އިންސްޓަގްރާމުން ފުރަތަމަ ފަހަރަށް އެޕަލްގެ ސްޓްރީމިން ޑިވައިސް ކަމަށްވާ އެޕަލް ޓީވީއަށް ހާއްސަ އެޕެއް ތައާރަފުކޮށްފިއެވެ. އެޕަލްގެ ރިލީޒް މެޓަޑޭޓާއިން ދައްކާ ގޮތުގައި، މި އެޕްގެ 66.0 ވަނަ ވާޝަން ނެރެފައިވަނީ ހުކުރު ދުވަހުއެވެ. މީގެ ކުރިން މިދިޔަ އޮކްޓޫބަރު 19 ގައި އެޕް ސްޓޯރުގައި ހުރި މައުލޫމާތުތަކުގައި ހިމަނާފައިވަނީ ހަމައެކަނި އައިފޯނާއި އައިޕެޑް ކަމަށް މެކްރޫމާސްއިން ރިޕޯޓުކޮށްފައިވެއެވެ.
އެޕަލްގެ އެޕް ސްޓޯރުގައި އިންސްޓަގްރާމުން ލިޔެފައިވާ ރަސްމީ ތަފުސީލުތަކުގައިވާ ގޮތުން، މި އެޕް މެދުވެރިކޮށް ކުރު ރީލްސްތަކާއި، ދިގު ވީޑިއޯތަކާއި، ލައިވް ޝޯތައް ގޭގެ ބޮޑު ސްކްރީނުން ބަލައިލެވޭނެ އެވެ. މީގެ އިތުރުން، އެއް ޑިވައިސުން ވީޑިއޯ ބަލަމުން ގޮސް ހުއްޓާލި ހިސާބުން އެހެން ސްކްރީނަކުން ބެލުން ކުރިއަށް ގެންދިއުމުގެ ހިދުމަތާއި، އާއިލާއާއި ރަހުމަތްތެރިންނާއެކު އެކުގައި ވީޑިއޯ ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ލިސްޓިންގައި ބަޔާންކޮށްފައިވެއެވެ. 660.9 މެގަބައިޓްގެ މި ހިލޭ އެޕް ބޭނުންކުރުމަށް ޓީވީއޯއެސް 26.0 ނުވަތަ އެއަށްވުރެ ފަހުގެ ވާޝަނެއް ބޭނުންވާއިރު، އިނގިރޭސި ބަހުގެ އިތުރުން 45 ބަހަކުން މި އެޕް ބޭނުންކުރެވޭނެ ކަމަށް އެޕް ސްޓޯރުގެ މައުލޫމާތުތަކުން ހާމަވެއެވެ.
މި ފީޗާތައް އެޕް ސްޓޯރުގެ ތަފުސީލުގައި ހިމަނާފައިވީ ނަމަވެސް، އޭގައި ބަޔާންކޮށްފައިވާ ހުރިހާ ބާވަތެއްގެ ކޮންޓެންޓް ވަގުތުން ލިބެން ހުންނާނެކަން ހަމައެކަނި އެ ލިސްޓިންއިން ކަށަވަރު ނުވާ ކަމަށް ގެޖެޓްސް ނައުއިން ރިޕޯޓުކޮށްފައިވެއެވެ.
އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއިން މިދިޔަ ޖޫން މަހު އާންމުކުރި ޕޯސްޓެއްގައި ލިޔެފައިވަނީ، ކްރިއޭޓަރުންގެ ދިގު ވީޑިއޯތަކާއި، އެޕިސޯޑް ސީރީޒްތަކާއި، ލައިވް ބްރޯޑްކާސްޓްތައް ގެނެސްދިނުމަށް ދިރާސާކުރަމުންދާ ކަމަށެވެ. އިންސްޓަގްރާމްގެ ޓީވީ އެޕް އެންމެ ފުރަތަމަ ތައާރަފުކުރީ ޑިސެންބަރު 2025 ގައި އެމެރިކާގައި އެމެޒަން ފަޔާ ޓީވީއަށެވެ. އޭގެ ފަހުން ގޫގުލް ޓީވީއަށާއި، މިދިޔަ ޖޫން މަހު ސެމްސަންގް ޓީވީތަކަށް ވެސް އެ އެޕް ވަނީ ތައާރަފުކޮށްފައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް