ކޮޕް31 ގެ ހަވާސާގައި ބޭއްވި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ލީޑަރުންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމުގެ ސަބަބުން ލުއިގޮތަކަށް މޫސުމީ ފައިނޭންސް ހޯދުމަށް ހުރަސް ނޭޅޭނެ ގޮތަށް ނިޒާމު ބައްޓަންކުރުމަށް ގޮވާލައްވައިފިއެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި 2040 ވަނަ އަހަރު ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހޯދުމަކީ ރާއްޖޭގެ އަމާޒެއް ކަމަށާއި، މޫސުމީ ބަދަލުތަކަކީ އެ އަމާޒަށް ވާސިލުވުމުގައި އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން، މޫސުމީ ފައިނޭންސާއި މާލީ އިސްލާހާއި ކަންކަން ތަންފީޒުކުރުމަށް ސަމާލުކަންދީ، އަމަލީ ފިޔަވަޅުތައް އެޅުމުގެ މައްޗަށް ބާރު އެޅުއްވިއެވެ.
މޫސުމީ ފައިނޭންސްއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ފަންޑިން ބޭނުންވާ މިންވަރަށް ފޯރުކޮށްދެވޭ، ފަސޭހައިން ލިބޭ، ލަފާކުރެވޭ، އަދި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެއްޗެއް ކަމުގައި ވާންޖެހޭ ކަމަށެވެ. އެޑެޕްޓޭޝަން ފައިނޭންސް އިތުރުކުރުމާއެކު، "ސުޕާ އެލް ނީނޯ"އެއް ލަފާކުރެވޭ ހިނދު ލޮސް އެންޑް ޑެމޭޖް ފަންޑަށް އަވަސް ފައިސާ ހޯދުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވީ، އެ ގައުމުތަކުން އުފެއްދުމުގައި ބައިވެރިވުން ކުޑަ ކާރިސާއަކަށް ހައްލު ހޯދަން ބޮޑު އިންޓަރެސްޓް ރޭޓުގައި ދަރަނި ނެގުމަށް ގައުމުތަކަށް މަޖުބޫރުކުރުވައިގެން ނުވާނެ ކަމަށާއި، މޫސުމީ ފިޔަވަޅު އެޅުމުގެ ނަމުގައި ތަރައްގީ ހީނަރުވާނެ ދަރަނީގެ ބުރައެއް ބޮލުގައި އެޅުވިގެން ނުވާނެ ކަމަށެވެ.
މާލީ ނިޒާމުގެ އިސްލާހާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވީ މިހާރު އޮތް ފައިނޭންސިން އިންތިޒާމުތަކުގެ ސަބަބުން ނާޒުކު ގައުމުތައް ބޮޑެތި ހަރަދު ހިނގާ ލޯނަށް ބަރޯސާވެ، ދަރަނި ބޮޑުވެ، ފިސްކަލް ޖާގަ ހަނިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން އިންވެސްޓްމަންޓުތަކުގެ ދިގު ރާސްތާ އިގުތިސާދީ ފައިދާ ދެނެގަތުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
މޫސުމީ ވައުދުތައް ހަގީގީ ނަތީޖާއަށް ބަދަލުވާން ޖެހޭ ކަމަށް ރައީސް ވަނީ ބާރުއަޅުއްވައިފައެވެ. އަދި އެ މަސައްކަތްތައް ކާމިޔާބުކުރުމަށް އެކަށީގެންވާ ފައިނޭންސާއި ޓެކްނޮލޮޖީ ޓްރާންސްފާ އަދި އަމަލީ އެހީ ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުން ޗެރިޓީ ނުވަތަ ހަމްދަރުދީގެ ބަދަލުގައި ބޭނުންވަނީ މޫސުމީ އިންސާފު ކަމަށެވެ. އަދި ގުޅިގެން މަސައްކަތްކުރުމުގެ ހަގީގީ އިމްތިހާނަކީ ވެވޭ ވައުދުތައް ނޫން ކަމަށާއި، ހާސިލުވާ ނަތީޖާ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް