ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީ ދައްކައިގެން ރާއްޖެ އެތެރެކުރާ ސިނގިރޭޓަށްވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވަގަށް ސިިނގިރޭޓް އެތެރެކުރާ މައްސަލަ އާއި ގާނޫނާ ހިލާފު ވޭޕްގެ މައްސަލަތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާ ކުރުމަށްފަހު އެއާ ބެހޭ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދައުލަތަށް އާމްދަނީގެ ގޮތުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް އެ އަދަދަށް ދައުލަތަށް ޑިއުޓީ ލިބެމުން ނުދާ ކަމަށެވެ.
އެންމެ ބޮޑު ސަބަބަކީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމި ފަހުން ސިނގިރޭޓުން ލިބެން ޖެހޭ އިމްޕޯޓް ޑިއުޓީ ދައުލަތަށް ނުވަނުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޑިއުޓީއަށް ބަދަލު ގެނައި ފަހުން ސިނގިރޭޓްގެ ކަންކަމަށް ވެގެން ދާ ގޮތުންނާއި ވޭޕް މަނާކުރި ފަހުން ވޭޕްގެ ކަންކަން ވެގެން މިދާ ގޮތުން ކަންބޮޑުވާން ޖެހޭ ފަދަ މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް ސަރުކާރުން މަނާކުރީ ހެޔޮނިޔަތެއްގައި ކަމަށެވެ. ނަމަވެސް އޭގެ ފަހު ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ވޭޕާއި ސިނގިރޭޓް ވިއްކާ ސޯޝަލް މީޑިއާ އެކައުންޓުތައް އުފެދިފައިވާކަން ނާޒިމް ފާހަަގަ ކުރެއްވިއެވެ.
އެތަކެތި އެތެރެވަނީ ކަސްޓަމުން ކަމަށާއި އެހެންކަމުން ކަސްޓަމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެކަންތައްތަކަށް ރިއާޔަތްކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ކަންކަން ތަންފީޒު ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކޮންމެހެން ތަންފީޒު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް
އަހުމަދު ނާޒިމް މަޖިލިސްގެ ކުރީގެ މެންބަރު އަދި ނައިބުރައީސް