ޕެންޝަން ފައިސާގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި 100 މިލިއަން ރުފިޔާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ އެ އޮފީހުގެ އަމާޒެކެވެ.

ޔަޒްމީދު ވިދާޅުވި ގޮތުގައި، ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާން ޖެހޭ ބައެއް ފަރާތްތަކުން އަދިވެސް ސްކީމުގައި ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން އެ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. ޕެންޝަން ފައިސާ ދައްކާން ޖެހޭނެ ކަމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ނުދައްކާ ހުރި 100 މިލިއަން ރުފިޔާ ރިކަވާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ކުރައްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

17 އޮކްޓޯބަރު 2026، ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޕެންޝަން އޮފީސް

ޕެންޝަން އޮފީހަށް 17 އަހަރު ފުރިފައިވާ އިރު، މިހާތަނަށް ޕެންޝަން ފަންޑަށް 30 ބިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގެ މެންބަރުންގެ ކޮންޓްރިބިއުޝަނާއި އިންވެސްޓްމަންޓްތަކުން ލިބުނު ފައިދާ ހިމެނެއެވެ. ޔަޒްމީދު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މި އަދަދު ދެގުނަ ކުރުމަކީ އެ އޮފީހުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި، ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް އިންވެސްޓް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯދައި، ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކުރުމަށް ވަނީ ނިންމައިފައެވެ. ޔަޒްމީދު ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެ ގޮތަށް ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމު މިހާރު ވަނީ ތަރުތީބުކޮށްފައެވެ.

17 އޮކްޓޯބަރު 2026، ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޕެންޝަން އޮފީސް

ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ 3ޖެން ވޯކް ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ. މީގެ އިތުރުން، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމާއި ރިޓަޔަމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން އާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ އަމާޒެކެވެ. މި ހަރަކާތުގެ ތެރެއިން އާއިލާތަކާއި މުޅި މުޖުތަމައު އެކުވެރިކަމާއެކު އެއްތަނަކަށް ޖަމާވެ، ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ބޭއްވުމުގައި ހަނިމާދޫ ކައުންސިލާއި، މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި ޔަޒްމީދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.