެ. ޓާކުރުގެ އަނބިކަނބަލުން ވެސް ޝަކުންތަލާއަށް ވަރަށް ހެޔޮފުޅެވެ. އޭނާ އޭނާގެ ދަރިކަލުންނާ ޝަކުންތަލާއާ ކާވެނި ކޮށްދެއްވާން ޤަބޫލު ވެވަޑައިގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭނާއަކީ ރަންބީރު ކަހަލަ ބޭބެއެއްގެ ކޮއްކޮއެއްކަން މީހުންނަށް އެނގިއްޖެ ކަމުގައި ވާނަމަ އޭނާއާ އެއްވެސް ބަޔަކު ނުރުހޭނެއެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް