ފެނަކަ ކޯޕަރޭޝަންގެ ހިޔާނާތުގައި ބައިވެރިކަމަށްބުނާ 13 މުވައްޒަފެއްގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިއަށްގެންދާ، މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ފެނަކަ ކޮރަޕްޝަނުގައި ބައިވެރިވި މުވައްޒަފުންގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

ކޮމިޓީގެ އެންގުމާ އެއްގޮތަށް އެ މުވައްޒިފުންގެ މައުލޫމާތު މިއަދު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފެނަކައިން ފޮނުވާފައިވާ މައުލޫމާތުގެ ތެރޭގައި، ކުންފުނީގެ 13 މުވައްޒަފެއްގެ މައުލޫމާތު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމެންޓާއި ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ ހެޑްއޮފް ޑިޕާޓްމަންޓު ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވާ 66 މުވައްޒަފުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ކުންފުނިން ވަކިކޮށްފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގައި ބައިވެރިވި ބައެއް މުވައްޒަފުން އަދިވެސް ކުންފުނީގެ އެކި ވަޒީފާތަކުގައި ތިބިކަމުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.