އޮޅުވާލައިގެން ވެރިފިކޭޝަން ކޯޑުތައް ހޯދުމަށްފަހު ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ގިނަވެ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހިންގާފައިވާ ތަހުގީގުތަކުން ފާހަގަކުރެވޭ ގޮތުގައި، ކުށްވެރިން ފޯނު ކޯލާއި ޓެކްސްޓް މެސެޖުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައި، އީ-ސިމް ބަދަލުކޮށް، ޑިޖިޓަލް ވޮލެޓް ހެދުން ފަދަ އެކި އުކުޅު ބޭނުންކުރެއެވެ.
މި މީހުން އާންމުކޮށް ބޭނުންކުރާ ގޮތަކީ ޝިކާރައަކަށްވާ މީހާއަށް ގުޅައި، އެ ނަންބަރަކީ ކުރިން ގުޅާ މީހާ ގެންގުޅުނު ނަންބަރެއް ކަމަށް ދައްކައި ކޯޑުތައް ހޯދުމެވެ. މީގެ އިތުރުން، ބޭރު ގައުމަކުން އައީ ކަމަށް ބުނެ، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ ރިކަވާކުރަން ބޭނުންވާ ކަމަށް ހެދިގެން ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ދިނުމަށް އެދެއެވެ.
މިގޮތަށް ކޯޑު ހިއްސާކުރުމުގެ ނުރައްކާ ވަރަށް ބޮޑެވެ. ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް ގެއްލުމުގެ ބަދަލުގައި، ލިބޭ ކޯޑާއި ލިންކު ބޭނުންކޮށްގެން ކުށްވެރިން ބޭންކް އެކައުންޓްތަކާއި ޑިޖިޓަލް ވޮލެޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ނަގައި، ފައިސާގެ ބޮޑެތި ގެއްލުން ދެމުންދެއެވެ.
ފޯނުން ގުޅައިގެން ނުވަތަ މެސެޖު ފޮނުވައިގެން އޯޓީޕީ ނުވަތަ ވެރިފިކޭޝަން ކޯޑު ހޯދަން އެދޭ ކޮންމެ ފަހަރަކު، އެއީ ސްކޭމެއް ކަމަށް ބަލައި އެފަދަ ކޯޑެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ޝައްކުކުރެވޭ ފަދަ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ވަގުތުން އެކަން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކޮށް، އަދި އެކައުންޓުތައް ފްރީޒްކުރުމަށްޓަކައި އެ ބޭންކަކާ ގުޅުމަށް ފުލުހުން އެދެއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާ އެކައުންޓުތައް ރިކަވާކުރުމަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ސަޕޯޓްގެ އެހީ ނުވަތަ ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ އެހީ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް