ސްކޭމް ކޮށްގެން މީހުންގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ފ. ނިލަންދޫ ނަޒުމު އިބްރާހިމް މުއާޒް އާއި ދަފްތަރު ނަމްބަރު ރސ 7006 މުހައްމަދު ރީހާން އާއި ޏ. ފުވައްމުލައް ގޯލްޑަންގޭޓް އިބްރާހިމް ޝާރިފްއެވެ.
މީގެ ތެރެއިން އިބްރާހިމް ޝާރިފް އާއި އިބްރާހިމް މުއާޒު ހައްޔަރުކޮށްފައި ވަނީ، މަކަރާއި ހީލަތުން (ސްކޭމްކޮށްގެން) މީހެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައިއެވެ.
އެއީ މީހަކަށް ގުޅައި، އޮޅުވާލައިގެން އޯޓީޕީ (OTP) ކޯޑު ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކު އެކައުންޓަށް ވަދެ، އެ އެކައުންޓުން 63,000 ދިވެހި ރުފިޔާ އާއި 21,000 އެމެރިކާ ޑޮލަރު (ޖުމުލަ 386،820 ރުފިޔާ) މަކަރާއި ހީލަތުން ފޭރިގެންފައިވާ މައްސަލައެކެވެ.
މި ދެ މީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކުރީ 30 ދުވަހަށެވެ.
މީގެ އިތުރުން އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މުހައްމަދު ރީހާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ 15 ދުވަހަށެވެ.
އޭނާ ހައްޔަރުކުރީ، ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ މައްސަލައެއްގައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް